ޔަމަނަށް ނިސްބަތްވާ ނިރުބަވެރި ޖަމާއަތެއް ކަމަށްވާ ހޫތީ އިން ސައުދީ އަރަބިޔާއަށް ދިން ހަމަލާތަކުގައި އެތައް ހާސް ސިފައިންނެއް ހައްޔަރުކޮށް އެގައުމުގެ ނަޖްރާން ސިޓީގެ ބޮޑުބައެއް ހިފައިފިއެވެ.
ހޫތީ ޖަމާއަތުގެ ތަރުޖަމާނާއި ހަވާލާދީ ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން ނަޖްރާން ސިޓީ ހިފުމަށްޓަކައި ހޫތީއިން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އެ ސިޓީގެ ބޯޑަރު ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ސިފައިންނާއި ބަރު ހަތިޔާރު އެޅި އުޅަނދުތައް އެ ޖަމާއަތުގެ ބެލުމުގެ ދަށަށްވަނީ ގެންގޮސްފައެވެ. ހޫތީންގެ ހަނގުރާމަވެރިން ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައިއެގައުމުގެ އަސްކަރިއްޔާގެ ބްރިގޭޑިއަރުންނާއި އިސް އޮފިޝަލުންވެސް ހިމެނެއެވެ.
ހޫތީ ޖަމާއަތުގެ ތަރުޖަމާން، ޔަހްރާ ސާރީ ބުނީ ނަޖްރާން ސިޓީގެ އެތައް ސަތޭކަ ކިލޯމީޓަރެއް މިހާރު އެ ޖަމާއަތުގެ ބާރުގެ ދަށަށް ގެނެސްފައިވާކަމަށެވެ. އަދި މިއީ ނަޖްރާން ސިޓީ ހިފުމުގެ އޮޕަރޭޝަނަކީ އެ ޖަމާއަތުން ފަށާފައިވާ މި ފަދަ އެންމެ ބޮޑު އޮޕަރޭޝަން ކަމުގައި ޔަހްރާސާރީ ވަނީ ފާހަގަކޮށްފައެވެ.
ހޫތީ ޖަމައާތުން ނަޖްރާން ސިޓީ ހިފާފައިވާކަމަށް ބުނެފައިވާ އިރު މިކަމާއި ގުޅިގެން ސައުދީގެ ރަސްމީ އެއްވެސް އިދާރާއަކުން އަދި އެއްވެސް ވާހަކައެއް ހާމަކޮށްފައެއް ނުވެއެވެ.