ރާއްޖޭގެ ޑްރައިވިން ލައިސަންސް މެލޭޝިއާގައި ބޭނުން ކުރެވޭގޮތް ހެދުމާގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ، މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރ ލޯކް ސިއު ފޫކް އާއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައެވެ.
ރާއްޖެ ވެސް ހިމެނޭ ގޮތުން އެހެން ގައުމުތަކުން ދޫކުރާ ލައިސަންސް ބޭނުން ކޮށްގެން ދުއްވުން މެލޭޝިއާގައި ވަގުތީ ގޮތުން މަނާކޮށްފައި ވަނީ މިދިޔަ ޖެނުއަރީ މަހު އެވެ. މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓްރީން އެގޮތަށް އަމަލު ކުރަން ފެށީ އުސޫލުތައް ހަރުދަނާ ކުރުމުގެ ގޮތުންނެވެ.
ކެނެޑާގެ މޮންޓްރިއާލްގައި ކުރިއަށްދާ އައިކާއޯ ޖެނެރަލް އެސެންބްލީގެ ހަވާސާގެ ތެރެއިން މިނިސްޓަރ ނަހުލާ އާއި މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރ ބޭއްވި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި މިއުޗުއަލް ރިކޮގްނިޝަން އެގްރީމެންޓެއްގައި ސޮއިކުރުމާ ބެހޭ ގޮތުން ވެސް ވަނީ މަޝްވަރާކޮށްފައެވެ. އަދި ރާއްޖޭގެ އެއްގަމުގެ ދަތުރުފަތުރާއި އޭވިއޭޝަން ދާއިރާގައި ރާއްޖެއަށް އިތުރަށް އެހީތެރިވުމުގެ ގޮތުން އެމްއޯޔޫއެއްގައި ސޮއިކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.
މިގެ އިތުރުން މެލޭޝިއާގައި ދިވެހި ދަރިވަރުން ހަދާ އޭވިއޭޝަން ދާއިރާއާ ގުޅުންހުރި ކޯސްތަކަކީ ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރެވޭ ފެންވަރުގެ ކޯސްތަކަކަށް ހެދުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މެލޭޝިއަން އޭވިއޭޝަަން އެކެޑެމީގައި އޭޓީސީ ޓްރެއިނިން ފުރުސަތުތައް ދިވެހީންނަށް ހޯއްދަވައިދޭނެކަމަށް މެލޭޝިއާގެ ޓްރާންސްޕޯޓު މިނިސްޓަރު ވިދާޅުވިކަމަށް މިނިސްޓްރީން ބުންޏެވެ.