English Edition
Dhivehi Edition

މިމަހުގެ 21 ވަނަ ރޭ މާލޭގެ ކެމިކަލް ގުދަނެއްގައި ރޯވެ އެ ގުދަނާއި ޖެހިގެން ހުރި ގެތަށް ރޯވެ އަޅިޔަށް ވެފައިވާއިރު ރޭ އަނެއްކާ، އަލިފާން ރޯވި ކެމިކަލް ރައްކާކޮށްފައި ހުރި ގުދަން އިން އިމާރާތުގައި އަލިފާން ރޯވެއްޖެ އެވެ. އެ އިމާރާތުގައި އަލިފާން ރޯވެފައި ވާއިރު ސިފައިންނާއި ފުލުހުން ވަނީ އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައެވެ. ނަމަވެސް އެސަރަހައްދުން އަދިވެސް ދުމުގެ އަސަރު ނުކެނޑެ އެވެ.


21 ވަނަ ރޭ ވެގެން ދިޔައީ މުޅި ރާއްޖެއަށް، ހާއްސަކޮށް މާލެއަށް ބިރުވެރި ރެއަކަށެވެ. ކެމިކަލް ގުދަނުގައި ރޯވެ އަނދަމުން ގޮސް އެ އަލިފާންގަނޑު އެތައް އިމާރާތެއްގައި ރޯވެ ފެތުރިގެން ގޮސްފައިވާ އިރު އަނދާ އަޅިޔަށްވި އެ އިމާރާތް ތަކުގައި ދިރިއުޅެމުން އައި އެތަށް ބައެއްގެ ހަނދާންތަކާއި ޢުމުރުގައި ހޯދި ހުރިހާ އެއްޗެއް އަލިފާނަށްވެ އަންދާ އަޅިއަށް ވެގެން ދިޔައީ އެވެ. ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވި އެތައް ގަޑިއިރަކަށް ދެކިގެން ގޮސްފައިވާއިރު އަލިފާންގަނޑު މާލެ އާއި ޖެހިގެން އޮތް ހުޅުލެއަށް ފެންނަން ހުއްޓެވެ.

އެމްއެންޑީއެފް އަލިފާން ނިއްވާ އަޅުނދުތައް އެހިސާބުގައި އަދިވެސް ތިބިއިރު ސިފައިން ދަނީ އެ ސަރަހައްދުގައި އަދިވެސް ޙަރަކާތްތެރި ވަމުންނެވެ. އަލިފާނުގެ ހާދިސާގައި 10 އިމާރާތަށް ގެއްލުން ވެފައި ވާއިރު 400 އަށްވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފަ އެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް(އެމްއެންޑީއެފް) އާއި މޯލްޑިވްސް ޕޮލިސް ސަރވިސް އިތުރުން، މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯޕްސް(އެމްއެންސީސީ)، މޯލްޑިވިއަން ރެޑްކްރެސެންޓް(އެމްއާރްސީ) އަދި ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް، މޯލްޑިވްސް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރ(އެންޑީއެމްސީ) އިން ވަނީ ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިވުމުގައި ޙަރަކާތްތެރިވެފައެވެ. އާންމުންގެ އެތަށް ސަތޭކަ ބަޔަކު ވަނީ ހާލުގައި ޖެހުނު ފަރާތްތަކަށް އަންނައުނާއި އަދި އެހެނިހެން ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ.