English Edition
Dhivehi Edition

ޏ،އަތޮޅު އަތޮޅު ތަޢުލީމީ މަރުކަޒުގައި ފުރަތަމަ ފަހަރަށް އޮންލައިން ކޮށް އިމްތިޙާނު ފަށައިފިއެވެ. މިއަހަރުގެ ފަހު ޓާމްގެ އިމްތިހާނު ޏ،އަތޮޅު އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުން، އޮންލައިންކޮށް، މިއަދު ހެނދުނު މިވަނީ ފަށާފައެވެ.

މިއިމްތިހާނު އެސްކޫލުގެ ގާތްގަނޑަކަށް 200 އަށްވުރެ ގިނަ ދަރިވަރުން ހަދާނެ ކަމަށް ސްކޫލުން ބުނެއެވެ. ދެ ދަންފަޅިއަކަށް ބަހައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ، މިއިމްތިހާނު މިއަދު ފަށާފައިމިވަނީ، އެސްކޫލުގެ ގުރޭޑު 9،8،7 އަދި 11ގެ ދަރިވަރުންގެއެވެ.

އޭއޯއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އޭއީސީގެ ޕްރިންސިޕަލް އިސްމާއިލް ސައުދުﷲ ވިދާޅުވި ގޮތުގައި، މިފަހަރުގެ އިމްތިހާން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ސްކޫލުންވަނީ ވަރަށް ރަނގަޅަށް ތައްޔާރުވެފައެވެ. އެގޮތުން، ސްކޫލުގެ ސީނިއާރ މެނޭޖުމެންޓުގެ ބޭފުޅުންނާއި، ޓީޗަރުންނާއި، ބެލެނިވެރިން އަދި ދަރިވަރުންނަށް ވާނީ މިކަމަށް ހޭލުންތެރިކޮށް ބޭނުންވާ ހުރިހާ މައުލޫމާތު ވަރަށް ރަގަޅަށް ހިއްސާކުރެވިފައެވެ. އެގޮތުން އިމްތިހާނު ހެދުމުގެ ތެރޭގައި ނުކުމެދާނެ ބައެއްކަހަލަ ޓެކްނިކަލް މައްސަލަތަކާއި، މިފަދަ މައްސަލައެއް ދިމާވާ ހާލަތުގައި އަމަލުކުރާނެގޮތާއި، އިމްތިހާނު ވިލަރެސް ކުރަމުންގެންދާނެ ގޮތްފަދަ މައުލޫމާތު ވާނީ ހިއްސާކޮށްފައެވެ. މި މައުލޫމާތު ދިނުމުގައި، އިމްތިހާނު ގަޑީގައި، ދަރިވަރުންގެ އަމަލު ބަހަށްޓާނޭ ގޮތާއި، ބެލެނިވެރިން ދައުރުވެސް އެބޭފުޅުންނަށް ވަރަށް ރަގަޅަށް ކިޔައި ދެއްވާފައިވާނޭ ކަމަށް ސްކޫލުގެ ފަރާތުން ސައުދު، މައުލޫމާތު ދެއްވިއެވެ. އެގޮތުން އެންމެ ބޮޑު އިސްކަމެއްދެނީ އެއްވެސް ކުއްޖަކު ބާކީ ނުކޮށް ދެވެންހުރި ހުރިހާ ލުއިފަސޭހައެއް ދީގެންވެސް ދަރިވަރުންނަށް މިއިމްތިހާނު ހެދޭނެގޮތް ފަހިކޮށްދިނުން ކަމަށްވެސް އެބޭފުޅާ ފާހަގަ ކުރެއްވިއެވެ.

އޭއީސީއިން ތަފްސީލުކޮށްދެއްވި ގޮތުގައި، ދަރިވަރުންގެ ކަންކަން ވީހާވެސް ގާތުން އެންމެ ރަގަޅަށް ވިލަރެސްކޮށް މި އިމްތިހާނު ކާމިޔާބުކަމާއި އެކު ކުރިއަށް ގެންދިޔުމުގެ ގޮތުން ސްކޫލްގައި ޚާއްސަ ޓާސްކުފޯހެއް ވަނީ ގާއިމުކޮށްފައެވެ. މިކަމަށްޓަކައި ވަކި ކޮންޓުރޯލްރޫމެއް ހަދައި، އެތަނުގައި 65 އިންޗީގެ 3 ޓީވީ ބަހަށްޓައިގެން، އޭގެއިން ހުރިހާ ދަރިވަރުންގެ ހަރަކާތްތައް ވަގުތުން ބެލެމުންދާނެގޮތުގެ އިންތިޒާމްވެސް ވާނީ ހަމަޖެހިފައިކަމަށެވެ. މީގެ އިތުރުން ކޮންމެ ދަންފަޅިއެއްގައިވެސް ކޮންމެ ކުލާހެއްގެ ކަންކަން ބެލެހެއްޓުމަށްޓަކައި، ދެ އިންވިޖިލޭޓަރުން ހަމަޖައްސައިފާނޭ ކަމަށްވެސް އެފަރާތުން މައުލޫމާތު ދެއްވިއެވެ. މި އިމްތިހާނުގެ ސައްޙަކަން ވީހާވެސް ބޮޑަށް ހިފެހެއްޓުމަށްޓަކަކައި ވަރަށްގިނަ މަސައްކަތްތަކެއްވާނީ ކުރެވިފައެވެ.

