English Edition
Dhivehi Edition

ޒަމާނީ ޓެކްނޮލޮޖީގެ ކުރިއެރުމާ އެކު، އޮންލައިންކޮށް ތަޢުލީމު ޙާޞިލުކުރުމުގެ ޓްރެންޑް ދުނިޔޭގައި އަދި ރާއްޖޭގައި ވެސް އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ. ޚާއްޞަކޮށް ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން މި ދާއިރާއަށް އައި ކުރިއެރުން ފާހަގަކޮށްލެވެއެވެ. މިގޮތުން، ގިނަ ބައެއްގެ ޝައުޤުވެރިކަން އޮންލައިން ކޯސްތަކަށް އަމާޒުވެފައިވާކަން ދަނީ ފެންނަމުންނެވެ.

އޮންލައިންކޮށް ކިޔެވުމުގެ ގިނަގުނަ ފައިދާތަކެއް ވެއެވެ. އޭގެ ތެރޭގައި ވަގުތާއި ފައިސާ ސަލާމަތްވުމާއި، ވަޒީފާގައި ދެމިހުރެ ކިޔެވޭނެ ފުރުޞަތު އޮތުމާއި، ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރެގެން ކިޔެވޭނެ ފަސޭހަކަން ހިމެނެއެވެ. އަދި އަމިއްލަ ދިރިއުޅުމުގެ ޒިންމާތަކާ އެކު ތަޢުލީމު ޙާޞިލު ކުރެވޭނެ މަގު ތަނަވަސްވެގެންދެއެވެ.

އޮންލައިންކޮށް ކިޔަވާނެ ކޯހެއް އިޚްތިޔާރުކުރާއިރު މި ދަންނަވާ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދެވިދާނެއެވެ.

  1. ކޯހުގެ އެކްރެޑިޓޭޝަން: ކޯސް ހިންގާ މަރުކަޒާއި ކޯހުގެ ފެންވަރު މޯލްޑިވްސް ކްއަލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ) އިން ބަލައިގަނެވިފައިވާ މިންވަރު ކަށަވަރުކުރުން.
  2. ކޯހުގެ މުއްދަތާއި ފީ: އަމިއްލަ ޙާލަތާ ގުޅޭ މުއްދަތަކާއި އަތްފޯރާފަށުގައިވާ ފީއެއްތޯ ބެލުން. އަދި ސަރުކާރުގެ ހިލޭ ޑިގްރީގެ ދަށުން ކިޔެވޭނެ ކޯހެއްތޯ ޔަޤީންކުރުން.
  3. ކޯހުގެ މަންހަޖު: ކޯހުގެ މާއްދާތަކާއި ދަސްކޮށްދޭ ހުނަރުތައް އަމިއްލަ ލަނޑުދަނޑިތަކާ ގުޅޭތޯ ކަށަވަރުކުރުން.
  4. ޓެކްނިކަލް ރިކުއަރމަންޓްސް: ކޯހުގައި ބޭނުންވާ ޓެކްނޮލޮޖީ ވަސީލަތްތައް އަމިއްލައަށް ހޯދޭނެތޯ ބެލުން. އަދި ކިޔަވައިދޭ މަރުކަޒަކުން ބޭނުންވާ މިންގަނޑުތައް ދަނެގަންނަން ވާނެއެވެ. އެގޮތުން އޮންލައިން ކޮށް އިމްތިހާނު ހަދަންޖެހޭ ކޯހެއްތޯއާއި އަދި އޮންލައިންކޮށް އިމްތިހާނު ހަދަން ޖެހޭނަމަ ބޭނުންވާނެ ޓެކްނޮލޮޖީއާއި ވަސީލަތްތަކަކީ ކޮބައިކަން ކަށަވަރު ކުރަން ވާނެއެވެ.
  5. ސަޕޯޓް ސަރވިސަސް: ދަރިވަރުންނަށް ލިބޭ އެހީތެރިކަމާއި ވަސީލަތްތަކުގެ މިންވަރު ދެނެގަތުން. އޭގެ ތެރޭގައި އޮންލައިންކޮށް އުނގެނުމަށް ބޭނުން ކުރެވޭ ޕްލެޓްފޯމް ތަކުގެ ގައިޑްލައިންސް ތަކާއި އެކަމަށް ބޭނުންވާ ތަމްރީންތައް ބޭނުން ވެއްޖެ ހިނދެއްގައި ލިބެންހުރި މިންވަރު ޔަޤީންކުރަންވާނެއެވެ.
  6. މަރުކަޒުގެ ތަޖުރިބާ: އޮންލައިންކޮށް ކޯސް ހިންގުމުގައި މަރުކަޒަށް ލިބިފައިވާ ތަޖުރިބާގެ މިންވަރު ޔަޤީން ކުރުން.
  7. ކޯހުގެ ދާއިރާ އަދި ލިބެންހުރި ވަޒީފާތަކާއި މުސާރަ: އޮންލައިންކޮށް ކޯސް ހެދެން ހުރި ކަމުގައި ވިނަމަވެސް ކޯހެއް ކަނޑައެޅުމުގައި އެ ކޯހަކީ ދަރިވަރުން ހިތް އެދޭ ދާއިރާއެއްގެ ކޯހެއް ކަމާއި، އަދި އެ ކޯހެއްގެ ޒަރިއްޔާއިން ވަޒީފާ ލިބުން ނުވަތަ ވަޒީފާގެ ކުރި އެރުން ލިބުމުގެ އިތުރުން އެ ވަޒީފާއިން ލިބޭ މުސާރަ ނުވަތަ މުސާރަ އަށް އަންނަ ބަދަލު ދެނެގަތުމަކީ މުހިންމުކަމެކެވެ.

