ކޮރޯނާވައިރަސް ކޮންޓްރޯލް ވެއްޖެ ކަމަށް ބަލައި ސައުދީ އަރަބިއާގެ ބައެއް ހިސާބުތަކުގައި ލޮކްޑައުން އަށް ލުއިދީ މިސްކިތްތަކާއި އޮފީސްތައް ހުޅުވާލާފައި ވަނިކޮށް، ޕޮޒިޓިވް ކޭސްތައް އިތުރުވާން ފެށުމާއެކު ޖިއްދާގައި 15 ދުވަސް ވަންދެން ވަކިވަގުތުތަކެއްގައި ކާފިއު ހިންގަން ނިންމައިފިއެވެ.
ސައުދީގެ ޕްރެސް އޭޖެންސީ (އެސްޕީއޭ) އިން ރިޕޯޓްކުރާ ގޮތުގައި، ޖިއްދާގައި މިއަދުން ފެށިގެން ކުރިއަށް އޮތް 15 ދުވަހަށް ކޮންމެ ދުވަހަކު ހަވީރު 3:00 އިން ފަތިހު 6:00 އަށް ކާފިއު ހިންގަން ނިންމާފައިވާއިރު، މިސްކިތްތަކާއި އޮފީސްތަކުގެ އިތުރުން ކެފޭ އަދި ރެސްޓޯރެންޓުތައް ވެސް މި މުއްދަތުގެ ތެރޭގައި ބަންދުކުރުމަށް ވަނީ ނިންމާފައެވެ.
ޖިއްދާގައި ކާފިއު ހިންގަން ނިންމާފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ސައުދީން 2،500 އަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ޖިއްދާއިން އެކަނިވެސް 459 ކޭސް ފެނުމާ ގުޅިގެންނެވެ. މިއާއެކު ސައުދީން މިހާތަނަށް ބަލިޖެހުނު މީހުންގެ އަދަދު ވަނީ 95,748 އަށް އަރާފައެވެ. އަދި މި ބަލީގައި 642 މީހުން ވަނީ މަރުވެފައެވެ. އެ ގައުމުން މިހާތަނަށް ބަލިން މުޅީން ރަނގަޅުވެފައިވާ މީހުންގެ އަދަދަކީ 70،616 އެވެ.
ސައުދީގެ ބައެއް ހިސާބުތަކުގައި ޕޮޒިޓިވް ކޭސްތައް ގިނައިން ފެންނަން ފަށާފައިމިވަނީ އެ ގައުމުގެ ސަރުކާރުން މި ޖޫން މަހުގެ 21 ވަނަ ދުވަހުން ފެށިގެން އެ ގައުމުގެ ގިނަ ސިޓީތަކުން ކާފިއު އުވާލަން ނިންމާފައިވަނިކޮށެވެ. ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ސައުދީން އެވްރެޖްކޮށް ދުވާލަކު ބަލިޖެހޭ މީހުންގެ އަދަދު ހުރީ 1،500 ގައެވެ.
މީގެއިތުރުން، އެ ގައުމުގެ ހެލްތު މިނިސްޓްރީން އިއްޔެ ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ވެރިރަށް ރިޔާދުން ވެސް 719 ކޭސް ވަނީ ފެނިފައެވެ. މިކަމާ ގުޅޭގޮތުން، ސައުދީ އިންޓީރިއާ މިނިސްޓްރީން ބުނީ އެ ސަރަހައްދުން ޕޮޒިޓިވް ކޭސްތައް އިތުރުވާނަމަ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކާފިއު ހިންގާނެ ކަމަށެވެ.