ދިވެހި ރާއްޖޭގެ ބާ ކައުންސިލްގެ ދާއިމީ ސަބް ކޮމިޓީތައް އެކުލަވާލުމަށްޓަކައި، މިކޮމިޓީތަކުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޤާނޫނު ނަންބަރު 2019/5 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) ގެ 6 ވަނަ މާއްދާގައި ބަޔާންކުރާ ދާއިމީ ސަބް ކޮމިޓީތަކަށް، މެމްބަރުން ނެގުމަށް ހަމަޖެހިފައިވަނީ ލައިސަންސިންގ ކޮމިޓީ ، އެތިކްސް ކޮމިޓީ، އިސްތިއުނާފު ކޮމިޓީ، ޤާނޫނީ ތަޢުލީމު ކޮމިޓީ އަދި ލޯ ރިފޯރމް އެންޑް ރިސަރޗް ކޮމިޓީ އަށެވެ. މިއިން ކޮންމެ ކޮމިޓީއަކަށް ނެގުމަށް ހަމަޖެހިފައިވަނީ ތިން މެމްބަރުންނެވެ.
މި މަގާމަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ޤާނޫނީ ވަކީލުކަމުގެ ހުއްދަ އޮތް މީހަކުކަމުގައިވުމާއެކު ޤާނޫނީ ދާއިރާގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ. މީގެ އިތުރުން ޤާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެމީހެއްގެ ނަޒާޙާތްތެރިކަމާމެދު ސުވާލު އުފެދޭ ފަދަ މައްސަލައެއް ޝަރުޢީ ކޯޓަކަށް ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.މި ކޮމިޓީތަކުގެ މަސްއޫލިއްޔަތުތަކަކީ ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގައި ބަޔާންކުރާ މަސްއޫލިއްޔަތުތަކުގެ ތެރެއިން އެ ކޮމިޓީއަކާ ގުޅޭ ދާއިރާއަކުން ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް ލަފާދިނުމާއި، އެގްޒެކެޓިވް ކޮމިޓީން ކަނޑައަޅާ ޒިންމާތައް އަދާކުރުމެވެ.
މި މާގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 6 ފެބްރުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ.
http://gazette.gov.mv/iulaan/view/125045
ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން “ދިވެހިރާއްޖޭގެ ބާ ކައުންސިލު”، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް އުފައްދަވާފައިވަނީ މިދިޔަ އަހަރު ޖުލައި މަހުގެ27 ވަނަ ދުވަހުއެވެ. ގާނޫނީ ވަކީލުންގެ ކަންކަން މޮނީޓާ ކުރުމާއި ގާނޫނީ ފަންނު އިތުރަށް ތަރައްގީކޮށް ކުރިއެރުވުމުގެ ހުރިހާ ޒިންމާއެއް މަތިކޮށްފައިވަނީ ބާ ކައުންސިލަށެވެ