English Edition
Dhivehi Edition

މިފެށޭ ސެޕްޓެމްބަރ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭ ބައިނަލް އަޤްވާމީ ޓީޗަރުންގެ ކޮންފަރެންސް އައްޑޫ ސިޓީގައި ބޭއްވުމަށް ބޮޑެތި ތައްޔާރީތައް ވަމުން އެބަދެއެވެ.މިސިޓީ އަށް ޒިޔާރަތް ކުރާ ރާއްޖެއާއި ރާއްޖޭން ބޭރުގެ މެހެމާނުންނަށް އައްޑޫސިޓީގެ ހިތްގައިމު މާޙައުލުން މަރްޙަބާ ކިއުމަށް އަވަދިނެތި އެތައް ބަޔަކު ޙަރަތާތްތެރިވަމުން އަންނަ އިރު ރަށުތެރޭގެ ޒީނަތްތެރި ކަމަކީވެސް ދޫކޮށްލައިގެންވާން އޮތް ކަމެއް ނޫނެވެ.

ޤުދުރަތީ ގޮތުންވެސް އައްޑޫސިޓީ އަކީ ބަލާލަން ރީތި ހިތްގައިމު ބިޔަ ބޮޑެތި ގަސްތަކާއި ކުޅިތަކުން ޖަރީވެފައިވާ ތަނަކަށް ވެފައި މިދެންނެވި ތަންތަނަށް ޒިޔާރަތް ކުރުމުގެ އެދުންވެރިކަން ހަމަ ކޮންމެ މެހެމާނެއްގެ ވެސް ހުންނާނެ ކަމީ ޝައްކެތް އޮތް ކަމެއް ނޫނެވެ. މިސަބަބާހެދި އައްޑޫސިޓީގައި ދަނީ ސާފު ކުރުމުގެ ތަފާތު ގިނަ ޙަރަކާތްތަކެއް ހިންގަމުންނެވެ. މިއޮގަސްޓް މަހުގެ ކުރީ ކޮޅުންފެށިގެން އަޑުގަދަވެގެން ދިޔަ “އުތުރު ސައުފު” އަކީ ސާފު ކުރުމުގައި ނަމޫނާއެއް ދެއްކި ފަރާތެކެވެ.އައްޑޫ ސިޓީ ހިތަދޫ އުތުރަށް ނިސްބަތްވާ ޒުވާނުންތަކެއްގެ އިސްނެގުމުގެ މަތިން މުޅި އުތުރު ސާފު ކޮށް ރީތި ކުރުމަށް ހިންގާ ޙަރަކާތުގެ ދަށުން އޮގަސްޓް 17 ވަނަ ދުވަހު ވަނީ ހިތަދޫގެ ކްލަބް ޖަމްޢިއްޔާ ތަކާއި ސްކޫލްތަކާއި މުއައްސަސާތައް އަދި ޢާއްމުންގެ އެހީތެރި ކަމާއެކު ހިތަދޫ ސްކޫލް ހިމެނޭ ސަރަޙައްދުގެ ބޮޑުބައެއް ސާފު ކޮށްފައެވެ. އުތުރު ސައުފު އިން ކޮންމެ ހަފްތާ ބަންދެއްގައި ދަނީ ސާފު ކުރުމުގެ ޙަރަކާތްތައް ހިންގަމުންނެވެ. އުތުރު ސައުފުން މިހާރު ކުރިއަށް ދަނީ ހިތަދޫ އުތުރުގެ ބޮޑުމަގުގައި ހުރި މާވަށިތައް ސާފުކޮށް ރީތި ކޮށް ގަސް އިންދުމަށް ހިންގޭ ޕްރޮގްރާމެކެވެ. މިއާއެކު ދުނިޔޭގެ ސާފު ކުރުމުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ސެޕްޓެމްބަރ 21 ވަނަ ދުވަހަށް އުތުރު ސައުފުން ވަނީ ހުރިހާ މުއައްސަސާތައް ބައިވެރިވާ ސާފު ކުރުމުގެ ބޮޑު ޙަރަކާތެއް ހިންގުމަށް ތައްޔާރު ވަމުންނެވެ.

