ކޮންމެ ރަށަކަށްވެސް ޒިޔާރަތްކުރާ މެހެމާނުންގެ ލޮލުގައި އެންމެ ފުރަތަމަ އަޅައިގަންނާނެ އެއްޗަކީ އެ ރަށެށްގެ މަލަމައްޗެވެ. ރަށުގެ ރީތިކަމާއި ސާފުތާހިރުކަމެވެ. އަދި ރަށްރަށުގައި ހަދާފައި ހުންނަ ފިނިމައިޒާން ތަކަކީ އެރަށެއްގެ ރައްޔިތުންގެ އިތުރުން ރަށަށް ޒިޔާރަތް ކުރާ މެހެމާނުންނަށްވެސް އެންމެބޮޑު ހިތްހަމަޖެހުމަކާއި އުފަލެއް ލިބިގެންދާނެ ތަންތަން ކަމުގައި ޔަގީނެވެ.
އައްޑޫސިޓީ އަށްބަލާއިރު ސ.މީދޫ އަކީ އެކިނަންނަމުގައި ފިނިމައިޒާން(ޕާކް) ތައް ހަދާފައި ސާފުތާހިރު ރީތި ރަށެކެވެ. މި ޕާކް ތަކަކީ ރަށުގެ ޖަމްމިއްޔާ ޖަމާއަތްތަކާއި އަމިއްލަ ފަރުދުން އިސްނަގައިގެން އެކިސަރަހައްދު ތަކުގައި ބޮޑެތި ހަރަދުތައްކޮށްގެން ހަދާފައިވާ ޕާކުތަކެކެވެ. މިޕާކުތައް ޒީނަތްތެރި ކުރުމުގެ ގޮތުން ރަށުގެ ގިނަ ރައްޔަތުން ވަނީ ރީތި މާފޮޅޭގަސްތައް އިންދުމަށްފަހު، ޕާކްތަކަށް ހަދިޔާކޮށް ޕާކުގެ ރީތިކަން އިތުރަށް ފުރިހަމަކޮށްދީފައެވެ. މީދޫގެ އަމިއްލަ ޖަމިއްޔާއެއްކަމަށްވާ “ނަލަފެހިމީދޫ” އިސްނަގައިގެން ހަދާފައިވާ ޕާކްތަކުގައި އިންދާފައިވާ ގަސްތަކައް ގަވައިދުން ކާނާދީ ފެންދީ ރީތިކޮށް ބަލަހައްޓަމުން ގެންދަނީ ރަށުގެ ރައްޔަތުންނެވެ.
އެ ގަސްތަކަކީ އެ ސަރަހައްދު ރީތިކުރުމަށްޓަކައި ހައްދާފައިވާ ގަސްތަކަށްވީ ނަމަވެސް ރަށަށް ޒިޔާރަތްކުރާ ބައެއް ފަރާތްތަކުގެ އަމަލުތައް ހުންނަ ގޮތުން އެ ގަސްތަކަށް ގެއްލުންދީ ނުވަތަ ގަސްތަކުން ގޮފި ކަނޑައިގެން ގެންދާ މައްސަލަ މިހާރުވަނީ ވަރަށް ބޮޑު މައްސަލައަކަށްވެފައެވެ.ފާއިތްވި ދެ ދުވަހު އެކަނިވެސް މީދޫއަށް އައްޑޫގެ ގުޅިފައިވާ ރަށްތަކުން ގިނަ ބަޔަކު ޒިޔާރަތްކޮށްފައިވާއިރު ރަށަށް ޒިޔާރަތްކުރާ ބައެއް ފަރާތްތަކުން ރަށުގައި ހަދާފައިވާ ފިނި މައިޒާންތަކާއި އެތަންތަނުގައި ހައްދާފައިވާ ގަސްތަކުގެ އިތުރުން ބައެއް ގޭގޭ ބަގީޗާތަކަށްވެސް ގެެއްލުންދެމުންދާކަމުގެ ޝަކުވާތައް މި ވަނީ އިންތިހާއަށް ބޮޑުވެފައެވެ.
