އެކްތާ ކަޕޫރުގެ މަޝްހޫރު ސުޕަނެޗުރަލް ޑެއިލީ ސޯޕް “ނާގިން”ގެ ހަތަރު ވަނަ ސީޒަންގެ ލީޑް ރޯލުން ފެނިގެންދާނީ ނިއާ ޝަރްމާ އާއި ކްރިސްޓަލް ޑިސޫޒާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
ނާގިންގެ ހަތަރު ވަނަ ސީޒަން މި ނޮވެމްބަރ މަހު ފެށުމަށް ތައްޔާރުވަމުން އަންނައިރު މި ސީރީޒްއަކީ ވަކި ހާއްސަ ބާރުތަކެއް ލިބިފައިވާ ހަރުފަތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާ ސިލްސިލާއެކެވެ. މި ސިލްސިލާގެ ތިންވަނަ ސީޒަން ޖޫން މަހު ނިމުނު ހިސާބުން ފެށިގެން ބެލުންތެރިން މި ސީރީޒްގެ ހަތަރުވަނަ ސީޒަނަށް އިންތިޒާރުކުރަމުން އަންނައިރު މިފަހަރުގެ ސިލްސިލާއިން ފެންނާނެ ތަރިންނާއި މެދުވެސް ވަނީ ބޮޑު ބަހުސަކަށް ގޮސްފައެވެ.
މި ގޮތުން މީގެ ކުރިންވެސް ‘އޭކް ހަޒާރޯމޭ މޭރީ ބެހެނާހޭ’ގައި އެކުގައި މަސައްކަތްކޮށްފައިވާ ނިއާ އާއި ކްރިސްޓަލް ފެނިގެންދާނެކަމަށް މީޑިއާ ރިޕޯޓްތައް ބުނެފައިވާއިރު އަދި މި ސިލްސާލާގެ ޕްރޮޑަކްޝަން ޓީމުން މިކަމާއި ގުޅިގެން އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ. ނާގިންގެ ކޮންމެ ސީޒަނެއް ވެސް ގެނެސް ދެނީ މައިގަނޑު ކާސްޓަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ކަމުގައިވާއިރު ކުރިއެކޭ އެއްފަދައިން މި ފަހަރުގެ ކާސްޓުންނަކީވެސް ސަޕްރައިޒެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
މި ސިލްސިލާގެ ފުރަތަމަ ދެ ސީޒަނުގެ ބަތަލާއިންގެ ރޯލް މޯނީ ރޯއި އާއި އަދާ ހާން ފެނިގެންދިޔައިރު ފުރަތަމަ ސީޒަނުގެ ބަތަލަކީ އަރުޖުން ބިޖިލާނީ އެވެ. އަދި ދެވަނަ ސީޒަނުގެ ބަތަލަކީ ކަރްންވީރު ބޯރާ އެވެ.ނާގިން 3 ގެ މުހިއްމު ތަރިންނަކީ ސުރްބީ ޖިއޯތީ، އަނީތާ ހަސަން ދާނީ، ޕާލް ވީ ޕޫރީ އަދި ރަޖަތު ޓޯކަސް އެވެ.
ދެހާސް ފަނަރައިގައި ގެނެސް ދޭން ފެށި ސިލްސިލާގެ ފުރަތަމަ ތިން ސީޒަނުގައި ޖުމްލަ 240 އެޕިސޯޑް ގެނެސް ދީފައިވެ އެވެ.