ޑިމޮކްރަސީގެ ނަމުގައި އިސްލާމްދީނުގެ ދަންމަރު ފަނޑުކުރަންއުޅުނަސް އެކަމެއް ނުކުރެވޭނެ ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް އިލްޔާސް ހުސެއިން ވިދާޅުވެއްޖެ އެވެ.
ޝެއިޚް އިލްޔާސް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
ޑިމޮކްރަސީގެ ނަމުގައި އިސްލާމްދީނުގެ ދަންމަރު ފަނޑުކުރަންއުޅުނަސް އެކަމެއް ނުކުރެވޭނެ. މުސްލިމުންގެ ހަތިޔާރަކީ ހަމަ އިސްލާމްދީން. މާޟީން ޢިބުރަތް ޙާސިލްކުރަށްވައިގެން އަވަހަށް ތައުބާވުން ބުއްދިވެރި އިސްލާމް ދީނަށްވުރެ ބޮޑަށް އެހެން އެއްވެސް އެއްޗަކަށް އިސްކަމެއް ނުދެވޭނެ. pic.twitter.com/bPYl030aAW
— Ilyas Hussain (@shkilyas) October 6, 2019
ވަކި ފަރާތަކަށް ނިސްބަތް ނުކޮށް ކުރެއްވި އެ ޓްވީޓްގައި ޝެއިޚް އިލްޔާސް އިތުރަށް ވިދާޅުވެފައި ވަނީ މުސްލިމުންގެ ހަތިޔާރަކީ ހަމަ އިސްލާމްދީން ކަމަށާއި، މާޟީން ޢިބުރަތް ޙާސިލްކުރައްވައިގެން އަވަހަށް ތައުބާވުން ބުއްދިވެރި ކަމަށެވެ.
“އިސްލާމް ދީނަށްވުރެ ބޮޑަށް އެހެން އެއްވެސް އެއްޗަކަށް އިސްކަމެއް ނުދެވޭނެ”، އިލްޔާސް ވިދާޅުވި އެވެ.
އެ ޓްވީޓްގައި އިލްޔާސް ވަނީ سورة الصفގެ 8ވަނަ އާޔަތާއި އޭގެ މާނަވެސް އެޓޭޗްކުރައްވައިފަ އެވެ. އެ އާޔަތުގެ މާނައިގައި ވަނީ “އެއުރެން އެދެނީ، ﷲގެ ނޫރުފުޅު (އެބަހީ: އިސްލާމް ދީން) އެއުރެންގެ އަނގަތަކުންފުމެ، ނިއްވައިލުމަށެވެ. އަދި ކާފަރުން ނުރުހުނުކަމުގައިވިޔަސް ﷲ، އެކަލާނގެ ނޫރުފުޅު ފުރިހަމަކުރުވާހުއްޓެވެ.”، މިހެންނެވެ.
ބެލެވޭ ގޮތުގައި ޝެއިޚް އިލްޔާސްގެ އެ ޓްވީޓް އަމާޒުކޮށްފައި ވަނީ މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކު (އެމްޑީއެން) އަށެވެ. އެމްޑީއެން އިން ރާއްޖޭގައި އިސްލާމީ ހަރުކަށި ފިކުރު އޮންނަ މިންވަރު ތަހުލީލުކޮށް ނެރުނު ރިޕޯޓާއި ގުޅިގެން ގިނަ ބައެއްގެ ހިތްހަމަނުޖެހުމާއި ފާޑުކިޔުންތައް އެ ޖަމިއްޔާއަށް ވަނީ އަމާޒުވެފަ އެވެ.