English Edition
Dhivehi Edition

އިންޑިޔާ ކަނޑުގެ މަހުގެ ސްޓޮކް ދަމަހައްޓަން ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ މިއަދު ޕެރެޑައިސް ގައި ފެށި”އިންޑިއަން އޯޝަން ކޮންފަރެންސް 2019″ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހް މިއަދު ވިދާޅުވީ އެޓްލާންޓިކް ކަނޑުގެ ކަނޑުމަހުގެ ސްޓޮކަށް ވީ ފަދަ ގޮތެއް އިންޑިއާ ކަނޑުގެ މަހުގެ ސްޓޮކަށް ދިމާވެއްޖެ ނަމަ ހުރިހާ ޤައުމަކަށް ވެސް އޭގެ ސަބަބުން ގެއްލުން ބޮޑު އަސަރު ކުރާނެ ކަމަށެވެ. ރައީސް ސޯލިހް ވިދާޅުވީ އެޓްލާންޓިކް ކަނޑުގެ މަހުގެ ސްޓޮކް ހަލާކުވީ އެ ކަނޑު ހިއްސާކުރާ ޤައުމުތަކުން އެޅި ފިޔަވަޅުތައް މަދުވުމާއި ފިޔަވަޅު އެޅިލެއް ލަސްވުމުން ކަމަށެވެ.

މި ކޮންފަރެންސް މި ރީޖަންގެ ޤައުމުތަކަށް ދިމާވާ އެކިކަހަލަ މައްސަލަތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޕެރެޑައިސް އައިލެންޑް ރިސޯޓުގައި މިއަދު ފެށި “އިންޑިއަން އޯޝަން ކޮންފަރެންސް 2019” މާދަމާ ނިމޭނެ އެވެ. މިއަދު ފެށި މި ކޮންފަރެންސް ގައި 35 ޤައުމަކުން ބައިވެރިވާއިރު 16 ޤައުމެއްގެ މިނިސްޓަރުންނާއި 10 ޤައުމުގެ އިލްމުވެރިން ބައިވެރިވެއެވެ.