މީގެ އިތުރުން، އެއްވެސް ސަބަބަކާއި ހުރެ އިމްތިހާނު ކުރިއަށްދަނިކޮށް މައްސަލައެއް ދިމާވެއްޖެނަމަ އެމައްސަލަ ހައްލު ކުރާނޭގޮތާއި، އެފަދަ ހާލަތެއްގައި، އެކުއްޖަކު ސްކޫލަށް ގެންނަން ޖެހިއްޖެ ހިނދެއްގައި އެގޮތަށްވެސް އެކަން ކުރެވޭގޮތަށް ސްކޫލުންވަނީ ތައްޔާރުވެފައި ކަމަށް ސްކޫލުން މައުލޫމާތު ދެއްވިއެވެ. މިއަދުގެ އިމްތިހާނު ނިމުނުއިރު އެއްވެސް ކުއްޖެއްގެ ފަރާތުން އެއްވެސް ކަހަލަ ނުރަނގަޅުކަމެއް އަދި އަމަލެއްވެސް ހިންގިކަން ކެމެރާތަކުން ފެންނަންނެތް ކަމަށާއި، އެފަދަ ކަމެއް ފާހަގަ ކުރެވިފައިނުވާ ކަމަށްވެސް ސްކޫލުން މައުލޫމާތު ދެއްވިއެވެ.

މިއަދުގެ ތަޖުރިބާއަށް ބަލާއިރު އޮންލައިންކޮށް އިމްތިހާން ކުރިއަށް ގެންގޮސްގެން، މާބޮޑު މައްސަލައެއް ދިމާވެފައެއް ނުވެއެވެ. ވަރަށް ކާމިޔާބު ކަމާއިއެކު މިއަދުގެ ބައި ކުރިއަށް ގެންދެވުނުކަން ޕްރިންސިޕަލް ފާހަގަ ކުރެއްވިއެވެ. މުޅިއެކު 10 ވަރަކަށް ކުދިންނަށްވެސް މައްސަލައެއް ދިމާވެފައި ނުވާކަމަށާއި، އަދި ގާތްގަނޑަކަށް ހައެއްކަ ކުދިންނަށް ކުދި ކުދި މައްސަލަތައް ދިމާވެގެން މައުލޫމާތު ލިބުނުކަމަށް އެފަރާތުން ހާމަކުރެއްވިއެވެ. އަދި މީގެތެރެއިން ، 3 ކުއްޖަކު އިންޓަނެޓުގެ މައްސަލަ ދިމާވެގެން، ސްކޫލަށް ގެނެސްގެން އިމްތިހާނު ހައްދާފައިވާކަމަށްވެސް ފާހަގަކުރެވިއެވެ.

އޮންލައިންކޮށް ކުދިން އިމްތިހާނު ހަދަމުންދާއިރު، އޭއީސީން ވަނީ ދެގޮތަކަށް ޕޭޕަރު ހެދޭނޭ ގޮތަށް ތައްޔާރުވެފައެވެ. އެއީ ފިޒިކަލްކޮށް އިމްތިހާނު ހަދަން ބޭނުންވާ ކުދިންނަށް ޕީޑީއެފް ފައިލެއް ހަދައިފައި ވުމާއި، އެކުދިން ބޭނުމިއްޔާ އެ ޕޭޕާރ ޕްރިންޓުކޮށްގެން އިމްތިހާނު ހެދޭނޭ ކަމާއި،އަދި ހަމަ އޮންލައިންކޮށް ކޮށް ހަދަން ބޭނުންވާ ކުދިންނަށް ގޫގުލް ޑޮކްސް ފައިލެއް ހުންނާނެ ކަމަށާއި، އެކުދިންނަށް އޭގައި އޮންލައިންކޮށް އިމްތިހާނު ހެދޭނެ މަގުވެސް ފަހިކޮށްފައިވާނެ ކަމަށާއި، މި ދެ ގޮތުން އެކުއްޖަކު ބޭނުންވާ ގޮތެއް އެކުއްޖަކު އިޚުތިޔާރު ކުރާނީ ކަމަށްވެސް ސްކޫލުން މައުލޫމާތު ދެއްވިއެވެ. އަދި މީގެ އިތުރުން ޓީޗަރުން ބައެއް ޕޭޕަރުތައް ގޫގުލް ފޯމްކަހަލަ ޓޫލްސްތައް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާނޭ ކަމާއި، ކުއްޖާ ޕޭޕަރު ހަދާފައި ސަބުމިޓު ކުރާ ތަނުން މާކުސް ވަގުތުން ލިބޭގޮތަށްވެސް ހަމަޖެހިފައިވާނޭ ކަމަށް ސައުދު ވިދާޅުވިއެވެ.

