ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ، ސުޕްރީމް ކޯޓުގެ ފަނޑިޔަރުކަމުން ވަކި ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ، އެ މައްސަލައިގައި ގޮތެއް ނިންމުން މިރޭގެ ޖަލްސާއަށް އެޖެންޑާ ކުރައްވާނެ ކަމަށެވެ.
ޖޫންމަހުގެ ތެރޭގައި ފނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ޖޭއެސްސީ އިން ނިންމީ އަބްދުﷲ ދީދީއާ ގުޅޭގޮތުން ފުލުހުން ބަލަމުންދާ ޖިނާއީ މައްސަލަ އަކާ ގުޅިގެންކަމަށް އޭރު އެ ކޮމިޝަނުންވަނީ ބުނެފައެވެ. އަދި ފުލުހުން ބަލަމުން ދަނީ އަބްދުﷲ ދީދީއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ކޮމިޝަނަށް ހުށަހެޅުއްވި މައްސަލަ އެއްކަމަށް ކޮމިޝަނުންވަނީ ބުނެފައެވެ.
ފަނޑިޔާރު ދީދީގެ ސަސްޕެންޝަނާއި ގުޅިގެން އޭރު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނީ އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅުއްވާފައިވާ މައްސަލައަކީ ޖޭއެސްސީގެ ގާނޫނާއި، ދިވެހި ޖުމްހޫރިއްޔާގެ ގާނޫނާ އަދި ދިވެހި ފަނޑިޔާރުންގެ ގާނޫނާ ހިލާފަށް، ދުސްތޫރީ އިޖްރާއާތުގެ ބޭރުން ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.