އެއްގަމު އުޅަނދު ދުއްވަން ދަސްކޮށްދޭ އަމިއްލަ ސްކޫލެއް ކަމަށްވާ އައްޑޫސިޓީ ޑްރައިވިން ސްކޫލުގައި މަސައްކަތް ކުރާ މުވައްޒަފެއްގެ ޚިޔާނާތުގެ މައްސަލަތަކެއް ފެންމަތިވެ އޭނާ ހޯދުމުގެ މަސައްކަތް އެ ސްކޫލުން ފަށައިފިއެވެ. އެސްކޫލްގެ ފޭސްޕުކް ޕޭޖްގައި ޢާންމުކޮށްފައިވާ ޕޯސްޓެއްގައިވާ ގޮތުން ހޯދަމުންދަނީ ބ. ތުޅާދޫ ރަނައުރާމާގޭ މުޙައްމަދު ޝާފީ ޢަލީ އެވެ. އޭނާ ހޯދަމުންދަނީ ދެފަރާތުގެ ދެމެދުގައި ހެދުނު އެގްރިމެންޓާއި ޚިލާފުވެ ފައިސާ ދެއްކުމަށް އިންކާރު ކޮށް ފޯނަށް ޖަވާބު ނުދީ، އުޅޭ އެޑްރެހެއް ނޭނގުމުގެ ސަބަބުންނެވެ. އެޕޯސްޓުގައިވާ ގޮތުން ޖުމްލަ 5000 ރުފިޔާ އޭނާ އެ ސްކޫލަށް ދައްކަން ޖެހި ނުދައްކާ އެބައޮތެވެ.
މިކަމާ ގުޅިގެން އޭއޯ ނިއުސް އާއި ވާހަކަ ދައްކަމުން އައްޑޫސިޓީ ޑްރައިވިން ސްކޫލްގެ މަސްއޫލުވެރިޔާ ޙަސަން ޝިފާޢު ވިދާޅުވީ ޝާފީ ވަނީ ދުއްވާ ކުދިންގެ ފީ ހިމެނޭހެން އެސްކޫލްގެ ފައިސާއިން 8343 ރުފިޔާ، އެކި ފަހަރުމަތިން އަނބުރާ ދައްކާ ގޮތަށް ހޯދާފައި ކަމަށެވެ. އެހޯދާ ފައިސާ އަނބުރާ ދެއްކުމަށް ޢުޒުރު ވެރިވެ ބަހަނާ ދައްކަމުންދާ ކަމަށާއި އޭނާއާއި ޙަވާލު ކުރެވުނު މަސްއޫލިއްޔަތުވެސް ފުރިހަމައަށް އަދާނުކޮށް މަކަރާއި ޙީލަތް ހަދަމުންދާ ކަމަށް ޝިފާއު ވިދާޅުވިއެވެ.
“ޝާފީ ގެ ހަވާލުގައި ދަސްކުރަމުންދާ ކުދިން ދަސްކުރުމަށް ކަނޑައެޅިފައި އޮންނަ 2 މަސް ދުވަސް ފާއިތުވެގެން ދިޔައިރުވެސް އެކުދިންނަށް އެއްވެސް ކުރިއެރުމެއް ނުލިބޭ. އެގޮތުން ހަވާލު ކުރެވުނު މަސްއޫލިއްޔަތު ފުރިހަމައަށް އަދާނުކޮށް އަދި ފައިސާއަށް ޚިޔާނާތްތެރި ވެފައިވާތީ މިހާރު އޭނާއަށް ވާނީ އައްޑޫސިޓީ ޑްރައިވިން ސްކޫލުން ވަކިކުރުމުގެ ނޯޓިސްދީ ސްކޫލުން ވަކިވެސް ކޮށްފަ.”
ޝިފާޢު ވިދާޅުވީ ޑްރައިވިން ސްކޫލަށް ލިބުނު ގެއްލުމުގެ ބަދަލު ދެވިދާނެ 2 ގޮތެއް އެބައޮތް ކަމަށާއި އޭގެ ތެރެއިން ބޭނުންގޮތެއް ޝާފީއަށް ޚިޔާރު ކުރެވިދާނެ ކަމަށެވެ.
” މުޙައްމަދު ޝާފީ ޢަލީ އަށް އައްޑޫ ލިޓަސް ހިތަދޫއިން ޑްރައިވިން ސްކޫލްގެ ބޭނުމަށް ގަނެފައިވާ ސައިކަލް ޑްރައިވިން ސްކޫލްގެ ނަން މައްޗަށް ބަދަލުކޮށް ސައިކަލް ސްކޫލާއި ޙަވާލުކޮށްދޭންވީ. ސައިކަލަށް އިތުރަށް ދައްކަން ޖެހޭ ފައިސާ ދައްކާނީ މި ސްކޫލުން. އެއީ އެއްގޮތް. ދެވަނަ ގޮތަކީ މި ސްކޫލުން ނަގާފައިވާ 8343 ރުފިޔާގެ ތެރެއިން ސައިކަލްގެ ޑައުން ޕޭމެންޓްގެ ގޮތުގައި ހޯދި ނަގުދު 5000 ރުފިޔާ އަޅުގަނޑުމެންނާ ޙަވާލު ކުރުން.” ޙަސަންޝިފާޢު.
އައްޑޫ ޑްރައިވިން ސްކޫލުން ފައިސާ ދެއްކުމަށް ޝާފީއަށް 1 މަސް ދުވަހުގެ މުހުލަތެއް ދީފައިވެއެވެ.
އައްޑޫ ސިޓީ ފޭދޫގައި ޑްރައިވިން ލައިސަންސް ނަގައިދިނުމަށް އެހީތެރިވުމުގެ ގޮތުން އެއްގަމު އުޅަނދު ދުއްވަން ދަސްކޮށްދިނުމުގެ ޚިދުމަތް ދެމުން އަންނަ މި ސްކޫލަކީ މިދިޔަ 2023 ވަނަ އަހަރުގެ ނޮވެންބަރ 20 ވަނަ ދުވަހު ހުޅުވި ސްކޫލެކެވެ. ޝިފާޢު ވިދާޅުވީ ޝާފީގެ މި ޢަމަލުގެ ސަބަބުން ވަރަށް ޅަފަތުގައި އޮތް އެ ސްކޫލަށް ފޫނުބެއްދޭވަރުގެ ގެއްލުމާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
އެންމެ ޒަމާނީ ފެންވަރުގެ ޚިދުމަތްތަކާއެކު ހިންގާ މި ސްކޫލުން، މޮޓޯސައިކަލުން ފެށިގެން ހެވީ ވެހިކަލާއި ހަމަޔަށް ލައިސެންސް ނެގުމުގެ ފުރުސަތު ލިބެއެވެ. އައްޑޫސިޓީ ޑްރައިވިން ސްކޫލުން ދުއްވަން ދަސްކުރާ ފަރާތްތަކާއި، އަލަށް ލައިސަންސަށް އެދޭ ފަރާތްތަކާއި އަދި ލައިސަންސްގެ ކެޓަގަރީ އިތުރު ކުރުމަށް ބޭނުންވާ ފަރާތްތަކަށްވެސް އެކަމުގެ އެހީތެރިކަން ފޯރޮކޮށްދެމުންދެއެވެ.