English Edition
Dhivehi Edition
އައްޑޫ ސިޓީ ގެއެއްގައި ވެލިބަސްތާ ޖެހުމުގައި ފުލުހަކު ހަރަކާތްތެރިވަނީ - ފޮޓޯ: ޕޮލިސް

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީގައި ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ލިބެމުންދާ ފަރާތްތަކަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އައްޑޫ އަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިވާތީ، ވެލިބަސްތާ ޖެހުމާއި ގެއްލުން ލިބެމުންދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އައްޑޫ ސިޓީ ފުލުހުންގެ ފަރާތުން ކުރަމުން އަންނަ ކަމަށެވެ.

އިއްޔެއިން ފެށިގެން އައްޑޫ ސިޓީ އަށް ބޯކޮށް ވާރޭވެހެމުންދާއިރު، ގިނަ މަގުތަކުގައި ފެންބޮޑުވެ ހިނގާބިނގާވެ އުޅުމަށާއި އުޅަނދުފަހަރު ދުއްވުމަށްވެސް ވަނީ ދަތިވެފަ އެވެ. އަދި އައްޑޫގެ ގިނަ ގެތަކަށް ފެން ވަނުމުގެ ސަބަބުން އެތައް ބަޔަކަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެސް ލިބިފައެވެ.

އައްޑޫ ސިޓީގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ބޮޑުވެ، ރައްޔިތުންގެ ޝަކުވާ އިންތިހާއަށް އިތުރުވެފައިވާއިރުވެސް، މިހާތަނަށް އެ މައްސަލައަށް އެއްވެސް ހައްލެއް ހޯދިފައެއް ނުވެއެވެ. ކުރިން އަޅާފައި ހުންނަ ގެތަކަށްވުރެ އުސްކޮށް މަގުތައް ހަދައި، އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި ފެން ހިންދުމުގެ ނިޒާމު ޤާއިމްކުރެވިފައި ނެތުމުގެ ސަބަބުން މަގުތަކަށް އެޅޭ ފެން ގޯތިތަކަށް ވަދެ، މީހުންނަށް ބޮޑެތި އުނދަގޫތަކާއި ކުރިމަތިލާން ޖެހެއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން މެޓް އޮފީހުން ވަނީ މިއަދު 17:00 އިން 21:00 އަށް ލ. އަތޮޅުން އައްޑޫ ސިޓީ އަށް ރީނދޫ ސަމާލުވެސް ނެރެފައެވެ. އަދި މިރޭ 19:00 އިން 01:00 އާއި ހަމައަށް ކ. އަތޮޅާއި އައްޑޫ ސިޓީ އާއި ދެމެދަށް ހުދު ސަމާލުވެސް ވަނީ ނެރެފައެވެ.