English Edition
Dhivehi Edition

އައްޑޫސިޓީގެ އަވަށްތަކުގައި ނަރުދަމާ އެޅުމުގެ މަސައްކަތް ލަސްވާތީ އައްޑޫސިޓީ ކައުންސިލުން އައްޑޫސިޓީ ގައި ނަރުދަމާ އެޅުމުގެ މަސައްކަތް ކުރާ ކުންފުނި ފެނަކަ އާއި ބައްދަލުކޮށް މަޝްވަރާކުރައްވައިފިއެވެ.

އައްޑޫސިޓީ ކައުންސިލުން ވިދާޅުވީ މި ބައްދަލުވުމަކީ އައްޑޫސިޓީގެ ހިތަދޫ އަވަށުގެ ނަރުދަމާހޮޅި އެޅުމުގެ މަސައްކަތްނިމި ގެތެކަށް ގުޅުމުގެ މަސައްކަތް ފެނަކައިން ފަށާފައިވާއިރު މަސައްކަތް ހިނގަމުންދާގޮތް ލަސްކަން ފާހަގަކޮށް ރައްޔިތުން ކަންބޮޑުވުންތައް ފާޅުކުރަމުންދާކަން ކައުންސިލަށް ފާހަގަކުރެވިފައިވާތީ އެކަމުގެ މަޢުލޫމާތު އޮޅުންފިލުއްވުމުގެ ގޮތުން ކައުންސިލުން ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

ފެނަކައިން ބުނީ ހިތަދޫގެ ނަރުދަމާހޮޅި ގުޅުމުގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރުމަށް މަސައްކަތް ކުރެވެމުން އަންނަ ކަމަށާއި އެހެން ނަމަވެސް މުވައްޒަފުންގެ އަދަދުގެ ދަތިކަމާހުރެ މަސައްކަތް ބޭނުން ވާ އަވަސްމިނުގައި ނުގެންދެވޭކަމަށެވެ.

ފެނަކައިން ބުނީ ހިތަދޫ ދެކުނު ދާއިރާގެ ގެތަކަށް ކަނެކްޝަން ދިނުމުގެ މަސައްކަތް މިހާރު ފެށިފައިވާއިރު މަސައްކަތް ނިންމުމަށް ތާވަލުކުރެވިފައިވަނީ މިމަހުގެ 12 ވަނަ ދުވަހާ ހަމައަށެވެ. ހިތަދޫ އުތުރު ދާއިރާގެ ނަރުދަމާގެ މަސައްކަތް ސެޕްޓެމްބަރު މަހުގެ 10 އިން އޮކްޓޫބަރުގެ 2 ވަނަ ދުވަހާ ހަމައަށް ނިންމުމަށް ރާއްވަވާފައިވާއިރު ހިތަދޫ މެދު ދާއިރާގެ މަސައްކަރް ތާވަލުކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 15 އިން އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހަށެވެ.

މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ނަރުދަމާހޮޅި އެޅުމުގެ މަސައްކަތް އަދި އެއްކޮށްނުނިމޭކަމަށާއި ހުޅުދޫ އަދި މީދޫގެ ނަރުދަމާ ހޮޅި އެޅުމުގެ މަސައްކަތް ނިމިފައިވާކަމަށްވެސް ފެނަކައިން ބުންޏެވެ. އަދި މިމަހުގެ ނިޔަލަށް ހުޅުދޫ އަދި މީދޫގެ ގެތަކަށް ކަނެކްޝަން ދެވޭނެ ގޮތުގެ ތާވަލް ތައްޔާރުކޮށް މަސައްކަތް ފެށުމަށްޓަކައި ތައްޔާރުވެވޭނެ ކަމަށް ފެނަކަ އިން ބުނެފައިވެއެވެ.