ރާއްޖޭގައި ޑިމޮކްރެސީ އާއި އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމުގެ ނަމުގައި މަސައްކަތް ކުރަމުން އައި ޖަމިއްޔާއެއް ކަމުގައިވާ މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) ސަސްޕެންޑްކޮށް، އެ ޖަމިއްޔާގެ ޙަރަކާތްތައް ވަގުތީ ގޮތުން ހުއްޓާލުމަށް މިއަދު އަންގާފައިވަނިކޮށް، އެމްޑީއެން ސަސްޕެންޑްކުރީ ރަނގަޅަށް ނޫން ކަމަށް އެމްޑީއެންގެ މަސްއޫލުވެރިޔާ ޝަހިންދާ އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ޔޫތު މިނިސްޓްރީ އިން އެމްޑީއެން އިން ސަސްޕެންޑްކުރިކަން އިއުލާންކޮށް ނެރުނު ނޫސްބަޔާން ރީޓްވީޓް ކުރައްވައި ޝަހިންދާ ވިދާޅުވީ އެމްޑީއެން އާއި ދެކޮޅަށް ނިންނި ނިންމުމަށް ޖަވާބުދާރީވުމުގެ ނުވަތަ މުއާމަލާތުކުރުމުގެ ޙައްޤުވެސް ޖަމިއްޔާތަކާބެހޭ ރަޖިސްޓްރަރ އިން އެ ޖަމިއްޔާއަށް ދީފައިނުވާ ކަމަށެވެ.
The Registrar did not have the decency to afford a right to answer or communicate a decision against MDN to MDN.
Let’s not even start about the legal issues in this statement that will end up with @ibusolih having to face the UPR and many others. https://t.co/jJnwcd4Gse— Shahindha Ismail ? (@HindhaIsmail) October 10, 2019
މީގެ އިތުރުން ޔޫތު މިނިސްޓްރީ އިން ނެރުނު ބަޔާނުގައި ޤާނޫނީ ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކުރައްވައި ޝަހިންދާ ވިދާޅުވީ، އެކަމުގެ ސަބަބުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް ޔުނިވަރސަލް ޕީރިއަޑިކް ރިވިއު (ޔޫޕީއާރް) ފަދަ ބައިނަލްއަޤްވާމީ ޖަމިއްޔާތަކަށް ޖަވާބުދާރީވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށްވެސް ޝަހިންދާ ވިދާޅުވި އެވެ.
ޔޫތު މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެމްޑީއެން ސަސްޕެންޑްކުރީ އެ ޖަމިއްޔާއިން “ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް”ގެ ނަމުގައި ޝާޢިއުކުރި ރިޕޯޓުގައި އިސްލާމް ދީނާ ޚިލާފު ވާހަކަތަކެއް ހުރި ކަމަށާއި، އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާ ކަމަށް ތުހުމަތުކޮށް ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލައެއް ފުލުހުން ތަޙުޤީޤު ކުރަމުންދާތީ ކަމަށެވެ.
އަދި އެމްޑީއެން ސަސްޕެންޑް ކޮށްފައިވަނީ ޖަމިއްޔާތަކާބެހޭ ޤާނޫނުގެ ދަށުން ޖަމިއްޔާތަކާބެހޭ ރަޖިސްޓްރަރ އަށް ލިބިދީފައިވާ އިޚްތިޔާރުގެ ދަށުން ކަމުގައިވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.