އެމްޑީއެން އާއި އުތެމާއިން މީގެ ކުރިން، މިނިވަންކަން ނެތް ކަމަށް ބުނެ ނެރުނު ރިޕޯޓުތައް ތަންފީޒުކުރުމުގެ މަސައްކަތްތައް ފެށިގެންދަނީ މަޖިލީހުގެ ތެރެއިންކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެމްޑީޕީއަށާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއަށް ފާޑުވިދާޅުވެއްޖެއެވެ،
މާލޭގައި ޒުވާނުންނަށް މަޖާ ކޮށްލެވޭ ގޮތަށް މިއުޒިކް ފަދަ ހަރަކާތްތައް ހިންގާ މަރުކަޒުތައް އެޅުމަށް ގޮވާލައި އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސް ކުރައްވަމުން މޮސްޓާ ވިދާޅުވީ އެމްޑީޕީއަކީ ޒުވާނުން ހަލާކު ކުރާ ބައެއް ކަމަށާއި، އެ ޕާޓީގެ ރައީސްއަކީ ހިކި މަސްތުވާތަކެތި ދޫކޮށްލުމަށް ފަހު ދިޔާ މަސްތުވާތަކެތިން ޒުވާނުން އުފާކުރަން ގޮވާލި ބޭފުޅެއްކަމަށެވެ. މީގެ އިތުރުން މޮސްޓާ ވިދާޅުވީ މިއުޒިކަކީ ރާއްޖޭގެ 90 އަށް ވުރެ ގިނަ އިލްމުވެރިން ހިލާފު އުފެދިފައިވާ ކަމެއް ކަމަށެވެ،އަދި ހަސަން ލަތީފް ހުށަހެޅުއްވި ގަރާރަކީ އެފަދަ ކަމެއް ހުއްދަކޮށް ގައުމު ފަސާދަ ކުރުމަށް ހުށަހަޅުއްވާފައިވާ ގަރާރެއް ކަމަށްވެސް އޭނާ ވަނީ ތުހުމަތުކުރައްވާފައެވެ.
މީގެ އިތުރުން މޮސްޓާ ވިދާޅުވީ ހަމަ ޔަގީނުންވެސް ޒުވާނުން ބޯހާސްކަން ފިލުވާލަން ދާނެ ތަންތަން މާލޭގައި މަދެއް ނުވާނެ ކަމަށާއި، އަށާވީހަކަށް މިސްކިތް މާލޭގައި އެބަހުރިކަމަށެވެ. އަދި އެ މިސްކިތްތަކުގައި ބަރާބަރަށް ދަރުސްތައް ދެމުންދާ ކަމަށާއި، އެ ދަރުސްތައް އަޑުއަހައިގެން ޒުވާނުންގެ ހާސްކަން ފިލާނެ ކަމަށް މޮސްޓާ ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީއަކީ އަބަދުވެސް ޒުވާނުން ހަލާކުކުރާ ބައެއް ކަން ފާހަގަކުރައްވަމުން މޮސްޓާ ވިދާޅުވީ މި ގަރާރަކީ ދިވެހި ޒުވާނުން އަދަށްވުރެ ބޮޑަށް ހަލާކުކޮށްލައި، އެމީހުންނަކީ ދައުލަތަށް ބަރޯސާވެފައި ތިބޭ ބޭކާރު ބަޔަކަށް ހަދައި، މަސްތީ ދުނިޔެއެއްގައި ތިބޭ ބަޔަކަށް ހެދުމުގެ ބޭނުމުގައި ހުށަހަޅާފައިވާ ގަރާރެއް ކަމަށެވެ.