English Edition
Dhivehi Edition
އައްޑޫގައި ކުރިއަށް ގެންދިޔަ ބައިނަލް އަގުވާމީ މުދައްރިސުންގެ ކޮންފަރެންސްގެ ތެރެއިން/ފޮޓޯ ލުބްނާ މަޖީދު/ އޭއޯ ނިއުސް

ބައިނަލް އަގުވާމީ މުދައްރިސުންގެ ދުވަހަށް ޚާއްޞަ ކޮށްގެން ސަރަހައްދީ ކުޅިވަރު ހަރަކާތެއް ، ދެކުނުގެ 4 އަތޮޅުގައި ބޭއްވުމަށް ނިންމައިފިއެވެ.

ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް) ގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މި ހަރަކާތް ބޭއްވުމަށް ނިންމާފައިވަނީ އޮކްޓޯބަރ 12 ވަނަ ދުވަހުގެ މެންދުރު 2:00 އިން 6:00 އަށެވެ.

“މުދައްރިސުންގެ އަޖައިބު ރޭސް” ގެ ނަމުގައި ކުރިއަށް ގެންދާ މި ހަރަކާތުގައި އައްޑޫސިޓީ، ފުވައްމުލައް، ގދ އަދި ގއ އަތޮޅުން މުދައްރިސުން ބައިވެރިކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެ އަތޮޅެއްގެ ހަރަކާތް އެ އަތޮޅެއްގައި ވަކިން ނެވެ. ނަމަވެސް ހަރަކާތް ކުރިއަށް ގެންދާނީ ސްކީމްގެ އަތޮޅު ޗެޕްޓަރ ތަކުގެ ބެލުމުގެ ދަށުން އެއްދުވަހެއްގެ އެއްވަގުތެއްގަައެވެ.

މުދައްރިސުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ މި ރޭހުގައި ދެކުނުގެ 4 އަތޮޅުގެ ކޮންމެ ސްކޫލަކުން މުދައްރިސުންގެ ޓީމަކަށް ބައިވެރިވެވޭ އިރު، ކޮންމެ އަތޮޅަކުން 1 ވަނަ 2 ވަނަ އަދި 3 ވަނަ ޓީމު ހޮވުމާއި 4 އަތޮޅު އެއްކޮށް މުޅި ރޭހުން 1 ވަނަ ޓީމު ހޮވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މުޅި ރޭހުން 1 ވަނަ އަށް ހޮވޭ ޓީމަށް ޚާއްޞަ ވަނަ އެއްގެ ގޮތުގައި ރާއްޖޭން ބޭރުން ތައުލީމީ ދާއިރާއާއި ގުޅުން ހުރި ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު ސްކީމުން ހޯދައިދޭނެއެވެ. މީގެ އިތުރުން ވެސް ތަފާތު އެކިވަނަ ތަކަށް އިނާމު ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ހަރަކާތް ކުރިއަށް ގެންދާނެ ގޮތާއި އަދި ހަރަކާތުގެ ގަވާއިދު އޮކްޓޯބަރ 1 ވަނަ ދުވަހުގެ ކުރިން ދެކުނުގެ 4 އަތޮޅުގެ ސްކޫލް ތަކާ ހިއްސާ ކުރެވޭނެއެވެ.

ޓްރެޝަރ ހަންޓް ސްޓައިލަށް ތަފާތު ގިނަ ހަރަކާތް ތަކަކާއެކު ކުރިއަށް ގެންދާ މި ހަރަކާތަކީ ބައިނަލް އަގުވާމީ މުދައްރިސުންގެ ދުވަހާ ގުޅުވައިގެން މުދައްރިސުން ކުރަމުން ގެންދަވާ ބުރަ މަސައްކަތްތަކުގެ އަގުވަޒަންކޮށް، މުދައްރިސުންނަށް އުފާވެރި ވަގުތުތަކެއް ހޯދައިދީ ދޭދޭމުދައްރިސުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ފުރުސަތު ހޯދައިދިނުމުގެ މަގުޞަދުގައި “ސްކީމް” އިން އިސްނަގައިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.

ސްކީމަކީ ރާއްޖޭގެ ދެކުނުގެ 4 އަތޮޅުގެ ހުރިހާ އުމުރު ފުރައެއްގެ ދެޖިންސުގެ މީހުންނަށް އަމާޒުކޮށްގެން ތަފާތު ދާއިރާތަކުން މީހުން ބާރުވެރިވެރިކުރުވައި މީހުން ބިނާ ކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ޖަމިއްޔާއެކެވެ. މި ޖަމިއްޔާ ރަސްމީކޮށް ރަޖިސްޓްރީ ކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޖޫން މަހުގައެވެ. މި ޖަމިއްޔާގައި ދެކުނުގެ 4 އަތޮޅުން ކުރެ ކޮންމެ އަތޮޅެއްގައި ޖަމިއްޔާ ތަމްސީލް ކުރާ އަތޮޅު ޗެޕްޓަރ އަކާއި އަދި ގައުމީ ހިންގާ ކޮމެޓީއެއް އެކުލަވާލާފައިވެއެވެ.

ސްކީމް އިން މިހާތަނަށް ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސްފައިވާ ހަރަކާތްތަކުގެ ތެރޭގައި ބައިނަލް އަގުވާމީ މުދައްރިސުންގެ ކޮންފަރެންސް ގައި ހުށަހަޅައި ދިން ދިވެހި ސަގާފީ ހަރަކާތާއި، ސިންގަލް ޔޫޒް ޕްލާސްޓިކް މަދުކުރުމުގެ މަގުސަދުގައި ލޯންކޮށްފައިވާ “ސްވިޗް” ހަރަކާތާއި މާޕް އާއި ގުޅިގެން ބޭއްވި އެޗް އާރު ބެސްޓް ޕްރެކްޓިސް އިވެންޓްގެ އިތުރުން އައްޑޫ ވިމެންސް އެސޯސިއޭޝަނާއި ގުޅިގެން ކުރިއަށް ގެންދިޔަ ލީޑަރޝިޕް ޕްރޮގްރާމު ހިމެނެއެވެ. މީގެ އިތުރުން ވެސް ކޮމިޔުނިޓީ އާއި ގުޅުން ހުރި ކޮންމެ ހަރަކާތެއް ދެކުނުގެ 4 އަތޮޅުގައި ހިންގާނަމަ އެ ހަރަކާތެއްގައި ސްކީމްގެ އަތޮޅު ޗެޕްޓަރ ތަކުން ގެންދަނީ ބައިވެރިވަމުންނެވެ.

 

1 ކޮމެންޓް
އާސްތް
ސެޕްޓެމްބަރު 30, 2019
މާލޭގަ އުޅޭ ދެކުނުގެ މީހުންނަށް ބައިވެރިވެވޭނެ ގޮތެއް ނެއްތަ