ބައިނަލް އަގުވާމީ މުދައްރިސުންގެ ދުވަހާއި ގުޅުވައިގެން ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް) އިން ކުރިއަށް ގެންދާ “މުދައްރިސުންގެ އަޖައިބު ރޭސް” ގައި 24 ޓީމުން ބައިވެރިވެއްޖެއެވެ.
ދެކުނުގެ 4 އަތޮޅުގެ ސްކޫލް ތަކުގެ މުދައްރިސުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ މި މުބާރާތުގައި އައްޑޫސިޓީ، ފުވައްމުލައް އަދި ގާފު އަލިފު އަތޮޅުން ވަނީ ބައިވެރިވެފައެވެ.
އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހު ކުރިއަށް ގެންދާ މި މުބާރާތުގައި އައްޑޫސިޓީން 12 ޓީމު ، ފުވައްމުލަކުން 5 ޓީމު އަދި ގއ އިން 7 ޓީމު ވަނީ ބައިވެރިވެފައެވެ.
މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެ އަތޮޅެއްގެ ހަރަކާތް އެ އަތޮޅެއްގައި ވަކިން ނެވެ. ނަމަވެސް ހަރަކާތް ކުރިއަށް ގެންދާނީ ސްކީމްގެ އަތޮޅު ޗެޕްޓަރ ތަކުގެ ބެލުމުގެ ދަށުން އެއްދުވަހެއްގެ އެއްވަގުތެއްގަައެވެ.
މުދައްރިސުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ މި ރޭހުގައި ދެކުނުގެ 4 އަތޮޅުގެ ސްކޫލްތަކުން މުދައްރިސުންގެ ޓީމްތަކުން ބައިވެރިވެވޭ އިރު، ކޮންމެ އަތޮޅަކުން 1 ވަނަ 2 ވަނަ އަދި 3 ވަނަ ޓީމު ހޮވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ކޮންމެ އަތޮޅަކުން ވެސް 1 ވަނަ ހޯދާ ޓީމަކަށް ރާއްޖޭން ބޭރުން ތައުލީމީ ދާއިރާއާއި ގުޅުން ހުރި ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު ސްކީމުން ހޯދައިދޭނެއެވެ. މީގެ އިތުރުން ވެސް ތަފާތު އެކިވަނަ ތަކަށް އިނާމު ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.
“މުދައްރިސުންގެ އަޖައިބު ރޭސް” ގައި ގިނަ ފަރާތްތަކަކުން ވަނީ ސްޕޮންސަރ ގެ ގޮތުގައި އެހީތެރިކަން ފޯރުކޮށް ދެއްވަވާފައެވެ. އެގޮތުން މުބާރާތުގެ ޕްރިންޓިން ޕާޓްނަރ ގެ ގޮތުގައި ކޮންޓްރޯލް ޕީ އިން އެހީތެރިކަން ފޯރުކޮށް ދެއްވަވާފައިވާއިރު އީކުއޭޓަރވިލެޖް، ޕުލްމަން މޯލްޑިވްސް މާމުތާ، ޗާމިން ގެސްޓްހައުސް، މަލްޓި ސްޕަމާޓް(އައްޑޫސިޓީ)، ވައިޓްކޮލަރ ކޮފީ ކުލަބް(ފުވައްމުލައް) ސިތާނާ(ފުވައްމުލައް) އައްސެރިއާ(ފުވައްމުލައް) އަލީލާ (ގއ.ވިލިނގިލި) އެކެފަރު އިން (ގަ.ވިލިގިނލި) ފްރީ ސައިޒް މޯލްޑިވްސް (ގއ.ވިލިނގިލި) ތިއަރީ ޕްރީ ސްކޫލް (ގއ.ވިލިނގިލި) އިން ވަނީ ސްޕޮންސަރ ގެ އެހީތެރިކަން ފޯރުކޮށް ދެއްވަވާފައެވެ.
