English Edition
Dhivehi Edition

މިއަހަރުގެ އޮކްޓޯބަރ އިންޓޭކުން ފެށިގެން މެޕްސް ކޮލެޖުން އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަން މެޕްސް ކޮލެޖުގައި މިއަދު ބޭއްވި އިންފޮރމޭޝަން ސެޝަންގައި އިއުލާން ކޮށްފިއެވެ. މިސެޝަންގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މެޕްސް ކޮލެޖްގެ ޑެޕިއުޓީ ރެކްޓަރ، ފާތިމަތު ރަޝީދު ވިދާޅުވީ ރަށުގައި ތިބެގެން ފެންވަރު ރަގަޅު މަތީ ތައުލީމު އުނގެނުމަށް މަގުފަހިކޮށްދިނުމަށް ވަރަށް ގިނަ ފަރާތްތަކުން އެދެމުންދިޔަ ކަމަށާއި އެގޮތުން މިކަމަކީ ސަރުކާރުން އެކުލަވާލައްވާފައިވާ ދިވެހިރާއްޖޭގެ ކުރިމަގުގެ ތަޞައްވުރުގެ ތެރޭގައި ހިމެނޭ އަމިއްލަ ރަށުގައި ތިބެގެން އަސާސީ އަދި ފެންވަރު ރަނގަޅު ޚިދުމަތްތައް ލިބިގަތުމާއި ޓެކްނޮލޮޖީގެ އެންމެ ފުރިހަމަ ބޭނުންހިފުމުގެ މަސައްކަތަށްވެސް މަގުފަހިވެގެންދާ ކަމެއްކަމުގައި ވިދާޅުވިއެވެ.

މިއަދު ބޭއްވި އިންފޮރމޭޝަން ސެޝަންގައި ވާހަކަފުޅު ދައްކަވަމުން މެޕްސް ކޮލެޖުގެ ޑީން އޮފް ޑެވެލޮޕްމަންޓް އެންޑް ސްޓޫޑަންޓް އެންގޭޖްމަންޓް ނަޝްޢާ އަހުމަދު ނަސީމު ވިދާޅުވިގޮތުގައި މެޕްސް ކޮލެޖުން އޮންލައިންކޮށް ކިޔަވާދެނީ އުރީދޫ މޯލްޑިވްސްގެ ފަރާތުން ތަޢާރަފްކޮށްފައިވާ “ސްމާޓް ކެމްޕަސް” މެދުވެރިކޮށެވެ. އަދި މެޕްސް ކޮލެޖަކީ ސްމާޓް ކެމްޕަސް ބޭނުންކުރާ ފުރަތަމަ އަމިއްލަ ކޮލެޖުކަންވެސް ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ، އޮންލައިންކޮށް ކިޔަވާ ކުދިންނަށް ކޮލެޖަށް އައިސް ކިޔަވާ ކުދިންނެކޭ އެއްފަދައިން، ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ އޮންލައިން ލައިބްރަރީ އެބްސްކޯ ހޮސްޓް ބޭނުންކުރެވުމުގެ އިތުރުން ސްމާޓް ކެމްޕަސް މެދުވެރިކޮށް މައިކްރޯސޮފްޓް އެޑިޔުކޭޝަންގެ އަލީގައި އެއްވަގުތެއްގައި ލެކްޗަރަސް އާއި ކްލާހުގެ އެހެން ކުދިންނާއި މުއާމަލާތު ކުރެވިގެންދާނެ ކަމަށާއި އެސައިންމަންޓްތައް ސަބްމިޓްކޮށް މައިކްރޯސޮފްޓް 360 އަށް ހިލޭ އެކްސެސް ލިބޭނެކަމަށްވެސް ނަޝްޢާ ވިދާޅުވިއެވެ.

