English Edition
Dhivehi Edition
ނޮޅިވަރަންފަރު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)

އިޚްލާސްތެރި ނިޔަތެއް އޮތް ނަމަ ރައީސުލްޖުމްހޫރިއްޔާގެ ގަރާރެއް ނެރުއްވައިގެން ވެސް ނަމަވެސް ކޮތަޅު ބޮނޑީގެ މައްސަލަ ހައްލުކޮށްދެއްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަންފަރު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.

ޕްލާސްޓިކް ކޮތަޅުގެ އަގަށް އައި ބަދަލާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން މަޖިލީހަށް އަމާޒުވެފައިވަނިކޮށް މޮސްޓާ ކުރެއްވި ޓްވީޓެއްގައި ވަނީ “އެހެން އެކަން ދިމާވީ މަޖިލީހުގެ ސަބަބުންކަމަށް ބުނެ މަޖްލީހަށް ފޫޅުކަނޑާ ނުލެވޭނެ ކަމަށް ވިދާޅުވެ ނުރުހުން ފާޅު ކުރައްވާފައެވެ.

“ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތީ ސަރުކާރަށް.ބިލް ފާސްކުރަމުން ދަނީ ސަރުކާރުން ބުނާ ގޮތަކަށް. މޮސްޓާ

މީގެ ކުރިންވެސް ބިލު ތަސްދީގުކުރުމަށްފަހު ކައިރި ކައިރީގައި ބިލުތަކަށް ބަދަލުތަކެއް ގެނެސްފައިވާއިރު، މޮސްޓާ ވިދާޅުވީ ކުނި ބިލު ފާސްކޮށްފައިވާ ގޮތުން ކޮތަޅުގެ އަގަށް އައި ބަދަލުތަކާއި ގުޅިގެން ރައްޔިތުން އުފުލަމުންދާ ތަކުލީފު ހައްލުކުރުމުގެ އިޚްލާސްތެރި ނިޔަތެއް އޮތް ނަމަ ރައީސުލްޖުމްހޫރިއްޔާގެ ގަރާރެއް ނެރުއްވައިގެން ވެސް އެކަން އިސްލާހު ކުރައްވާނެ ކަމަށެވެ.

ސަރުކާރުން ހުއްޓުވަން ބޭނުންވާ ބައެއް ކަންކަން ރައީސް ޞާލިހުގެ ގަރާރަކުން މީގެ ކުރިންވެސް ހުއްޓުވާފައިވާކަމަށް މޮސްޓާ ވިދާޅުވި އެވެ.

ޕްލާސްޓިކް ކޮތަޅުން ނަގަންފަށާފައިވާ 2 ރުފިޔާގެ ފީގެ ސަބަބުން ކޮތަޅު ބޮނޑީގެ އަގު މަތިވެފައިވަނީ ކުނި މެނޭޖުކުރުމުގެ ޤާނޫނުގެ ބިލު ފާސް ވެގެން އައިއިރު މާއްދާއެއް އުނިކޮށްފައި ވުމުން ކަމަށް އެންވަޔަރުމަންޓު މިނިސްޓްރީން ވަނީ ބުނެފައެވެ.

ކުނި ޤާނޫނުގެ 35 ވަނަ މާއްދާއަށް ގެނައި އިސްލާހުގައި ކުރިން އޮތީ 50 ކޮތަޅު ނުވަތަ އެއަށްވުރެ ގިނަ ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި އިސްތިސްނާކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް ބިލް ޤާނޫނަކަށް ބަދަލުވިއިރު 50 ކޮތަޅު ބޮނޑީގެ މާއްދާވަނީ އުނިކޮށްފަ އެވެ.

ކޮތަޅު ބޮނޑީގެ އަގު ބޮޑުވުމާއި ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވުމާއި ގުޅިގެން ސަރުކާރުން ބުނީ މިހާރު ކުރިމަތިވެފައިވާ މައްސަލަ ނުކުތީ އެ އިސްތިސްނާ އުނިކޮށްފައި ވުމުން ކަމަށެވެ.

އޭޕްރިލް މަހުން ފެށިގެން ކޮތަޅަކަށް ދެ ރުފިޔާ ނަގަން ފަށާފައިވާއިރު، މީގެ ކުރިން 25 ރުފިޔާއަށް ލިބޭ ކޮތަޅު ބޮނޑީގެ އަގު މިހާރު ވަނީ 225 ރުފިޔާއަށް އުފުލިފައެވެ. އަދި މިހާރު ޤާނޫނު އޮތް ގޮތުން ކޮންމެ ކޮތަޅަކުން ދައުލަތަށް 6 ރުފިޔާގެ ފައިދާއެއް ޖެހެއެވެ.

އެއީ މި ޤާނޫނު ގެނައި މަޤްސަދު ވެސް ހާސިލު ނުވެ، ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހިފައިވާ ކަންކަމުގެ ގޮތުގައި އެމްޑީޕީގެ އިސް ބައެއް ބޭފުޅުންވެސް ދަނީ ވިދާޅުވަމުން ނެވެ.