މިއަހަރުގެ ފަސްޓް ސެމިސްޓަރ ބްރޭކް އަދި އީދު ބަންދުގައިވެސް މީދޫއަށް އެތައް ބަޔަކު ޒިޔާރަތް ކޮށްފައިވާ އިރު ބައެއް ފަރާތްތަކުގެ ކިބައިން ފެނިގެންދިޔައީ މީދޫގެ އެތައް ރައްޔިތުންގެ ހިތުގައި ޝަކުވާތައް އުފެދިގެންދިޔަ އަމަލުތަކެކެވެ. އީދު ދުވަހު މީދޫ ބޮޑެތި މަގުތަކުގައި ދުއްވުމަށްޓަކައި ހަދާފައިވާ ބޮޑު މަހެއް ހަލާކުކޮށްލާފައިވާއިރު، މީދޫ އެކޯގާޑަންވެސް ވަނީ ހަލާކުކޮށްލާފައެވެ. ރަށަށް ޒިޔާރަތް ކުރާ ބައެއް ފަރާތްތަކުން ކުރަމުންދާ މި ފަދަ ކަންތައްތަކާއި މެދު މާޔޫސްވެ “އޭއޯނިއުސް” އާއި ވާހަކަދެއްކި މީދޫގެ ޒުވާނަކު ބުނީ، “އަހަރެމެން އަބަދުވެސް މީދޫއަށް ޒިޔާރަތް ކުރާފަރާތް ތަކަށް ހެޔޮހިތުން މަރުހަބާކިޔަން. މީދޫއަކީ ތާރީޙާއި ގުޅިފައުވާ ރަށަކަށްވާއިރު އަހަރެމެން އެދެނީވެސް މީދޫއަށް ގިނަބަޔަކު ޒިޔާރަތް ކުރުން. އެހެން ނަމަވެސް ހިތާމައާއެކީ ބުނެލާނީ ބައެއް ފަރާތްތަކުން މީދޫގައި ހޭދަކުރާ މަދުދުވަސްކޮޅު ނިންމާލުމަށްފަހު އެނބުރިދާއިރު ރަށުގެ ޕާކުތަކުގައި ހުންނަ ގަސްތަކަށް ގެއްލުންދީ ނުވަތަ ގަސްތަކުން ގޮފިތައް ކަނޑައި އެހިފައިގެންދިއުމަކީ ދެރަކަމެކޭ. ބަގީޗާ ހައްދަން ގަސްބޭނުން ނަމަ ރަށުތެރެއިންވެސް ލިބޭނެ. އެކަމަކު މިގޮތަށް އަމަލުކުރުމުން އަހަރެމެން ބުރަމަސައްކަތް ކޮށްފައި ހަދާފައި ހުންނަ ޕާކްތައް ހަޑިވޭ. އަދި މިތަންތަނަށް ގެއްލުން ދިނުމުން އެ ގެއްލުން ދެވެނީ މުޅި މުޖްތަމައުއަށް” އެޒުވާނާ ބުންޏެވެ.
އެއްވެސް ރަށެއްގެ ބަޔަކު އެރަށަކަށް ޒިޔާރަތް ކުރާ މެހެމާނުން އެރަށަކަށް ގެއްލުން ދިނުމަކީ ގަބޫލުކުރެވޭނެ ކަމެއްނޫނެވެ. މީދޫގެ ހުރިހާ ރައްޔިތުންގެ އާދޭހަކީ މީދޫއަށް ޒިޔާރަތް ކުރާ ފަރާތްތަކުން އެރަށުގެ ޒީނަތްތެރިކަން ނުގެއްލޭނެހެން އަމަލުތައް ބެހެއްޓުމެވެ. އަޅުގަނޑުމެން އިންސާނުންގެ ކިބައިގައި ރީތިއާދަ ހުރުމަކީ ކޮންމެ ބަޔަކުވެސް އެއްބަޔަކު އަނެއް ބަޔަކަށް ގަދަރުކޮށް ލޯތްބާއި އިޙްތިރާމް އިތުރުވާނެ ކަމެކެވެ. މީދޫ ގެ ފިނި މައިޒާންތަކުން އުފާވެރިކަން ހޯދައި ގުދުރަތީ ރީތިކަން ދެމެހެއްޓުމަށްޓަކައި މި ސިޓީގެ ކޮންމެ ރައްޔަތަކުވެސް މަސައްކަތްކުރުމަކީ މީދޫ ރައްޔަތިންގެ އެދުމެކެވެ.