ދުނިޔޭގެ މަޝްހޫރު ފެޝަން ޑިޒައިނަރުންނަށް ފުރުސަތު ހުޅުވާލައިގެން ބާއްވާ ފެޝަން ޑިޒައިނަރުންގެ ވީކެއް އައްޑޫގައި ބޭއްވުމަށް ޝައުގުވެރިވާ ކަަމަށް އިންޑިޔާގެ މަދްޔަ ޕްރަދޭޝް އެސޯސިއޭޝަން އޮފް ވިމެން އޮންޓްރަޕްރެނިއަރސް (މާވޭ) އިންބުނެފިއެވެ.
މަދްޔަ ޕްރަދޭޝްގެ ޖަބަލްޕޫރުގައި މިމަހުގެ 6 އިން 7 އަށް ކުރިއަށް ގެންދިޔަ ކުރިއަށް ގެންދިޔަ ގްލޯބަލް ސަމިޓް އޮފްވިމެން އޮންޓްރަޕްރެނިއަރޝިޕް ޕްރޮގްރާމު (ސްވީޕް) ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މާވޭގެ ރައީސާ އަރުޗަނާ ބަޓްނަރގަރް ވިދާޅުވީ ރާއްޖޭގެ އަންހެނުން ތަފާތު އެކިރޮނގު ރޮނގުން ހަލުވި ކަމާއެކު ކުރިއަރަމުން އަންނަ ކަމަށާއި މިފަދަ ބައިނަލް އަގުވާމީ އިވެންޓެއް ރާއްޖޭގައި ބޭއްުވުން މުހިއްމު ކަމަށެވެ.
ސްވީޕްގައި އެންމެ ބޮޑު ޑެލިގޭޝަނެއް ބައިވެރިވެފައިވަނީ ރާއްޖެއިން ކަން ފާހަގަކުރައްވަމުން އަރުޗަނާ ވިދާޅުވީ ފެޝަން ޑިޒައިނިންގެ ގެ ރޮނގުން ކުޅަދާނަ އަންހެނުން ރާއްޖޭގައި ތިބިކަން ޕްރޮގްރާމުގައި ބައިވެރިވި ފަރާތްތަކުން ވަނީ ދައްކާފައި ކަމަށެވެ. އެގޮތުން ރާއްޖޭގެ ބީޗްވެއަރ ފެޝަންޑިޒައިނަރ “ރިވެލި” ސާދާ އަލީ ގެ ފެޝަން ޑިޒައިންތަކަށް ބައިވެރިންގެ ފަރާތުން ލިބިގެން ދިޔަ ތަރުހީބު އަރުޗަނާ ވަނީ ފާހަގަކުރައްވަވާފައެވެ.
ސްވީޕްގައި ދުނިޔޭގެ 20 ގައުމަކުން ގިނަ ފެޝަން ޑިޒައިނަރުން ބައިވެރިވެފައިވާއިރު ހުރިހާ ފަރާތްތަކުން ވަނީ މިކަމަށް މަރުހަބާ ކިޔާފައެވެ.
އަރުޗަނާ ވިދާޅުވީ މި އިވެންޓް ކުރިއަށް ގެންދާނީ ސްވީޕްގައި ރާއްޖޭގެ ޑެލިގޭޝަންގެ އިސްބޭފުޅެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވި ޑރ މަރިޔަމް ޝަކީލާ އާއި އަދި ޑެލިގޭޝަން ގައި ބައިވެރިވި އެންޖީއޯ ތަކުގެ އިސްބޭފުޅުންނާއި ގުޅިގެން ކަމަށެވެ.
މާވީ އިން ފާޅުކުރި މި ޝައުގާ ގުޅިގެން ޑރ މަރިޔަމް ޝަކީލާ ވިދާޅުވީ މިފަދަ އިވެންޓެއް ރާއްޖޭގައި ބާއްވާނަމަ އެކަމަށް އެންމެ އެކަށީގެންވާ އެއްތަނަކީ އައްޑޫ ސިޓީ ކަމަށެވެ. އެގޮތުން އިންޓަނޭޝަނަލް އިވެންޓެއް އައްޑޫގައި ބާއްވާނަމަ އިތުރު ގިނަ ފަރާތްތަކަކަށް އައްޑޫ ޕްރޮމޯޓް ކުރުމަށް ފުރުސަތު ލިބިގެން ދާނެ ކަމަށާއި މިއީ ގިނަ ބަޔަކަށް ފައިދާ ވެގެން ދާނެ އިވެންޓަކަށް ވާނެ ކަމަށެވެ.
ނިމިގެން ދިޔަ ސްވީޕް ޕރޮގްރާމުގައި ރާއްޖޭގެ ޑެލިގޭޝަނުގައި އައްޑޫވިމެންސް އެސޯސިއޭޝަން (އަވަ) ، ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް)، މޯލްޑިވްސް ޗެމްބަރ އޮފް ކޮމާރސް ، މީދޫ އެކުވެރިންގެ ޗޭނު (އެމްއީސީ) އަދި އައްޑޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ (ޑަބްލިޔުޑީސީ) އާއި އައްޑޫސިޓީ ކައުންސިލުން ވަނީ ބައިވެރިވެފައެވެ.
މި ޕްރޮގްރާމުގައި ރާއްޖޭގެ މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސް ޝިދާތާ ޝަރީފް ވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.