English Edition
Dhivehi Edition
06 ޑިސެމްބަރު 2019 ގައި ބޭއްވި ޖޭއެސްސީގެ 88 ވަނަ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ޖޭއެސްސީ

ބ. ދަރަވންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަޙުމަތު ލަތީފު، ސަލާމް ބުނުމުގެ އުޞޫލާ ޚިލާފަށް ސަލާމް ބުނަމުންދާތީ އޭނާ އަށް ނަސޭހަތް ދިނުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

މިގޮތަށް ނިންމާފައި ވަނީ މިއަދު އޯޑިއޯ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި ޖޭއެސްސީގެ މި އަހަރުގެ 29 ވަނަ ބައްދަލުވުމުގަ އެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިސްމެޖިސްޓްރޭޓް އަޙުމަތު ލަތީފު ސަލާމް ބުނުމުގެ އުސޫލާ ޚިލާފަށް ސަލާމް ބުނާކަމަށް އެ ކޮމިޝަނަށް ހުށަހެޅުނު ޝަކުވާ ބެލި ބެލުމުން، އޭނާ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ ދެވަނަ މާއްދާގެ (ށ) އާއި 32 ވަނަ މާއްދާގެ (ހ) އާއި، 22 ވަނަ މާއްދާގެ (ށ) އާއި، ހަމަ އެ ޤާނޫނުގެ 65 ވަނަ މާއްދާ އާއި ވަޒީފާއާބެހޭ ޤާނޫނުގެ 42 ވަނަ މާއްދާގެ (ށ) އާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަޑުގެ 2.2 އާއި 3.2 އާއި 6.5 ވަނަ ނަންބަރާ ކަނޑައެޅިގެން ޚިލާފުވެފައިވާކަން އެނގިފައިވާ ކަމަށެވެ.

އެހެންކަމުން ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް، އަޙުމަތު ލަތީފަށް ނަސޭހަތް ދިނުމާއެކު ޖޭއެސްސީން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރުމަށް އެންގުމަށް ނިންމާފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.