English Edition
Dhivehi Edition
އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތައް: ފޮޓޯ އެމްއެންޑީއެފް

މާލޭގެ ހ. ފަހިވައިގޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު ހަތަރު މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި އެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، އަލިފާން ރޯވި ތިން ކޮޓަރީގެ އެޕާޓްމަންޓުގައި ދިރިއުޅޭ ތިން އަންހެނަކާއި ފިރިހެނަކަށް ފަސް ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައިދީފައިވާ ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ އެގޭގެ ހަތް ވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމެންޓެއްގައެވެ. ރޭ 8:40 ހާއިރު ހިނގި މި އަލިފާނުގެ ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްއަށް ލިބުމާއެކު އަލިފާން ނިއްވާލުމުގެ މަސައްކަތް ކޮށް، ރޭ 9:20 އެހާއިރު ވަނީ އަލިފާންގަނޑު މުޅިން ނިއްވާލާފައެވެ.

އަލިފާން ރޯވީ އެގޭގެ ސިޓިން ރޫމުގައި ކަމަށްވާއިރު، މި ހާދިސާގައި އެ ފަންގިފިލާއަށް ބޮޑެތި ގެއްލުންތަކެއް ވެ، އެ ތަނުގައި ހުރި ހިފާގެންގުޅޭ ސާމާނަށް ވަނީ އެކި ވަރުގެ ގެއްލުން ލިބިފައެވެ. އަދި އެ އިމާރާތުގެ ބައެއް އެޕާޓްމަންޓްތަކަށް ދުމުގެ އަސަރު ކުރި ނަމަވެސް، ދިރިނޫޅެވޭ ފަދަ ބޮޑު ގެއްލުމެއް ނުވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

މި ހާދިސާއާ ގުޅޭގޮތުން އެމްއެންޑީއެފުން ބުނީ، ފެހިވައިގޭ ޓެރަސްއަށް ވަންނަ ދޮރުގެ ބިއްލޫރިގަނޑެއް ތަޅާލުމުގެ ތެރޭގައި އެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހެއްގެ އަތް ކަނޑައިގެން ގޮސްފައިވާ ކަމަށެވެ. ނަމަވެސް އެ ނޫން މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.