English Edition
Dhivehi Edition

ޤާނޫނީ ވަކީލުންގެ ކަންތައްތައް ބަލައި ރެގިއުލޭޓް ކުރުމަށް މިއަހަރު ސަރުކާރުން އުފައްދާފައިވާ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމެޓީ (އެކްސްކޯ) ގެ މެންބަރު ކަމުގެ މަގާމަށް ބޭފުޅަކު އިންތިހާބުކޮށްފި އެވެ. އެގޮތުން މިއަދު އެ ކައުންސިލްގެ ހުސްވެފައިވާ މަގާމަށް އިންތިހާބުކޮށްފައި ވަނީ ޤާނޫނީ ވަކީލު ނޫރުބާން ފަހުމީ އެވެ.

ވަކީލު ނޫރުބާން ފަހުމީ ބާ ކައުންސިލްގެ އެކްސްކޯ ކޮމިޓީ އަށް އިންތިހާބު ކޮށްފައި ވަނީ އެ މަގާމުގައި ކުރިން ހުންނެވި އައިޝާ ޝުޖޫން މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. ޝުޖޫން އެ މަގާމުން އިސްތިއުފާ ދެއްވީ ސުޕްރީމްކޯޓުގެ ފަނޑިޔާރަކަށް ހަމަޖެހިވަޑައިގެންނެވުމުންނެވެ.

ބާ ކައުންސިލްގެ ރައީސް އަކީ ޤާނޫނީ ވަކީލު މައުމޫން ހަމީދެވެ. ނައިބު ރައީސަކީ ކުރީގެ އެޓާނީ ޖެނެރަލް އަބްދުﷲ މުއިއްޒެވެ. ބާ ކައުންސިލްގެ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަނާރާ ނަޢީމާއި ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް އަހުމަދު މުއިއްޒާއި މުހައްމަދު ފައިސަލާއި މުހައްމަދު އަސީލް ހަސަން ގެ އިތުރުން އެމްޑީޕީގެ ސެކްރެޓްރީ ޖެނަރަލް އަނަސް އަބްދުލް ސައްތާރެވެ.