English Edition
Dhivehi Edition

މީސްމީޑިޔާގައި ވައިރަލް ވެގެންދިޔަ ލަވަޔާއެއްކޮށް އިންޑިޔާގެ ގެއްލިފައިވާ ރަންއަޑުގެ ވެރިޔާ ރަނޫ މޯންޑަލް، އޭނާގެ ފުރަތަަމަ ލަވަ ކިޔައި މީސްމީޑިޔާ ދެވަނަ ފަހަރަށް އޭނާގެ އަޑުގެ ޖާދޫގައި ޖައްސައިފައި ވަނިކޮށް އޭނާގެ އިތުރު ޙަބަރެއް އިވިއްޖެއެވެ. މިހާރު އިވުނީ ރަނޫއަށް އިންޑިޔާގެ މަޝްހޫރު ފިލްމީތަރި ސަލްމާން ޚާން 5 މިލިޔަން ދިވެހި ރުފިޔާގެ ގެއެއް ގަނެދޭން އުޅޭ ކަމުގެ ވާހަކަ އެވެ.

ރަނޫއަށް ސަލްމާން ޚާން ގަނެދޭން އުޅޭ އަގުބޮޑު ގޭގެ ވާހަކަ ސަލްމާން އަދި މިހާތަނަށް ރަސްމީކޮށް އިއުލާން ކޮށްފައެއް ނުވެއެވެ. އިންޑިޔާގެ ޙަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓު ކުރާ ގޮތުގައި ސަލްމާން ޚާން ވެސް އޭނާގެ ފިލްމު، ދަބަންގް 3 ކަށް ރަނޫގެ ރީތި އަޑުން ކިޔާފައިވާ ލަވައެއް އިތުރުކުރާނެ އެވެ.

ރަނޫ ވަނީ މިހާރު އިންޑިޔާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މިއުޒިކް ޑައިރެކްޓަރ ހިމޭޝް ރެޝަމިއްޔާއާއި އެކުވެސް ޑުއެޓް ލަވައެއް ކިޔާފައެވެ. ހިމޭޝް ވަނީ އޭނާ ނެރޭ ދެ ފިލްމެއްގެ ލަވަޔަށް ރަނޫއަށް ލަވަކިއުމަށް ހުށައަޅާފައެވެ.

ރަނޫ ފުރަތަމަ މީސް މީޑިޔާގައި ތައާރަފް ވި ލަވަ އަކީ ލަތާ މަންގޭޝަރުގެ މަޝްހޫރު ލަވަ “އޭކް ޕްޔާރްކާ ނަގްމާ ހޭ” މި ލަވަ ކިއައިގެންނެވެ. މި ވީޑިއޯ އަކީ ރާއްޖޭގެ ވަރަށް ގިނަ ބަޔަކު ހިއްސާކޮށް ބަލާފައިވާ ވީޑިއޯއެކެވެ. މި ވީޑިޔޯ ލަވަ ދެދުވަސް ތެރޭގައި 2 މިލިއަނަށްވުރެ ގިނަ މީހުން ބަލާފައި ވެއެވެ.

އީސްޓް ބަންގާޅުގެ ރަނާގަތް ރޭލު ސްޓޭޝަން ހިސާބަށް އުފަން ރަނޫ މޯންޑަލް ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާ ކިޔާފައިވާ ލަވައިން އެތައް ހާސް ބައެއްގެ ހިތް އަތުލާފައެވެ.

ގިނަ ބައެއްގެ ކޮމެންޓުތަކުން މި ވީޑިޔޯ ވައިރަލް ވަމުން ގޮސް މިހާރު މިވަނީ ރަނޫ މޯންޑަލް ސެލެބްރިޓީ އަކަށް ވެފައެވެ. މީސް މީޑިޔާ އަކީ މީހެއްގެ އަނދިރި ދިރިއުޅުން އުޖާލާ ކޮށްލަން ކުރިމަތި ވެދާނެ ސަބަބެއްކަން މިވަނީ ރަނޫ މޯންޑަލް ތަޖުރިބާ ކޮށްފައެވެ.

ރަނޫ އޭނާގެ ފިރިމީހާ މަރުވުމުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކަށް އޭނާގެ ރީތި އަޑު ބޭނުންކޮށްގެން ލަވަ ކިޔައިދީ ހަދައެވެ.