English Edition
Dhivehi Edition

މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) ހިއްސާ ވިއްކުމަށްޓަކައި އެ ބޭންކުގެ އައްޑޫ ސިޓީ ހިތަދޫ ބްރާންޗް މިއަދު ހުޅުވައި ހިއްސާ ގަތުމުގެ އިންތިޒާމް ހަމަޖައްސައިފިއެވެ.

މިއަދު ހެނދުނު 10:00 އިން ފަށައިގެން މެންދުރު 14:00 ހަމައަށް އެމްއައިބީ ހިތަދޫ ބްރާންޗު ހުޅުވުމަށް ނިންމާފައިވާއިރު މިހާރުވެސް ހިއްސާ ގަތުމަށް ބޮޑު ތަރުހީބެއްދަނީ ލިބެމުންނެވެ. ރާއްޖޭގެ އެންމެ ފުރަތަމަ އިސްލާމިކް ބޭންކު ކަމުގައިވާ މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އިން އާންމުންނަށް ހިއްސާ ވިއްކުމަށް ހުޅުވާލި ފުރުސަތަށް ގިނަ ބައެއްގެ ތަރުހީބު ލިބެމުންދާއިރު މިއަދު އައްޑޫ ސިޓީގެ ބްރާންޗަ ހުޅުވުމަށް ނިންމީ ހިއްސާ ގަތުމަށް ބޭނުންވާ ގިނަ ބައެއްގެ އެދުމުގެ މަތިންނެވެ.

މިއަހަރުގެ ޖުލައި މަހުގެ 28 ވަނަ ދުވަހުން ފެށިގެން އެމްއައިބީ އިން ހިއްސާ ވިއްކަން ފަށާފައިވާއިރު ހިއްސާ ވިއްކުމަށް ހުޅުވާލި ފުރުސަތު މާދަމާގެ ނިޔަލަށް ހަމަވާނެއެވެ.

އެމްއައިބީންއާއްމުންނަށް ވިއްކަން ހަމަޖެހިފައި ވަނީ އެ ބޭންކުގެ ޖުމްލަ ހިއްސާގެ 31 ޕަސެންޓް ކަމަށްވާ 6،975،000 ހިއްސާ އެވެ. މި ހިއްސާ ވިއްކައިގެން ޖުމްލަ 244 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އެ ބޭންކުން އަންދާޒާކޮށްފައިވެ އެވެ. އެ ބޭންކުގެ ހިއްސާ ގަންނަން ބޭނުންވާ ފަރާތްތަކަށް މަދުވެގެން ގަނެވޭނީ 20 ހިއްސާ ނުވަތަ ހިއްސާ އަކަށް 35ރ. ގެ މަގުން 700ރ. ގެ ހިއްސާ އެވެ. އަދި ކޮންމެ ފަހަރަކު 10 ހިއްސާ އިން ނުވަތަ 350ރ. ގެ ހިއްސާ އިން އިތުރަށް ގަތުމުގެ ފުރުސަތު ލިބޭނެ އެވެ.