މުދައްރިސުންގެ ކޮންފަރެންސް އައްޑޫ ސިޓީގައި ބާއްވާ މިދަނޑިވަޅުގައި މިސިޓީ އިން ދެން އެންމެ ފާހަގަ ކޮށް ލެވެނީ ވެށި ސާފުން ކުރިއަށް ގެންދާ ސާފު ކުރުމުގެ ޙަރަކާތް ތަކެވެ. ގާތްގަނޑަކަށް ކޮންމެ ދުވަހަކުހެން ވެށި ސާފު ޓީމުން ހިތަދޫގެ ކޮންމެވެސް ދިމާއެއް ރީތި ކުރުމަށް ނިކުމެ އުޅޭ މަންޒަރަކީ އުފާވެރި މަންޒަރެކެވެ. އަމާޒު ހިފާފައި އޮތީ ހަމަ އެއްމެ ދިމާ އަކަށެވެ. އެއީ ވެށި ސާފުގެ ނަމުންވެސް ދޭހަވާ ފަދައިން ރީތި ސާފު ވެއްޓަކަށް ކުރާ އުއްމީދެވެ.

ހިތަދޫ ފިޔަވައި ސިޓީގެ އެހެން ރަށް ރަށުންވެސް މިމަންޒަރުތައް މިއަދު ދަނީ ކުލަ ގަދަވެ އިތުރު ވަމުންނެވެ. އައްޑޫ ސިޓީގައި އުފެދިފައިވާ ކްލަބް ޖަމްޢިއްޔާ ޖަމާޢަތް ތަކުން ރަށް ސާފު ކުރުމަށް ހޭބޯނާރާ ޙަރަކާތްތެރި ވަމުން އަންނަ އިރު ސަރުކާރު ޙިއްސާވާ މުއައްސަސާތައްވެސް މިއަދު މިކަމަށް ޚާއްސަ އިސް ކަމެއް ދީފައި ވެއެވެ.

ހިތަދޫ ސްކޫލުން އިސް ނަގައިގެން މިއަދު ހަވީރު ހިންގާ ސާފު ކުރުމުގެ ޙަރަކާތަކީ ވެސް ފާހަގަ ކޮށްލެވޭ ޙަރަކާތެކެވެ. ހިތަދޫ ސްކޫލްގެ ގްރޭޑް 5 އިން މަތީގެ ހުރިހާ ކުދިންނާއި މުޅި ސްކޫލްގެ ބެލެނިވެރިންނާއި ސްޓާފުންނާއެކު ސާފު ކުރުމަށް މިއަދު ހަވީރު ނިކުންނާނެއެވެ. އެސްކޫލުން މަޢުލޫމާތު ދޭ ގޮތުގައި މިއަދު ސާފު ކުރުމަށް ހަމަޖެހިފައި ވަނީ ޖުމްލަ 3 ސަރަޙައްދެކެވެ. އެއީ ނޫރާނީ ސްކޫލް ކައިރިން ގާޑިޔާ ސަރަޙައްދާއި ޓްރެކް ސަރަޙައްދާއި ބްރިޖް ސަރަޙައްދެވެ. މިޙަރަކާތުގައި އައްޑޫ ސިޓީގެ ވީހާ ގިނަ ބަޔަކު ބައިވެރި ވެދެއްވުމަކީ އެ ސްކޫލްގެ ވަރަށް ބޮޑު އެދުމެކެވެ.

ހިތަދޫ ސްކޫލް ގެ ދަރިވަރުން ތިމާވެއްޓާ ގުޅުން ހުރި ޕްރޮގްރާމެއްގައި ބައިވެރިވަނީ.

ސާފު ކުރުމަށް އައްޑޫ ސިޓީގައި ކުރިއަށް ދާ ޕްރޮގްރާމް ތަކާއެކު މި ސިޓީ ވެގެންދާނީ ކުނިބުނިން އެއްކިބާ ވެފައިވާ ސާފުވެއްޓެއް ލިބިފައިވާ ސިޓީއަކަށެވެ. މިއީ ރަށަށް ޒިޔާރަތް ކުރާ މެހެމާނުންނަށް ލިބޭނެ ހިތްހަމަ ޖެހުމެއްގެ އިތުރުން މިސިޓީގެ ރައްޔިތުންގެ ނަން ވިދާލާނެ ކަމެއް ކަމާމެދު ޝައްކެއް ނުކުރަމެވެ.