English Edition
Dhivehi Edition

ކީރިތި ރަސޫލާ މުޙައްމަދު صلى الله عليه وسلم އަށް ފުރައްސާރަކޮށް ރިޕޯޓު ނެރުމަށްފަހު، މަޢާފަށް އެދުމަކުން ނުފުދޭނެ ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް އިލްޔާސް ހުސެއިން ވިދާޅުވެއްޖެ އެވެ.

ޝެއިޚް އިލްޔާސް މިހެން ވިދާޅުވީ ޤުރުއާނުގެ އާޔަތަކާއި އޭގެ މާނަ އެޓޭޗްކުރައްވައި، މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ޝެއިޚް އިލްޔާސް ވިދާޅުވެފައި ވަނީ މިއުންމަތުގެ މާތް ނަބިއްޔާއަށް މަލާމާތްކޮށް، ފުރައްސާރަކޮށް ރިޕޯޓު ނެރެފައި މަޢާފަށް އެދި ބަޔާން ނެރުމަކުން ނުފުދޭނެ ކަމަށެވެ.

“އެފަދަ ޖަރީމާއެއް ހިންގާމީހުންގެ ޙުކުމް މިއާޔަތުގައި މިވަނީ، މިޖަރީމާ ހިންގި މީހުން ޖެހޭނީ ތައުބާވާން”، ޝެއިޚް އިލްޔާސް ވިދާޅުވި އެވެ.

ޝެއިޚް އިލްޔާސް ޝެއާކުރެއްވި ފުރަތަމަ އާޔަތުގެ(ތައުބާ ސޫރަތުގެ 65 ވަނަ އާޔަތް) މާނައިގައި ވަނީ “ހަމަކަށަވަރުން، ކަލޭގެފާނު އެއުރެންނާ ސުވާލު ކުރައްވައިފިނަމަ، އެއުރެން ދަންނަވާނެކަން ކަށަވަރެވެ. ހަމަކަށަވަރުން، ތިމަންމެން ހަމައެކަނި ވާހަކަދައްކާލައި، ކުޅިވަރު ކުޅޭކަމުގައި ވީމުއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ތިޔަ މަލާމާތްކޮށް އުޅުނީ، ﷲ އާއި އެކަލާނގެ އާޔަތްތަކާއި، އެކަލާނގެ ރަސޫލާ އަށް ހެއްޔެވެ؟”، މިހެންނެވެ.

“ތިޔަބައިމީހުން ޢުޛުރު ނުދައްކާށެވެ! ތިޔަބައިމީހުން އީމާންވުމަށްފަހު، ތިޔަބައިމީހުން ތިޔަތިބީ ކާފަރުވެފައިކަން ކަށަވަރެވެ. ތިޔަބައިމީހުންގެ ތެރެއިން ބަޔަކަށް ތިމަންރަސްކަލާނގެ ޢަފޫކުރެއްވިޔަސް، އަނެއްބަޔަކަށް ތިމަންރަސްކަލާނގެ ޣަޛާބު ދެއްވަމެވެ. އެއީ ހަމަކަށަވަރުން، އެއުރެން ކުށްވެރި ބަޔަކު ކަމުގައި ވީކަމަށްޓަކައެވެ.”، ޝެއިޚް އިލްޔާސް ޝެއާކުރެއްވި ދެވަނަ އާޔަތް ކަމުގައިވާ، ތައުބާ ސޫރަތުގެ 66 ވަނަ އާޔަތުގެ މާނައިގައި ވެއެވެ.

އިސްލާމް ދީނަށްވުރެ މަތީގައި އެއްވެސް މީހަކަށް ނުހުރެވޭނެ ކަމަށްވެސް އެ ޓްވީޓްގައި އިލްޔާސް ވަނީ ވިދާޅުވެފަ އެވެ.

އިލްޔާސް މިމޭރުމުން ޓްވީޓެއް ކުރައްވާފައި މިވަނީ، އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ހަޖޫޖަހައި މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކު (އެމްޑީއެން) އިން “ޕްރިލިމިނެރީ އެސެސްމެންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް”ގެ ނަމުގައި ރިޕޯޓެއް ޝާއިޢުކުރި މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގަ އެވެ. އެ ރިޕޯޓު ގެނެވިފައިވަނީ އެންމެ ރަނގަޅަށް ނޫން ކަމަށްބުނެ ދިވެހި ރައްޔިތުންގެ ކިބައިން މަޢާފަށް އެދުމަށްފަހު، އެމްޑީއެން އިން ވަނީ މިހާރު އެ ރިޕޯޓު ވަގުތީ ގޮތުން އަނބުރާ ގެންގޮސްފަ އެވެ.

1 ކޮމެންޓް
Latheef
އޮކްޓޯބަރު 7, 2019
Msn.uvaalaa.mikahala viyaanudhaa dheen dheke loabi nuvaa ehves bayaku baithihbaane kameh neth.avahah uvaalanvee .