English Edition
Dhivehi Edition
އެމްޑީއެންގެ މަސްއޫލުވެރިޔާ ޝަހިންދާ އިސްމާއީލް - ފޮޓޯ: ޓެލަރ ރިޕޯޓު

ފުލުހުންގެ އަތަށް ފިސްތޯލަފަދަ ނުރައްކާތެރި ތަކެތި ނުދިނުމަށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ގޮވާލައިފި އެވެ.

އެމްޑީއެން އިން “ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް”ގެ ނަމުގައި ޝާޢިއުކޮށްފައިވާ ރިޕޯޓުގައި އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު ވާހަކަތަކެއް ހުރިކަން ކަށަވަރުވެފައިވާ ކަމަށް ބުނެ އެ ޖަމިއްޔާ އުވާލަން ނިންމައި އެކަން އިއުލާންކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު އެވެ.

އެމްޑީއެން އުވާލިނަމަވެސް އެ ޖަމިއްޔާގެ ވެބްސައިޓާއި ޓްވިޓާ އެކައުންޓް އޮތީ އަދިވެސް އެކްޓިވް ކޮށެވެ.

މިއަދު އެމްޑީއެންއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިއަދަކީ، ދިވެހިރާއްޖޭގައި ޤާއިމުކޮށްފައި އޮތް ޤާނޫނީ ވެރިކަމެއް ބާރުގެ ބޭނުންކޮށްގެން ޤާނޫނާ ޚިލާފަށް ބަދަލުކޮށް، އަނިޔާވެރިކަން ދެއްކި ބަޔަކާ ދެކޮޅަށް 8 ފެބްރުވަރީ 2012 ވަނަ ދުވަހު، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޙައްޤު ބޭނުންކޮށް، އަޑު އުފުލަމުން ދިޔަ އެތައް ސަތޭކަ ރައްޔިތުންނަށް މޯލްޑިވްސް ޕޮލިސް ސަރވިސްގައި ވަޒީފާ އަދާކުރަމުންދިޔަ ފުލުހުން ހަމަލާދީ، އެކަށީގެންނުވާވަރުގެ ބާރުގެ ބޭނުންކުރުމަށްފަހު ބޮޑެތި އަނިޔާތަކެއް ދިންފަހުން 8 އަހަރު ފުރިހަމަވާ ދުވަސް ކަމަށެވެ.

“އެދުވަހު ފުލުހުން ހިންގާފައިވާ ޤާނޫނާ ޚިލާފު އަމަލުތައް ކުށްވެރިކޮށް، ތަޙްޤީޤުކުރުމަށްފަހުގައި ވަކިވަކި ފުލުހުންނާ ދޭތެރޭގައި ޤާނޫނީގޮތުން ފިޔަވަޅު އެޅުމަށާއި އެމީހުންނަކީ ފުލުހުންގެ ވަޒީފާގައި ބޭތިއްބުމަށް އެކަށީގެންނުވާ ބަޔަކުކަމުގައި ކަނޑައަޅައި، ދައުލަތުގެ މުއައްސަސާތަކުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް 2012 ވަނަ އަހަރުގެތެރޭގައި ވަނީ އަންގާފައެވެ.”، އެ ބަޔާނުގައި ވެއެވެ.

ނަމަވެސް މިއަދާހަމައަށް އެ ފުލުހުންނާމެދު ފިޔަވަޅު ނާޅާ، ފުލުހުންގެ ޚިދުމަތުގައި ވަޒީފާ އަދާކުރަމުންދާތަން ފެނުމަކީ އިންސާފު ހޯދައިދިނުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ފަސްޖެހިފައިވާ މިންވަރު ދައްކުވައިދޭ، ހިތާމަވެރި ކަމެއް ކަމަށް އެމްޑީއެން އިން ބުނެއެވެ. އަދި ޤާނޫނާ ޚިލާފުވާ ފުލުހުންނާމެދު ޤާނޫނީ ފިޔަވަޅު ނޭޅުމުގެ އެއް ނަތީޖާއަކީ މިއަދު ތަކުރާރުކޮށް ފެންމަތިވަމުންދާ، ފުލުހުންގެ ކިބައިން ފެންނަ އަނިޔާގެ މައްސަލަތަކާއި ޤާނޫނާ ޚިލާފު އަމަލުތައް ފުލުހުންގެ ފަރާތުން ފެންނަލެއް ގިނަވުން ކަމަށްވެސް އެމްޑީއެން އިން ބުނެއެވެ.

“7 އަދި 8 ފެބްރުވަރީ 2012 ވަނަދުވަހުގައި ފުލުހުން ހިންގާފައިވާ ޤާނޫނާ ޚިލާފު އަމަލުތަކަށް ހިތްވަރުދީ، ޤާނޫނީ ގޮތުން
ސުވާލު އުފެދޭ ހާލަތްތަކެއްގައި ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމާ ހަވާލުވީ މީހަކު، ރައްޔިތުންގެ މަޖިލިހުގެ މެންބަރަކަށް
މިއަދު ހުރެގެން، ފުލުހުންގެ އަތަށް ފިސްތޯލަ ފަދަ ލީތަލް ހަތިޔާރު ދިނުމަށް ގޮވާލުން މިޖަމްޢިއްޔާއިން ހަރުކަށި އިބާރާތުން
ކުށްވެރިކުރަމެވެ.”، އެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން އެމްޑީއެން އިން ބުނީ މިއަދު މޯލްޑިވްސް ޕޮލިސް ސަރވިސް އޮތް އަންޕްރޮފެޝަނަލް ހާލަތުގައި ވަނިކޮށް ފުލުހުންގެ އަތަށް ފިސްތޯލަފަދަ ނުރައްކާތެރި ހަތިޔާރު ދިނުމަކީ އެކަމުގެ ސަބަބުން ދިވެހިރައްޔިތުންނަށް ނުހަނު ބޮޑެތި ގެއްލުން ލިބިދާނެ
ކަމެއް ކަމަށާއި، ފުލުހުންގެ އަތަށް އެފަދަ ނުރައްކާތެރި ހަތިޔާރު ނުދިނުމަށް ގޮވާލާ ކަމަށެވެ.

އަދި 07 ފެބްރުއަރީ އާއި 08 ފެބްރުއަރީ 2012ގައި ޤާނޫނާ ޚިލާފުވީ އެންމެހައި ފުލުހުންގެ މައްސަލަތައް ތަޙްޤީޤުކޮށް، ޤާނޫނީ
ވެރިކަމެއްގައި އަމަލުކުރުމަށް ހަމަޖެހިފައި އޮންނަ އުސޫލުން އެމީހުންނާމެދު ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް މިހާރުން މިހާރަށް ފެށުމަށްވެސް މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ޕްރޮސިކިއުޓަރ ޖެނެރަލަށް އެމްޑީއެންގެ ބަޔާނުގައި ވަނީ ގޮވާލައިފަ އެވެ.