English Edition
Dhivehi Edition
01 ޑިސެމްބަރު 2019ގައި ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ޓްވިޓާ (ޖޭއެސްސީ)

ވިހެއުމާއި ގުޅިގެން ދައުލަތުގެ މުވައްޒަފުންނަށް ދޭ ޗުއްޓީ، ފަނޑިޔާރުންނަށްވެސް ލިބޭ ގޮތަށް ފަނޑިޔާރުންގެ ޤާނޫނަށް އިސްލާޙު ގެނައުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފަނޑިޔާރުންނަށް ދެވޭ ޗުއްޓީގެ ތެރޭގައި ވިހެއުމާ ގުޅިގެން އަންހެނުންނަށް ދޭ 06 މަސް ދުވަހުގެ ޗުއްޓީއާއި އަނބިމީހާ ވިހެއުމާ ގުޅިގެން ފިރިހެނުންނަށް ދެވޭ 01 މަސް ދުވަހުގެ ޗުއްޓީ ހިމެނުމަށް ފަނޑިޔާރުންގެ ޤާނޫނަށް އިސްލާޙު ގެންނަން ފެންނަ ކަމަށް ދައުލަތުގެ ބަންޑާރަ ނައިބާއި ރައްޔިތުންގެ މަޖިލީހުގައި ދެންނެވުމަށް ނިންމާފައިވާ ކަމަށެވެ.

ސިވިލް ސަރވިސްގައި މަސައްކަތްކުރާ އަންހެން މުވައްޒަފުން ވިހެއުމާއި ގުޅިގެން ބަންދު ދުވަސްތައް ހިމަނައިގެން މުސާރައާއެކު 06 މަސްދުވަހުގެ ޗުއްޓީއެއް ލިބޭނެކަން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އިއުލާންކުރެއްވީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް 07 މާޗު 2019ގައި ބޭއްވި ޖަލްސާގަ އެވެ.

ސަރުކާރުގެ އަންހެން މުވައްޒަފުންނަށް ހަ މަހުގެ މެޓާނިޓީ ލީވް އަދި ފިރިހެނުންނަށް އެއް މަސް ދުވަހުގެ ޕެޓާނިޓީ ލީވް ދިނުމަކީ ރައީސް ޞާލިޙްގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ރައީސް ޞާލިޙްގެ އެ ނިންމެވުމާއެކު ސިވިލް ސަރވިސްގެ މުއައްސަސާތަކުގެ އިތުރުން ސަރުކާރުގެ އެހެން ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުންވެސް ވަނީ މެޓާނިޓީ އަދި ޕެޓާނިޓީ ލީވް ދޭން ފަށައިފަ އެވެ.

މީގެ އިތުރުން ޖޭއެސްސީ އިން ވަނީ އިއްޔެ ގިނަ އަދަދަކަށް މައްސަލަ ލަސްވާކަމުގެ ޝަކުވާ ލިބެމުންދާތީ، ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތައް އަވަސްކުރުމަށްޓަކައި، 01 އަހަރު ދުވަހަށްވުރެ ދިގު މުއްދަތަށް ޝަރީޢަތުގެ އަޑުއެހުން ބޭއްވިފައި ނުވާ މައްސަލަތައް ދެނެގަނެ އެ މައްސަލަތަކާއި އަދަދުތައް އަދި ތަފްޞީލް ހޯދުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގައި ދެންނެވުމަށްވެސް ނިންމައިފަ އެވެ.