English Edition
Dhivehi Edition

އައްޑޫސިޓީގައި ކުރިއަށް ގެންދިޔަ، މަގޭ ރަށް އިމަރޖިންގ ލީޑާރސް އެކަޑަމީ (އީ.އެލް.އޭ) ގައި ބައިވެރިވެ 16 ޒުވާނަކު ޕްރޮގްރާމު ފުރިހަމަކޮށްފިއެވެ.

މިއީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓް ބިއުރޯ އޮފް ޑިމޮކްރަސީ، ހިއުމަން ރައިޓްސް އެންޑް ލޭބަރގެ އެހީތެރިކަމާއެކު އިންޓަނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓް (އައި.އާރު.އައި) އިން ދެކުނުގެ 4 އަތޮޅުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމު އައްޑޫގައި ކުރިއަށް ގެންގޮސްފައިވަނީ ސަދަން ކޮމިޔުނިޓީ އެމްޕަވަރމަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް) އާއި ގުޅިގެންނެވެ.

3 ފޭސްއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މަގޭރަށް އީ.އެލް.އޭ ޕްރޮގްރާމުގެ ފުރަތަމަ ފޭސް އައްޑޫގައި ކުރިއަށް ގެންދިޔައީ މިއަހަރުގެ މާރޗް މަހުގެ 3 ވަނަ ދުވަހުން ފެށިގެން 5 ވަނަ ދުވަހުގެ ނިޔަލަށެވެ. ފުރަތަމަ ފޭސްގައި އުމުރުން 18 އަހަރާއި 29 އަހަރާ ދެމެދުގެ ޒުވާން ލީޑަރުން އެއްކޮށް، ރައްޔިތުންގެ ކަންބޮޑުވުންތައް ދެނެގަނެ، މައްސަލަތައް ބިނާކޮށް ވަކާލާތުކުރުމުގެ ކެމްޕޭންތަކާއި ހަރުދަނާ ސިޔާސަތުތައް ހުށަހެޅުމަށްޓަކައި އެމީހުންނަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި މާލީ އެހީތެރިކަން ފޯރުކޮށްފައިވެއެވެ. އަދި ހަމައެއާއެކު މި ޕުރޮގުރާމުގައި ޢިލްމާއި ލީޑަރޝިޕް ތަރައްޤީކުރުމަށާއި، މަސައްކަތްތައް ބަހާލައިގެން ކުރާނެ ގޮތްތަކުގެ އިތުރުން ކުދިކުދި މަޝްރޫޢުތައް ތަންފީޒު ކުރުމަށް ދަސްކޮށްދީފައިވެއެވެ.

އަދި ފުރަތަމަ ފޭސްގައި ބައިވެރިންނަށް ދެވުނު މައުލޫމާތާއި އެއްގޮތަށް ކޮމިޔުނިޓީ ޕްރޮގްރާމެއްގެ ޕްރޮޕޯސަލް ޑިޒައިން ކޮށް ހުށަހެޅުމަށް ފަހު 2 ވަނަ ފޭސް ގައި ބައިވެރިންވަނީ މި ޕްރޮޕޯސަލްތައް ހުށަހަޅާފައެވެ.

މަގޭ ރަށް އިމަރޖިންގ ލީޑާރސްގެ 2 ވަނަ ފޭސްގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ޢިލްމާއި ލީޑަރޝިޕް ތަރައްޤީކުރުމަށާއި، މަސައްކަތްތައް ބަހާލައިގެން ކުރާނެ ގޮތްތަކުގެ އިތުރުން ކުދިކުދި މަޝްރޫޢުތައް ތަންފީޒު ކުރުމަށެވެ. އަދި ދެމެހެއްޓެނިވި ތަރައްގީގައި ރައްޔިތުން ގެ ބައިވެރިވުން ހޯދުމާއި އަދި އެފަދަ ކަންކަން ހިންގުމާއި ގުޅޭ ގޮތުންނެވެ.

3 ވަނަ ފޭސް މި މަހުގެ 6 ވަނަ ދުވަހު ނިންމާލިއިރު މި ފޭސްގައި ކުރިއަށް ގެންގޮސްފައިވަނީ ޔޫތް އެޑްވަކެސީ އާއި ސިވިކް އެންގޭޖްމަންޓްގެ އިތުރުން ސިޔާސީ ދާއިރާގައި ޒުވާނުންގެ ދައުރު ފުޅާކުރުމާއި އިޖުތިމާއީ މަސައްކަތްތަކުގައި ޒުވާނުންގެ ބައިވެރިވުން އިތުރު ކުރުންފަދަ ބައިތަކުގެ މައްޗަށެވެ.

މުޅިއެކު 16 ބައިވެރިން މި ޕްރޮގްރާމު ފުރިހަމަ ކޮށް ގްރެޖުއޭޓްވި އިރު، މިހާރު އެބައިވެރިން ދަނީ ޕްރޮގްރާމުން ދަސްވި މައުލޫމާތުގެ އަލީގައި ކޮމިޔުނިޓީ 3 ޕްރޮޖެކްޓެއް އިމްޕްލިމެންޓް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.