English Edition
Dhivehi Edition

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ރާއްޖެ އިން ދެވޭނެ އިތުރު ފަރުވާއެއް ނެތް ކަމަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ސަމީރު ވިދާޅުވެއްޖެއެވެ.ގާސިމް އަށް ހިތުގެ އާލާސްކަންފުޅެއްގައި އޭޑީކޭގައި އެޑްމިޓްކޮށް ފަރުވާދެމުން އަންނަ އިރު ހާލު ވަރަށް ސީރިއަސް ކަމަށް ސަމީރުވަނީ ވިދާޅުވެފައެވެ.

“ގާސިމްގެ ހާލު ދަނީ ދުވަހެއް ދުވަހަކަށް ދަށްވަމުން. މިހާރު ރާއްޖޭގައި ދެވޭނެ އިތުރު ފަރުވާއެއް ނެތި ޑޮކްޓަރުންނަށްވެސް ވަނީ ގޮތްހުސްވެފަ.”ސަމީރު ވިދާޅުވިއެވެ. މީގެ އިތުރުން ސަމީރު ވިދާޅުވީ އިއްޔެވެސް އެމްއާރުއައި ސްކޭނެއް ހަދާފައިވާ ކަމަށާއި ޑޮކްޓަރުން ލަފާ ދެއްވަނީ ވީހާވެސް އަވަހަކަށް އޮޕަރޭޝަން ކުރުމަށްކަމަށެވެ. “ގާސިމްއަށް އެކަށީގެންވާ ފަރުވާ ދެވެން އަންނަނީ އޮޕަރޭޝަންކޮށްގެން. އެކަމަކު އެއީ ރާއްޖޭގައި ކުރެވޭ އޮޕަރޭޝަނެއް ނޫން.” ސަމީރު ވިދާޅުވިއެވެ.

ގާސިމްގެ މައްޗަށް ރިޝްވަތުގެ ތުހުމަތުކޮށް ޝަރީއަތް ހިންގަމުން ދިޔަ ނަމަވެސް އޭނާއަކީ ހުކުމެއް ސާބިތުވެފައިވާ މީހަކަށް ނުވާތީ ރާއްޖެ އިން ބޭރުން ގާސިމަށް ބޭސްފަރުވާ ކުރެވޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސައިދިނުމަށާއި ސަރުކާރުން ބޭނުންވާ ބަޔަކު، ގާސިމާ އެކު ރާއްޖެ އިން ބޭރަށް ފޮނުވައިގެން ނަމަވެސް ގާސިމަށް މި ވަގުތު ސިއްހީ ފަރުވާ ބޭނުންވާ ކަމަށް ސަމީރުވަނީ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ތިން ދައުވާއެއް މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމްގެ މައްޗަށް ވަނީ ކޮށްފައެވެ. ޝަރީއަތް ނިމެންދެން ގާސިމް ރާއްޖެ އިން ބޭރަށް ފުރުން މަނާކޮށް، އޭނާގެ ޕާސްޕޯޓު އޮތީ ހިފަހައްޓައިފަ އެވެ.