4 ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ޖުޑިޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) ބަލަން ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފިއެވެ. ޖޭއެސްސީން މިއަދު ބުނީ އެ އިދާރާއިން ބަލަން ނިންމާފައި ވަނީ ކުރިމިނަލް ކޯޓުގެ ފަނޑިޔާރެއްގެ މައްސަލައަކާއި ސިވިލް ކޯޓުގެ 2 ފަނޑިޔާރެއްގެ މައްސަލަ އަކާއި މެޖިސްޓްރޭޓެއްގެ ސުލޫކީ މައްސަލަތަކެއް ކަމަށެވެ.
ޖުޑިޝަލް ސަރވިސް ކޮމިޝަނުން ފަނޑިޔާރުންގެ މައްސަލަތައް ބަލަން ނިންމީ މިއަދު ބޭއްވި އެ ކޮމިޝަންގެ ޖަލްސާގައި އެވެ. އެގޮތުން އެ ކޮމިޝަނުން ބަލަން ނިންމީ ކުރިމިނަލް ކޯޓުގެ ފަނޑިޔާރު ހަސަން ނަޖީބުގެ މައްސަލަ އަކާއި ސިވިލް ކޯޓުގެ ފަނޑިޔާރު ހަސަން ފަހީމް އިބްރާހީމްގެ މައްސަލަ އަކާއި ސިވިލް ކޯޓްގެ ފަނޑިޔާރު ހުސައިން ފާއިޒް ރަޝާދުގެ މައްސަލައެއްގެ އިތުރުން ލ. ދަނބިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ޝަރީފްގެ ދެ މައްސަލަ އެވެ.
މިއަދު ޖުޑިޝަލް ސަރވިސް ކޮމިޝަން ގެ ޖަލްސާގައި އެ ކޮމިޝަންގެ 6 މެމްބަރަކު ބައިވެރިވެވަޑައިގެންނެވި އެވެ. އެއީ ކޮމިޝަނުގެ ރައީސް އަބްދުﷲ އަރީފް އާއި ނައިބު ރައީސް މަސްތޫރު ހުސްނީ އާއި މެމްބަރު ހިސާން ހުސައިން އާއި މެމްބަރު އަބްދުއް ރައޫފް އިބްރާހީމް އާއި މެމްބަރު ޑރ. އަލީ ޝަމީމް ގެ އިތުރުން މެމްބަރު އަބްދުލް މާނިއު ހުސައިން އެވެ.