އޮންލައިންކޮށް ކިޔަވާދޭ ކޯސްތަކާ ބެހޭގޮތުން އިތުރު މަޢުލޫމާތު ދެއްވަމުން މެޕްސް ކޮލެޖްގެ ވައިސް ރެކްޓަރ މެތިއު ސްޓްރީޓް ފާހަގަ ކުރެއްވިގޮތުގައި މެޕްސް ކޮލެޖުން އޮންލައިންކޮށް ކޯސް ހިންގަން މިފަށަނީ ވަރަށް ގިނަ ދުވަސްތަކެއްގެ ދިރާސާއަށްފަހު އޮންލައިންކޮށް ކިޔަވަން ބޭނުން ފަރާތްތަކަށް އެންމެ އެކަށޭނަ ޕްލެޓްފޯމް ބޭނުން ކޮށްގެންނެވެ. މިކޯސްތަކަކީ އޮންލައިންކޮށް ހިންގުމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ހުއްދަ ލިބިފައިވާ ކޯސްތަކެވެ. އަދި މިކޯސްތަކުގައި ކިޔެވުމަށް އެދޭ ފަރާތްތަކަށް ސަރުކާރުގެ ހިލޭ ޑިގްރީ ސްކީމްގެ ދަށުން ކިޔެވުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމުގައި ވިދާޅުވިއެވެ.

ސްމާޓް ކެމްޕަސްއާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އުރީދޫގެ ޑިރެކްޓަރ ސޭލްސް ޑިސްޓްރިބިއުޝަން އެންޑް ބްރޭންޑް ހުސައިން ނިޔާޒް ވިދާޅުވީ މިޕްލެޓްފޯމްއަކީ އިންޓަރނޭޝަނަލް އެވޯޑްތައް ހާސިލްކޮށްފައިވާ ޕްލެޓްފޯމެއްކަމަށެވެ. އަދި ސްމާޓް ކެމްޕަސް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުން މަތީ ތަޢުލީމު ހާސިލްކުރުމަށް ބޭނުންވެފައިތިބި ފަރާތްތަކަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

މެޕްސް ކޮލެޖުން އޮންލައިންކޮށް ކިޔަވާދޭން ފެށުމުން، ޖުމްލަ ހަތް ދާއިރާއަކުން 34 ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ. މިގޮތުން އެޑްވާންސްޑް ސެޓްފިކެޓް ލެވެލް އިން ފެށިގެން ޑިގްރީއާ ހަމައަށް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، އެކައުންޓިން، ޓުއަރިޒަމް މެނޭޖްމަންޓް، މާރކެޓިން މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް، ޕްރޮޖެކްޓް މެނޭޖްމަންޓް އަދި ޕްރޮކިއުމަންޓް، ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗެއިން މެނޭޖްމަންޓް ކޯސްތަކުގައި އޮންލައިންކޮށް ކިޔެވުމަށް ބައިވެރިވެ ކޯސް ފުރިހަމަ ކުރެވޭނެއެވެ. މިކޯސްތަކާ ބެހޭ އިތުރު މައުލޫމާތު މެޕްސް ކޮލެޖްގެ ވެބްސައިޓް (www.maps.edu.mv) އިން ލިބެން ހުންނާނެއެވެ. އަދި އޮންލައިންކޮށް ކިޔަވަން ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން ކޯސްތަކުގައި ބައިވެރިވުމަށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށްވެސް މެޕްސް ކޮލެޖުން މައުލޫމާތު ދެއްވައެވެ. އޮންލައިން ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވި ކިޔެވުން ފެށޭނީ އޮކްޓޯބަރ 2019 އިން ފެށިގެންނެވެ. ދަރިވަރުންނަށް 29 އޮގަސްޓް 2019 އިން ފަށައިގެން މެޕްސް ކޮލެޖްގެ ވެބްސައިޓް މެދުވެރިކޮށް އެޕްލައި ކުރުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ.އިތުރު މައުލޫމާތު ހޯއްދެއްވުމަށް މެޕްސް ކޮލެޖް ގެ ނަމްބަރު 3314621 ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

މެޕްސް ކޮލެޖަކީ ރާއްޖޭގައި ހުރި އެންމެ ދުވަސްވީ އެއް ކޮލެޖެވެ. އަދި ކޮލެޖްގައި ހިންގަމުންދާ ހުރިހާ ކޯސްތަކަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ހުއްދައާއި އެކު ހިންގަމުންދާ ކޯސްތަކެކެވެ. މެޕްސް ކޮލެޖް ފާހަގަ ކުރެވިފައިވަނީ ބިޒްނަސްއާއި ގުޅުން ހުރި ތަފާތު ދާއިރާތަކުގެ ކޯސްތައް އެންމެ އެކަށޭނަ ގޮތެއްގައި ހިންގަމުންގެންދާ ކޮލެޖެއްގެ ގޮތުގައެވެ.