މީގެ އިތުރުން އައްޑޫސިޓީ ޕޮލިސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އައްޑޫ ނޭޗަރ ޕާކު، ފުވައްމުލަކު ކައުންސިލް ، ފުވައްމުލަކު ނޭޗަރ ޕާކު، ފުވައްމުލަކު ޒުވާނުންގެ މަރުކަޒު، ފުވައްމުލަކު ޕޮލިސް، ރެޑްކްރެސެންޓް، ހޮސްޕިޓަލް، ގއ. ވިލިނގިލި ކައުންސިލް ، ވިލިނގިލި ޕޮލިސް ފަދަ ތަންތަނުން މި އިވެންޓަށް އެހީތެރިކަން މިހާރުވެސް ގެންދަވަނީ އެހީތެރިކަން ފޯރުކޮށް ދެއްވަވަމުންނެވެ.
މި މުބާރާތް ކުރިއަށް ގެންދާ ވަގުތު މުބާރާތުގެ ލައިވް ކަވަރޭޖް “އޭއޯ ނިއުސް” އިން ކުރިއަށް ގެންދާނެއެވެ.
ޓްރެޝަރ ހަންޓް ސްޓައިލަށް ތަފާތު ގިނަ ހަރަކާތް ތަކަކާއެކު ކުރިއަށް ގެންދާ މި ހަރަކާތަކީ ބައިނަލް އަގުވާމީ މުދައްރިސުންގެ ދުވަހާ ގުޅުވައިގެން މުދައްރިސުން ކުރަމުން ގެންދަވާ ބުރަ މަސައްކަތްތަކުގެ އަގުވަޒަންކޮށް، މުދައްރިސުންނަށް އުފާވެރި ވަގުތުތަކެއް ހޯދައިދީ ދޭދޭމުދައްރިސުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ފުރުސަތު ހޯދައިދިނުމުގެ މަގުޞަދުގައި “ސްކީމް” އިން އިސްނަގައިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.
ސްކީމަކީ ރާއްޖޭގެ ދެކުނުގެ 4 އަތޮޅުގެ ހުރިހާ އުމުރު ފުރައެއްގެ ދެޖިންސުގެ މީހުންނަށް އަމާޒުކޮށްގެން ތަފާތު ދާއިރާތަކުން މީހުން ބާރުވެރިވެރިކުރުވައި މީހުން ބިނާ ކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ޖަމިއްޔާއެކެވެ. މި ޖަމިއްޔާ ރަސްމީކޮށް ރަޖިސްޓްރީ ކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޖޫން މަހުގައެވެ. މި ޖަމިއްޔާގައި ދެކުނުގެ 4 އަތޮޅުން ކުރެ ކޮންމެ އަތޮޅެއްގައި ޖަމިއްޔާ ތަމްސީލް ކުރާ އަތޮޅު ޗެޕްޓަރ އަކާއި އަދި ގައުމީ ހިންގާ ކޮމެޓީއެއް އެކުލަވާލާފައިވެއެވެ.
ސްކީމް އިން މިހާތަނަށް ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސްފައިވާ ހަރަކާތްތަކުގެ ތެރޭގައި ބައިނަލް އަގުވާމީ މުދައްރިސުންގެ ކޮންފަރެންސް ގައި ހުށަހަޅައި ދިން ދިވެހި ސަގާފީ ހަރަކާތާއި، ސިންގަލް ޔޫޒް ޕްލާސްޓިކް މަދުކުރުމުގެ މަގުސަދުގައި ލޯންކޮށްފައިވާ “ސްވިޗް” ހަރަކާތާއި މާޕް އާއި ގުޅިގެން ބޭއްވި އެޗް އާރު ބެސްޓް ޕްރެކްޓިސް އިވެންޓްގެ އިތުރުން އައްޑޫ ވިމެންސް އެސޯސިއޭޝަނާއި ގުޅިގެން ކުރިއަށް ގެންދިޔަ ލީޑަރޝިޕް ޕްރޮގްރާމު ހިމެނެއެވެ. މީގެ އިތުރުން ވެސް ކޮމިޔުނިޓީ އާއި ގުޅުން ހުރި ކޮންމެ ހަރަކާތެއް ދެކުނުގެ 4 އަތޮޅުގައި ހިންގާނަމަ އެ ހަރަކާތެއްގައި ސްކީމްގެ އަތޮޅު ޗެޕްޓަރ ތަކުން ގެންދަނީ ބައިވެރިވަމުންނެވެ.