ދިވެހިރާއްޖޭގައި ޑިމޮކްރެސީ އާއި އިންސާނީ ޙައްޤުތައް ހިމާޔަތްކުރަން މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއް ކަމުގައިވާ މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކު (އެމްޑީއެން) އިން “ޕްރިލިމިނެރީ އެސެސްމެންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް”ގެ ނަމުގައި ޝާއިރުކުރި ރިޕޯޓާއި ގުޅިގެން، ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުމަށް ނިންމައިފި އެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި އިސްލާމްދީނަށާއި، ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް އެމްޑީއެން އިން ނެރުނު އެ ރިޕޯޓު ކުއްލި މައްސަލައެއްގެ ގޮތުގައި މަޖިލީހަށް ހުށަހަޅަން ނިންމެވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ. ދެން އެންމެ އަވަހަށް އޮންނަ މަޖިލީހުގެ ޖަލްސާއެއްގައި އެ މައްސަލަ ހުށަހަޅާނެ އެވެ.
އެމްޑީއެން އިން ނެރުނު އެ ރިޕޯޓާއި ގުޅިގެން ގިނަ ބަޔަކު ދަނީ މީސްމީޑިއާގައި ނުރުހުންތެރިކަން ފާޅުކޮށް، އެ ރިޕޯޓު ތަޙުޤީޤުކޮށް އެމްޑީއެން ހުއްޓުވުމަށް ސަރުކާރަށް ގޮވާލަމުންނެވެ. އެމްޑީއެންގެ ރިޕޯޓުގެ ޖިނާޢީ ތަޙުޤީޤެއް ހިންގުމަށް ފުލުހަށް ހުށަހަޅާފައިވާ ކަމަށް އިއްޔެ އިސްލާމިކް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.
އެ ރިޕޯޓުގެ ސަބަބުން ގިނަ ބަޔަކު އެމްޑީއެން އަށް ފާޑުކިޔަމުންދިއުމާއެކު، އެ ޖަމިއްޔާއިން ވަނީ އެ ރިޕޯޓު ގެނެވިފައިވަނީ އެންމެ ރަނގަޅަކަށް ނޫން ކަމަށް ބުނެ، ރައްޔިތުންގެ ކިބައިން މަޢާފަށް އެދުމަށްފަހު ރިޕޯޓު އަނބުރާ ގެންގޮސްފަ އެވެ.