English Edition
Dhivehi Edition

ޕްސް ކޮލެޖުގެ ޖުލައި 2024 އިންޓޭކްގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 18ވަނަ ދުވަހާ ހަމައަށް އިތުރު ކުރެވިފައިވާކަން އެ ކޮލެޖުން އިއުލާނުކޮށްފިއެވެ.

ޖުލައި 2024 އިންޓޭކްގައި އެ ކޮލެޖުގެ ސެޓްފިކެޓް ލެވެލްއިން ފެށިގެން ބެޗެލަރސް ޑިގްރީގެ ލެވެލްގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އޭގެތެރޭގައި، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ހިއުމަން ރިސޯސް މެނޭޖްމަންޓް، މާރކެޓިންގ މެނޭޖްމަންޓް، ޓްރެވަލް އެންޑް ޓޫރިޒަމް، ޕްރޮޖެކްޓް މެނޭޖްމަންޓް އަދި ޕްރޮކިއުމަންޓް، ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗޭން މެނޭޖްމަންޓް އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ކޯސްތައް ހިމެނެއެވެ.

ކުރިން ހަމަޖެހިފައިވާ ގޮތުން ޖުލައި 2024ގެ އިންޓޭކްއަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ މި ޖުލައި މަހުގެ ހަތް ވަނަ ދުވަހެވެ. އެހެންނަމަވެސް ކޯސްތަކުގެ މައުލޫމާތު ހޯދާ ފަރާތްތަކާ އެކު ކޯސްތަކުގައި ބައިވެރިވުމަށް ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކުރަމުން އަންނާތީ ވީހާވެސް ގިނަ ބަޔަކަށް ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު އިތުރުކުރުމަށް މެޕްސް ކޮލެޖުގެ މެނޭޖްމަންޓުން ނިންމާފައިވާ ކަމަށް އެ ކޮލެޖުން މައުލޫމާތު ދެއެވެ.

މެޕްސް ކޮލެޖުން ހިންގާ ބެޗެލަރސް ޑިގްރީގެ ހުރިހާ ކޯސްތަކަކީ ވެސް، ސަރުކާރުން ހިލޭ ޑިގްރީއަށް ކިޔަވައިދިނުމަށް ހުޅުވާލާފައިވާ “ބެޗެލަރސް ޑިގްރީ ގްރާންޓް ސްކީމް”ގެ ދަށުން ކިޔެވޭނެ ކޯސްތަކެވެ. ހަމައެއާއެކު މިކޯސްތައް ބައްޓަން ކުރެވިފައި ވަނީ މަހުން މަހަށް ބަހާލައިގެން ކޯސް ފީ ދެއްކޭނެ އިންތިޒާމެއްގެ ދަށުންނެވެ. މެޕްސް ކޮލެޖުން ހިންގާ ސެޓްފިކެޓް ލެވެލްއިން ފެށިގެން ބެޗެލަރސް ޑިގްރީގެ ހުރިހާ ކޯސްތަކަކީ އޮންލައިންކޮށް އަދި ކޮލެޖަށް ހާޒިރުވެގެން ދަރިވަރުންނަށް ކިޔެވޭނެ ގޮތަކަށް ބައްޓަން ކުރެވިފައިވާ ކޯސްތަކެކެވެ. އަދި މި ހުރިހާ ކޯސްތަކަކީ ވެސް މޯލްޑިވްސް ކޮލިފިކޭޝަން އޮތީރިޓީގެ ހުއްދައާ އެކު ހިންގޭ ކޯސްތަކެކެވެ.

މި ކޯސްތަކުގެ އިތުރުން މެޕްސް ކޮލެޖުން ހިންގާ އިންޓަނޭޝަނަލް ކޯސްތަކުގެތެރޭގައި އެސޯސިއޭޝަން އޮފް ޗަރޓަޑް ސަރޓިފައިޑް އެކައުންޓެންޓްސް (އޭ.ސީ.ސީ.އޭ) އަދި ޔުނިވަސިޓީ އޮފް ބެޑްފޮރޑްޝަޔަރގެ މާސްޓަރސް ކޯސްތައް ވެސް ހިމެނެއެވެ. މީގެއިތުރުން މެޕްސް ކޮލެޖުން ދާދި ފަހުން ވަނީ މުޅިން އައު މާސްޓަރސް ކޯސްތަކެއް ތައާރަފްކޮށްފައެވެ. އަލަށް ތަޢާރަފް ކުރެވުނު މާސްޓަރސް ކޯސްތަކަކީ އޮންލައިންކޮށް އަދި ކޮލެޖަށް ހާޒިރުވެގެން ކިޔެވޭނެ ކޯސްތަކެކެވެ. މި ކޯސްތަކުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ ސެޕްޓެމްބަރ މަހުގެ 12ވަނަ ދުވަހެވެ.

ކާމިޔާބުކަމާއެކު އޮންލައިންކޮށް މަތީ ތަޢުލީމު އުނގަންނައިދިނުމުގެ ޚިދުމަތް ދެމުން އަންނަ މެޕްސްކޮލެޖްގެ އޮންލައިން ކޯސްތަކުގެ ޚިދުމަތަކީ، ރާއްޖޭގެ ކޮންމެ ހިސާބެއްގައި ދިރިއުޅެމުން ވެސް ފެންވަރު ރަގަޅު ތައުލީމީ ހަޔާތެއް ބައްޓަން ކުރަން ބޭނުންވާ ފަރާތްތަކަށް ލިބޭނެ ރަނުގެ ފުރުސަތެކެވެ. މެޕްސް ކޮލެޖުން ހިންގާ ކޯސްތަކާ ބެހޭ މައުލޫމާތު މެޕްސް ކޮލެޖުގެ ވެބްސައިޓް www.maps.edu.mv އިން ލިބިގެންދާނެއެވެ. އަދި ކޯސްތަކާއިބެހޭ އިތުރު މަޢުލޫމާތު އެކޮލެޖްގެ ނަމްބަރު 3314621 އަށް ގުޅާލުމުންވެސް ލިބިގެންދާނެއެވެ. މެޕްސް ކޮލެޖަކީ 1999ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށްދެމުން އަންނަ، ރާއްޖޭގެ އެންމެ ދުވަސްވީ އެއްކޮލެޖެވެ.