މަގޭ ރަށް އިމަރޖިންގ ލީޑާރސް އެކަޑަމީ (އީ.އެލް.އޭ) ގެ 2 ވަނަ ފޭސް ގެ ތަމްރީން ޕްރޮގްރާމް އައްޑޫގައި ފަށައިފިއެވެ.
16 ބައިވެރިންނާއެކު، ގަމުގައި ހުންނަ އީކުއޭޓަރވިލެޖްގައި މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ދާނީ ޖޫން 2 ވަނަ ދުވަހުން ފެށިގެން 4 ވަނަ ދުވަހުގެ ނިޔަލަށެވެ.
އީއެލްއޭ އަކީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓް ބިއުރޯ އޮފް ޑިމޮކްރަސީ، ހިއުމަން ރައިޓްސް އެންޑް ލޭބަރގެ އެހީތެރިކަމާއެކު އިންޓަނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓް (އައި.އާރު.އައި) އިން ދެކުނުގެ 4 އަތޮޅުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމު ދެކުނުގައި ކުރިއަށް ދަނީ ދެކުނުގެ އަތޮޅުތަކަށް ޚާއްޞަ ކޮށްގެން ހިންގަމުން އަންނަ ސަރަަޙައްދީ ޖަމިއްޔާ ކަމަށްވާ ސަދަން ކޮމިޔުނިޓީ އެމްޕަވަރމަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް) އާއި ގުޅިގެންނެވެ.
މި ޕްރޮގްރާމުގެ ފުރަތަމަ ފޭސް ކުރިއަށް ގެންގޮސްފައި ވަނީ މާރޗް މަހުގެ 3 ވަނަ ދުވަހުން ފެށިގެން 5 ވަނަ ދުވަހުގެ ނިޔަލަށެވެ. ފުރަތަމަ ފޭސްގައި އުމުރުން 18 އަހަރާއި 29 އަހަރާ ދެމެދުގެ ޒުވާން ލީޑަރުން އެއްކޮށް، ރައްޔިތުންގެ ކަންބޮޑުވުންތައް ދެނެގަނެ، މައްސަލަތައް ބިނާކޮށް ވަކާލާތުކުރުމުގެ ކެމްޕޭންތަކާއި ހަރުދަނާ ސިޔާސަތުތައް ހުށަހެޅުމަށްޓަކައި އެމީހުންނަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި މާލީ އެހީތެރިކަން ފޯރުކޮށްފައިވެއެވެ. އަދި ހަމައެއާއެކު މި ޕުރޮގުރާމުގައި ޢިލްމާއި ލީޑަރޝިޕް ތަރައްޤީކުރުމަށާއި، މަސައްކަތްތައް ބަހާލައިގެން ކުރާނެ ގޮތްތަކުގެ އިތުރުން ކުދިކުދި މަޝްރޫޢުތައް ތަންފީޒު ކުރުމަށް ދަސްކޮށްދެވެއެވެ.
މި ޕްރޮގްރާމްގެ ފުރަތަމަ ފޭސްގައި ބައިވެރިންނަށް ދެވުނު މައުލޫމާތާއި އެއްގޮތަށް ކޮމިޔުނިޓީ ޕްރޮގްރާމެއްގެ ޕްރޮޕޯސަލް ޑިޒައިން ކޮށް ހުށަހެޅުމަށް ބައިވެރިންނާ ވަނީ ޙަވާލުކޮށްފައެވެ. މި ޕްރޮޕޯސަލް ތައްޔާރުކުރުމުގައި ބައިވެރިން ވަނީ ކޮމިޔުނިޓީ ލީޑަރުންގެ އެހީތެރިކަމާއި އަދި ފީޑްބެކް ވެސް ހޯދާފައެވެ. މި ހުރިހާ މައުލޫމާތު ތަކާއެކު ބައިވެރިން ތައްޔާރުކުރި ޕްރޮޕޯސަލް ފޭސް 2 ގައި އެ ބައިވެރިން ހުށަހެޅުން ވެސް ހިމެނެއެވެ.
މަގޭ ރަށް އިމަރޖިންގ ލީޑާރސް އެކަޑަމީގެ މި ޕުރޮގުރާމުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ޢިލްމާއި ލީޑަރޝިޕް ތަރައްޤީކުރުމަށާއި، މަސައްކަތްތައް ބަހާލައިގެން ކުރާނެ ގޮތްތަކުގެ އިތުރުން ކުދިކުދި މަޝްރޫޢުތައް ތަންފީޒު ކުރުމަށެވެ. އަދި ދެމެހެއްޓެނިވި ތަރައްގީގައި ރައްޔިތުން ގެ ބައިވެރިވުން ހޯދުމާއި އަދި އެފަދަ ކަންކަން ހިންގުމާއި ގުޅޭ ގޮތުން ސެޝަންތައް ވަނީ ހިންގާފައެވެ.