ރާއްޖޭގައި އަލިފާނުގެ ހާދިސާތައް ހިނގާ މިންވަރު އިތުރުވެ، ކާރިސާތަކާ ގުޅިގެން ދައުލަތުން ކުރަންޖެހޭ ހޭދަ އެތައް ގުނައަކުން މައްޗަށް ގޮސްފިއެވެ.
ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ކާރިސާތަކަށް 2022 ވަނަ އަހަރު 3 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، 2023 ވަނަ އަހަރު އެ އަދަދު ވަނީ 6 މިލިއަން ރުފިޔާއަށް އަރާފައެވެ. އަދި 2024 ވަނަ އަހަރު ކާރިސާތަކަށް ކުރި ހޭދަ ވަނީ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް އިތުރުވެފައެވެ.
މިގޮތަށް ދައުލަތުގެ ހޭދަ ބޮޑުވެފައިވާއިރު، އަލިފާނުގެ ހާދިސާތައް ހިނގާ މިންވަރު އަންނަނީ ކަންބޮޑުވާ ދަރަޖައަކަށް އިތުރުވަމުންނެވެ. އެންޑީއެމްއޭގެ 2024 ވަނަ އަހަރުގެ ތަފާސްހިސާބުތައް ދައްކާގޮތުގައި 83 އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރިޕޯޓުކޮށްފައިވާއިރު، މީގެ ތެރެއިން 77 އިންސައްތަ ހާދިސާ ހިނގާފައިވަނީ މާލެ ސަރަހައްދުގައެވެ. ހަމައެކަނި މިދިޔަ ހަފްތާއަށް ބަލާއިރު ވެސް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަލިފާނުގެ 12 ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު އިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
އެމްއެންޑީއެފްއިން މިއަދު އާންމުކުރި މައުލޫމާތަށް ބަލާއިރު، މިދިޔަ ހަފްތާގައި އެކަނިވެސް ޖުމްލަ 23 ހާދިސާއަކަށް އެ އިދާރާއިން ވަނީ އެޓެންޑުވެފައެވެ. އަލިފާނުގެ 12 ހާދިސާގެ އިތުރުން، ހަތަރު މެޑިކަލް އިވެކުއޭޝަނަކާއި، ކެމިކަލް ލީކުވި ހާދިސާއެއްގެ އިތުރުން މީހުން ސަލާމަތްކުރުމުގެ ފަސް ހާދިސާއެއް މީގެ ތެރޭގައި ހިމެނެއެވެ. މި ހާދިސާތަކުގެ ތެރެއިން 16 ހާދިސާއަކަށް މާލެ އޭރިއާ ކޮމާންޑުން އެޓެންޑުވިއިރު، ނޮދަން އޭރިއާ ކޮމާންޑުން އެއް ހާދިސާއަށް އަދި ސެންޓްރަލް އޭރިއާ ކޮމާންޑާއި ސަދަން އޭރިއާ ކޮމާންޑުން ކުރެ ކޮންމެ ކޮމާންޑަކުން ވަނީ ތިން ހާދިސާއަކަށް އެޓެންޑުވެފައެވެ.