English Edition
Dhivehi Edition

ލައިފް ޖެކެޓް އެޅުން ލާޒިމުކުރާ ޤަރާރެއް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު މިއަދު ހުށައަޅައިފި އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރ ކަންވެސް ކުރެއްވި އާދަމް ޝަރީފް މިއަދު ހުށައެޅުއްވި ޤަރާރުގައި ފާހަގަ ކޮށްފައި ވަނީ ކަނޑު ދަތުރުކުރާއިރު ލައިފް ޖެކެޓް އެޅުމުގެ އިތުރުން “ރީނދޫ އިންޒާރު” ނެރެފައި އޮންނައިރު، މަރުފުރާނަ ކަމެއްގައި މެނުވީ ދަތުރުފަތުރު ނުކުރެވޭނެ ގޮތަށެވެ.

އާދަމް ޝަރީފް މި ޤަރާރު މަޖިލީހަށް ހުށައަޅުއްވަމުން ވިދާޅުވީ މިއީ ކަނޑުދަތުރުފަތުރު ކުރުމުގައި ހާއްސަ ސަމާލުކަމެއް ނުދެވޭތީ ރާއްޖޭގައި ހިނގަމުންދާ ހިތާމަވެރި ހާދިސާތައް ހުއްޓުވުމުގެ ގޮތުން ހުށައެޅުއްވި ޤަރާރެއް ކަމަށެވެ.

ހދ. ނޮޅިވަރަންފަރުން ފުރައިގެން ހދ. ހަނިމާދޫއަށް ދަތުރު ކުރަމުން ދިޔަ ލޯންޗެއް ބަންޑުން ޖަހާލައި އޭގެއިން ދަތުރުކުރި 10 މީހުންގެ ތެރެއިން 5 މީހުން މަރުވި ހާދިސާ މެމްބަރު ޝަރީފް ވަނީ ފާހަގަކުރައްވައިފައެވެ.