ދިވެހިރާއްޖޭގައި ޑިމޮކްރެސީ އާއި އިންސާނީ ޙައްޤުތައް ހިމާޔަތްކުރަން މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއް ކަމުގައިވާ މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކު (އެމްޑީއެން) އިން “ޕްރިލިމިނެރީ އެސެސްމެންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް”ގެ ނަމުގައި ނެރުނު ރިޕޯޓާއި ގުޅިގެން، ދީނަށް ފުރައްސާރަކުރުމާއި ދެކޮޅަށް ކުއްލި މައްސަލައެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
އިސްލާމްދީނަށާއި، ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް އެމްޑީއެން އިން ނެރުނު އެ ރިޕޯޓު ކުއްލި މައްސަލައެއްގެ ގޮތުގައި މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ. އެ މައްސަލައަށް ބަހުސްކުރައްވަން ފެންނަ ކަމަށް މަޖިލީހުގެ 55 މެމްބަރުން ވަނީ ވޯޓުދެއްވައިފަ އެވެ.
އެ މައްސަލައަށް ބަހުސްކުރެއްވުމަށް ވޯޓުދެއްވި މެމްބަރުން ވަނީ އިސްލާމް ދީނުގެ ދިފާޢުގައި ވާހަކަދައްކަވައިފަ އެވެ. އެގޮތުން އިސްލާމް ދީނާއި ދެކޮޅަށް ނެރޭ މިފަދަ ރިޕޯޓުތަކުގެ މައްސަލަ ބަލައި، އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ސަރުކާރުން ބަލަންޖެހޭ ކަމަށްވެސް މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.
އެމްޑީއެން އިން ނެރުނު އެ ރިޕޯޓާއި ގުޅިގެން ގިނަ ބަޔަކު ދަނީ މީސްމީޑިއާގައި ނުރުހުންތެރިކަން ފާޅުކޮށް، އެ ރިޕޯޓު ތަޙުޤީޤުކޮށް އެމްޑީއެން ހުއްޓުވުމަށް ސަރުކާރަށް ގޮވާލަމުންނެވެ. އެމްޑީއެންގެ ރިޕޯޓުގެ ޖިނާޢީ ތަޙުޤީޤެއް ހިންގުމަށް ފުލުހަށް ހުށަހަޅާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.
އެ ރިޕޯޓުގެ ސަބަބުން ގިނަ ބަޔަކު އެމްޑީއެން އަށް ފާޑުކިޔަމުންދިއުމާއެކު، އެ ޖަމިއްޔާއިން ވަނީ އެ ރިޕޯޓު ގެނެވިފައިވަނީ އެންމެ ރަނގަޅަކަށް ނޫން ކަމަށް ބުނެ، ރައްޔިތުންގެ ކިބައިން މަޢާފަށް އެދުމަށްފަހު ރިޕޯޓު އަނބުރާ ގެންގޮސްފަ އެވެ.