English Edition
Dhivehi Edition

ޗައިނާގެ ހުޅަންގު ދެކުނުން އޮންނަ ސިޗުއާން ޕްރޮވިންސް އަށް ބާރު ގަދަ ބިންހެލުމެއް އައިސް މިހާތަނަށް 13 މީހުން މަރުވެ ގިނަ އަދަދެއްގެ މީހުންނަށް އަނިޔާވެއްޖެއެވެ.

އަންގާރަ ދުވަހު ރޭގަންޑުގެ ވަގުތެއްގައި އައި މި ބިންހެލުން އައިސްފައި މިވަނީ ގުއާނގްޔުއާން ސިޓީ އާއީ ހުޅަނގު އުތުރުން 120 މޭލު ބޭރުންނެވެ. އަދި މި ބިންހެލުން އައިސްފައިވަނީ ބިމުގެ 10 ކިލޯމީޓާރު އަޑިއަށް ކަމަށްވެސް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ވަނީ ހާމަ ކޮއްފައެވެ. މި ސަރަހައްދަކީ އާބާދީ ބޮޑު ސަރަހައްދެއްވެސްމެއެވެ.

ޗައިނާގެ ސީޗުއާން ޕްރޮވިންސްގެ ބިންހެލުންތަކާ ބެހޭ އިދާރައިން ހާމަ ކުރާ ގޮތުގައި މިއީ ރެކްޓާރ މިންގަޑުން 7.0 ގެ ބާރުމިނުގައި އައިސްފައިވާ ބިންހެލުމެކެވެ. އަދި މި ބިންހެލުމުގެ މެދައްވެފައިވަނީ ނަގްވާ ސަރަހައްދެކެވެ.

މަރުވި މީހުންގެ ތެރޭގައި ފަތުރުވެރިންވެސް ހިމެނެއެވެ. ސީޗުއާންގައި ސަރުކާރުގެ ފަރާތުންވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވީ އަދި އެތައް 100 ފަތުރުވެރިންނެއްވެސް ބިންހެލުމުގެ ސަބަބުން ތާށިވެ ސަލާމަތް ނުކުރެވި ވާކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ޗައިނާގެ ޒިންހުއާ ނިއުސް އިން ބުނެފައިވާ ގޮތުގައި މިހާތަނަށް 31500 ފަތުރުވެރިން ވަނީ އެސަރަހައްދުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައެވެ. މަރުވެ އަނިޔާ ވެފައިވާ އެއްވެސް ފަތުރުވެރިއަކީ ކޮންގައުމަކަށް ނިސްބަތްވެފައިވާ މީހުންކަން އަދި މިހާތަަނަށް ސާފެއް ނުވެއެވެ. ނަމަވެސް ޖިއުޒައިގޯ ސަރަހައްދަކީ ބޭރުގެ ފަތުރުންނަށްވުރެ ޗައިނާގެ އެތެރޭގެ ރައްޔިތުންގެ މެދުގައި މަޤްބޫލް ތަނެކެވެ.

ސިޗުއާން ޕްރޮވިންސަކީ ބިންހެލުންތައް އާއްމު ސަރަހައްދެކެވެ. އެގޮތުން 2008 ވަނަ އަހަރު އެސަރަހައްދަށް އައި ބިންހެލުމެއްގައި 70،000 މީހުން މަރުވި އެވެ.

ޓެގު