އޮންލައިން ކޯހެއް އިޚްތިޔާރުކުރުމުގެ ކުރިން ފުންކޮށް ވިސްނައި ނިންމަންޖެހޭ ވަރަށް ގިނަ ކަންކަން އެބަހުއްޓެވެ. މިހާރު ފަސޭހައިން އިންޓަނެޓް ބޭނުންކޮށްގެން ގިނަ މައުލޫމާތުތައް އެއް ކުރެވޭ ޒަމާނެއްގައި މިފަދަ މައުލޫމާތުތައް ވެސް މިހާރު ހޯދާލުމަކީ ފަސޭހަކަމެކެވެ. އެގޮތުން ގުރެޖުއޭޓު މޯލްޑިވްސްގެ ނަމުގައި އަމިއްލަ ފަރާތަކުން އިސްނަގައިގެން ހިންގާ ވެބް ސައިޓް ގްރެޖުއޭޓް އެމްވީ އިން ރާއްޖޭގައި ހިންގާ ކޮލެޖު، ޔުނިވަރސިޓީތަކުގެ މައުލޫމާތު އެއް ސްކްރީނަކުން ބަލާލުމުގެ ލުއި ފަސޭހަކަން މިވަނީ ލިބިފައެވެ.graduate.mv

ގްރެޖުއޭޓް މޯލްޑިވްސްގެ ވެބްސައިޓުން 200 އަށްވުރެ ގިނަ އޮންލައިން ކޯސްތަކުގެ މަޢުލޫމާތު ލިބެން ހުރިއިރު މި ވެބް ސައިޓަށް ޒިޔާރަތް ކުރައްވާ ކޯސްތަކުގެ މަޢުލޫމާތު ފިލްޓާ ކޮށްލައްވައިގެން ބޭނުންވާ އޮންލައިން ނުވަތަ އޮން ކެމްޕަސް 700 އަށްވުރެ ގިނަ ކޯސް ތަކުގެ މަޢުލޫމާތު ހޯދައި އެއް ކޯސް އަނެއް ކޯހާއި އަޅާކިޔައި އެކަށީގެންވާ ކޯހުގެ މަޢުލޫމާތު ހޯދުމަށް ފަސޭހަ ވެގެން ދެއެވެ.