އައްޑޫސިޓީ ހިތަދޫ އޮޑައްސަލުގެ ބައެއް މަގުތަކަށް ލޮނުވަދެ ގޭގެއަށްވެސް ލޮނުގެ އަސަރުކޮށްފިއެވެ. އެސަރަޙައްދުގައި ވަނީ އުޅެންދަތިވާވަރަށް ލޮނުގަނޑު ބޮޑުވެފައެވެ.” ދިޔަވަރު ބޮޑުވާ ގަޑިތަކުގަ މިއީ މީގެ ކުރިންވެސް ދިމާވާ މައްސަލައެއް.އެހެން މި ދިމާވަނީ މަގުތަކާއި އެއް ލެވެލެއްގަ މޫދު އޮތުމާ ގުޅިގެން.” އެސަރަޙައްދުން ވާހަކަ އެއްކި މީހަކު ބުނެފައިވެއެވެ. އެސަރަޙައްދުގެ މޫދުން ލޮނުތައް ޖަމާވުމުގެ އިތުރަށް ބިމުންވެސް ލޮނުގަނޑު މައްޗަށް އަރައެވެ. މިއީ އެހިސާބުގައި ދިރި އުޅޭމީހުންނަށް އެތައް ގޮތަކުން ދަތި އުނދަގޫތަކެއް އުފުލަން ޖެހިފައިވާ މައްސަލައެކެވެ. ” ލޮނުގަނޑު މުޅި މަގު އެއްކޮށް ފުރާލާފަ އޮންނައިރު ކިހިނެއްތޯ ބޭރަށް ނިކުންނާނީ.؟ ޓެކްސީއަކަށް ގުޅިއަސް އަނބުރާލާފަ ދަނީ . ތިއޮތީ ލޮނުގަނޑުނޫންހޭ ކިޔާފަ.” އެސަޙައްދުން ވާހަކަ ދެއްކި މީހަކު ކިޔައިދިނެވެ. ތެދެކެވެ. މީހުންގެ އަގުބޮޑު ވެހިކަލް ލޮނުތެރޭ ދުއްވައިގެން ލިބޭ ގެއްލުމުން ސަލާމަތްކުރަން އެމީހުންވެސް އެދޭނެއެވެ.
މިއީ އެސަރަޙައްދުގައި ދިރިއުޅޭ ޢާއްމުންގެ ބޮޑު ޝަކުވާއަކަށް ވެފައިވާއިރު މިކަން ވަނީ އެތައް ފަހަރެއްގެ މަތިން ސިޓީ ކައުންސިލްގެ ސަމާލުކަމަށްވެސް ގެނެވިފައެވެ. ކައުންސިލުން މިކަމަށް އެޅުއްވި ފިޔަވަޅެއްގެ ގޮތުން މަގުތަކަށް ފަސް އަޅައި އުސްކޮށްފައިވާތާ ދުވަސްތަކެއް ވެއްޖެއެވެ. އެހިސާބު މީހުން ބުނާ ގޮތުން އެގޮތަށް ފަސް އެޅިފަހުން ލޮނު ނައަރާތާ އަހަރެއް ވަރު ވެދާނެއެވެ. މިއަދު މިމައްސަލަ ކުރިމަތި ވެފައިމިވަނީ ވަރަށް ފަހުން މަގު ހެދި އިރު މާބޮޑަށް ފަސްގަނޑު ކަހާފައި އޮތުމުން ކަމަށް ގިނަބަޔަކު ލަފާކުރެއެވެ.
މިކަމާގުޅޭގޮތުން އައްޑޫސިޓީގެ މޭޔަރ ޢަބްދުﷲ ޞާދިޤުއަށް އޭއޯނިއުސް އިން ގުޅުމުން ވިދާޅުވީ ރަށުތެރެއަށް ލޮނުގެ އަސަރު ކުރަމުންދާ ކަމުގެ މަޢުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި އެކަން ޙައްލު ކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރެވެމުން އަންނަ ކަމަށެވެ.
މިއަދު ދިޔަވަރު ބޮޑުވި ވަގުތު ހިތަދޫ ފެނަކަ އޮފީސް ސަރަޙައްދުންވެސް ރަށު ތެރެއަށް ލޮނުއަރާފައިވެއެވެ.