English Edition
Dhivehi Edition

އަންނަ ހޮނިހިރު ދުވަހު ރާއްޖޭގައި ބޭއްވުމަށް ތައްޔާރުވަމުންދާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުލުމަށް އައްޑޫގެ އެކި ދާއިރާތަކުގައި މުޅިއެކު 31 ވޯޓު ފޮށި ބަހައްޓާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ހާމަކޮށްފިއެވެ. އިލެކްޝަނުން އާންމުކޮށްފައިވާ އިއުލާނުގައި ވާ ގޮތުން ހިތަދޫގެ 3 ދާއިރާގެ ރައްޔިތުން ވޯޓުލުމަށް 15 ވޯޓު ފޮށްޓެއް ބަހައްޓާނެ އެވެ. މަރަދޫފޭދޫގައި 2 ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާއިރު ހުޅުދޫގައި 3 ވޯޓު ފޮށި ބަހައްޓާނެއެވެ. މީދޫގައި ވެސް 3 ވޯޓު ފޮށި ބަހައްޓާއިރު ފޭދޫގައި 5 ވޯޓު ފޮށި އަދި މަރަދޫ ގައި 3 ވޯޓު ފޮށި ބަހައްޓާނެ ކަމަށް އިލެކްޝަނުގެ އިއުލާނުގައި ވެއެވެ.   މައުލޫމާތު ލިބިފައިވާ ގޮތުގައި ކައުންސިލް އިންތިޚާބުގައި ވޯޓުލުމަށްޓަކައި މުޅި ރާއްޖޭގައި ޖުމްލަ 422 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. ކައުންސިލް އިންތިޚާބު ބޭއްވުމަށް އެންމެ 2 ދުވަހަށް ވެފައިވާއިރު އިންތިޚާބުގައި ވާދަކުރައްވަވާ ކެންޑިޓޭޓުން ގެންދަވަނީ ފޯރިއާއެކު ކެމްޕެއިން ކުރައްވަމުންނެވެ.