މިއަދުގެ ތަޖުރިބާއަށް ބަލާފައި، އެހެން ސްކޫލްތަކަށް ދޭނޭ އިރުޝާދަކީ ކޮބައިތޯ ސުވާލު ކުރުމުން ސައުދު ވިދާޅުވި ގޮތުގައި، ކޮންމެ ކަމެއްވެސް ކުރަމުންދާއިރު ގޮންޖެހުންތަކެއް ހުންނާނެއެވެ. އަދި އެގޮންޖެހުންތަކުން އަރައިގަންނަން،މަސައްކަތް ކުރަންވާނެއެވެ. އެގޮތުން ކަމާއި ގުޅުންހުރި ހުރިހާ ފަރާތްތަކަށް ސާފު މަޢުލޫމާތު ހިއްސާކޮށް، އެފަރާތްތަކުގެ ޚިޔާލު ހޯދައި، އެންމެންގެ ޚިޔާލާއި މާޝްވަރާގެ މަތިން ކުރިއަށް ދިއުމުން ފަސޭހަވާނެކަމަށެވެ. އަދި ހަމަ ގޮންޖެހުންތައް ދިމާވާނެކަން އަބަދުވެސް ގަބޫލުކުރަން ޖެހޭނެއެވެ. ޓެކުނިކަލީ ކަންކަން އެނގުމަކީ އިތުރު އެޑްވާންޓޭޖެއް، ޓެކްނިކަލް ގާބިލުކަން ނެތުމަކީ އެކަމެއް ނުކުރެވޭނެ ކަމެއްނޫން. ނޭނގުނަސް ކުރަން އުޅެންޏާ ވާނެ.” ސައުދު އިތުރަށް ސާފުކޮށްދެއްވިއެވެ.

އޭއީސީން މިއަދު އިމްތިހާނު ފަށައިފައި ވާއިރު، ފުވައްމުލައްސިޓީގެ އެހެން ސްކޫލް ތަކުންވެސް އަންނަނީ މި އިމްތިހާނަށް ތައްޔާރުވަމުންނެވެ. ހާފިޒުއަހުމަދު ސްކޫލުގައި މާދަމާ އިމްތިހާނު އޮންލައިންކޮށް ފެށުމަށް ހުރިހާ ތައްޔާރީތައް ވެފައިވާ ކަމަށް ސްކޫލުގެ ޕްރިންސިޕަލް މައުލޫމާތު ދެއްވިއިރު، މުހައްމަދު ޖަމާލުއްދީން ސްކޫލުގައި އިމްތިހާނު ފަށާނީ މިމަހުގެ 5 ވަނަ ދުވަހު ކަމަށް ޕްރިންސިޕަލް އާރިފާ މައުލޫމާތު ދެއްވިއެވެ. އެބޭފުޅުންގެ އިމްތިހާނު ކުރިއަށް ގެންދަވާނީ މިނިސްޓުރީގެ ސާކިއުލާގައިވާ ގޮތުގެ މަތީން، ކުރީގެ އިމްތިހާނުތަކުން ވަކި ޕަސެންޓެއް ނަގައި، އަދި އޮންލައިންކޮށްވެސް ޓީޗާރ ބޭސްޑު އެސެސްމެންޓެއް ދީގެން އޭގެއިންވެސް ޕަސެންޓެއް ނަގާ ގޮތަށްކަމަށް އާރިފާ މެޑަމް ވިދާޅުވިއެވެ. އަދި ފުވައްމުލަކު ސްކޫލުގައިވެސް މިމަހުގެ 6 ދުވަހު އިމްތިހާނު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ސްކޫލުގެ ޕްރިސިޕަލް ޒަރީރު ވިދާޅުވިއެވެ.