ރާއްޖޭގައި ގިނަ މީހުން ވަޒީފާއަށް ދަނީ އަމާ ބުނީތީ ފަރަށްދާ އުސޫލުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރޭ ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގެންނެވި މެމްބަރުންނާއި އެކު މ.ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ މުސާރަ ލިބުނީމަ ވަރިހަމަ ވެފަ ކޮންމެ އިރަކު ސޮއިކޮށްލާފަ ވަޒީފާ އަދާ ކުރަނީ އަމާ ބުނީތީ ފަރަށްދާ އުސޫލުން ކަމަށެވެ.
ގާސިމް ވިދާޅުވީ ބައެއް ދިވެހިން ބޭނުންވަނީ ބޮޑު މުސާރަ ކަމަށާއި މާ ބޮޑު މަސައްކަތްތަކެއް ކުރާކަށް އެމީހުނެއް ބޭނުން ނުވާ ކަމަށެވެ. އަދި ރަނގަޅަށް ކަމެއް ނުކުރާތާނގަ އެމީހުން މަގާމުގެ ކުރިއެރުން ވެސް ބޭނުންވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އެމަނިކުފާނަށް ފާއިތުވި އަހަރުތަކުގައި ގިނަ ދާއިރާތަކެއްގައި މަސައްކަތްކޮށް އެތައް ތަޖުރިބާއެއް ލިބިފައިވާ ކަމަށާއި ތަނެއްގެ ވެރިޔަކު އެތަނެއްގެ މުވައްޒަފުން ކައިރީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އެކު މަސައްކަތް ކުރަން ބުނެފިއްޔާ ބައެއް މީހުން ވަރަށް އެކަމާ ރުޅިއަންނަ ކަމަށެވެ.
ރޭގެ ޖަލްސާގައި ގާސިމް ވަނީ ވަޒީފާ އަދާކުރާ މިފަދަ ފަރާތްތަކަށް ނަސޭޙަތްތެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވައިފިއެވެ. އެގޮތުން ގާސިމް ވިދާޅުވީ ކޮންމެ ދާއިރާއެއްގައި މަސައްކަތް ކުރި ކަމުގައި ވިޔަސް ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތް ތަކުގައި ފަރުވާތެރިވާން ޖެހޭ ކަމަށެވެ.
ޖުމްހޫރީ ޕާޓީއާއި ގިނަ ފަރާތްތަކަކުން ދަނީ ފަހަކަށް އައިސް ގުޅެމުންނެވެ. އޭގެ ތެރޭގައި ސިޔާސީ ދާއިރާގައި ފާހަގަކޮށްލެވޭ ބޭފުޅުން ވެސް ހިމެނެއެވެ.