English Edition
Dhivehi Edition
16 ޖުލައި 2019ގައި ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެކްސްކޯ މެންބަރުންނާއި ރައީސް ޞާލިޙް ބައްދަލުކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް

ބާ ކައުންސިލުގެ ދާއިމީ ސަބް ކޮމިޓީތަކުގެ މެންބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ދިވެހިރާއްޖޭގެ ބާ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ކައުންސިލުގެ ދާއިމީ ސަބް ކޮމިޓީތައް އެކުލަވާލުމަށްޓަކައި، އެކޮމިޓީތަކުގެ މެންބަރުކަމަށް އެދި ހުށަހެޅުމަށް ކުރިން ކުރި އިޢުލާނުގައިވާ މުއްދަތު ހަމަވެފައިވާތީ، އެ ކޮމިޓީތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށް، އެ ފުރުޞަތު އެކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކަށް އަލުން ހުޅުވާލާފައިވާ ކަމަށެވެ.

ޤާނޫނީ ފަންނުގެ ޤާނޫނުގައި ބަޔާންކުރާ ދާއިމީ ސަބް ކޮމިޓީތަކަށް، މެންބަރުން ނެގުމަށް ހަމަޖެހިފައިވަނީ ލައިސަންސިންގ ކޮމިޓީ، އެތިކްސް ކޮމިޓީ، އިސްތިއުނާފު ކޮމިޓީ، ޤާނޫނީ ތަޢުލީމު ކޮމިޓީ އަދި ލޯ ރިފޯރމް އެންޑް ރިސަރޗް ކޮމިޓީ އަށެވެ. މިއިން ކޮންމެ ކޮމިޓީއަކަށް ނެގުމަށް ހަމަޖެހިފައިވަނީ ތިން މެންބަރުންނެވެ.

މި މަގާމަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ޤާނޫނީ ވަކީލުކަމުގެ ހުއްދަ އޮތް މީހަކުކަމުގައިވުމާއެކު ޤާނޫނީ ދާއިރާގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ. މީގެ އިތުރުން ޤާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެމީހެއްގެ ނަޒާޙާތްތެރިކަމާމެދު ސުވާލު އުފެދޭ ފަދަ މައްސަލައެއް ޝަރުޢީ ކޯޓަކަށް ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.މި ކޮމިޓީތަކުގެ މަސްއޫލިއްޔަތުތަކަކީ ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގައި ބަޔާންކުރާ މަސްއޫލިއްޔަތުތަކުގެ ތެރެއިން އެ ކޮމިޓީއަކާ ގުޅޭ ދާއިރާއަކުން ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް ލަފާދިނުމާއި، އެގްޒެކެޓިވް ކޮމިޓީން ކަނޑައަޅާ ޒިންމާތައް އަދާކުރުމެވެ.

މާގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 13 ފެބްރުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ.

ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން “ދިވެހިރާއްޖޭގެ ބާ ކައުންސިލު”، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް އުފައްދަވާފައިވަނީ މިދިޔަ އަހަރު ޖުލައި މަހުގެ27 ވަނަ ދުވަހުއެވެ. ގާނޫނީ ވަކީލުންގެ ކަންކަން މޮނީޓާ ކުރުމާއި ގާނޫނީ ފަންނު އިތުރަށް ތަރައްގީކޮށް ކުރިއެރުވުމުގެ ހުރިހާ ޒިންމާއެއް މަތިކޮށްފައިވަނީ ބާ ކައުންސިލަށެވެ