ސަރުކާރު ތެރޭގައި ކޮންމެވެސް ވަރަކަށް ލަސްކަމެއް އުޅޭކަމަށް ހީވާކަމަށް މައްޗަންގޮޅި މެދު ދާއިރާ ގެ މެމްބަރު އަދި ރައްޔަތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހުގެރޭ މައްޗަންގޮޅި މެދު ދާއިރާގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްޑީޕީގެ ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުގެ ތެރޭގައި ކޮންމެވެސް ވަރަކަށް ލަސްކަމެއް އުޅޭ ކަމަށް ހިވޭފައިވާ ކަމަށެވެ. މަޖިލީހުގެ ސްޕީޑާ އެއްވަރަށް ސަރުކާރުގެ ސްޕީޑް ނުހިނގާކަމަށް ވިދާޅުވެ ކުރެއްވި ސުވާލާއި ގުޅިގެން އިތުރަށް ނަޝީދު ވިދާޅުވީ ކޮންމެ ސަރުކާރަކުންވެސް ކަންތައްތައް ކުރަން ދުވަސްކޮޅެއް ނަގާނެކަމަށެވެ. އަދި މި ސަރުކާރުގެ ޕްލޭންތައް ވަރުގަދަވާނެކަމަށް ގަބޫލުކުރައްވާކަމަށް ނިޝީދު ވިދާޅުވިއެވެ.
ސަރުކާރުގެ ސްޕީޑާއި ބެހޭ ގޮތުން ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ސަރުކާރުގެ ކަންތައްތައް ބާރަށް ކުރިއަށް ގެންދެވޭނީ ހުރިހާ ވުޒާރާއެއްވެސް، އަދި ހުރިހާ އިދާރާއެއްވެސް އެކުގައި ބާރަށް ކުރިއަށް ގެންދަން މަސައްކަތް ކުރެވިގެންކަމަށާއި ބައެއް ފަހަރަށް އެއްތަނުން އަނެއް ތަނަށް ސިޓީ ފޮނުވުމުގައި ދިމާވާ ލަސްވުމާއި ފަރުވާކުޑަ ކަމުން ދިމާވާ ލަސްވުމާއި ކަންކަމާއި އަޅަނުލެވޭތީއާ ކަންކަން ނުބަލަހައްޓާތީ ދިމާވާ ލަސްތަކެއް އެބަހުރިކަމަށެވެ. އަދި ކުރިޔަށް ހުރި މަސްތަކުގައި ތެރޭގައި ތަންކޮޅެއް ސަރުކާރުގެ ސްޕީޑް ބާރުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ނަޝީދުވަނީ ވިދާޅުވެފައެވެ.