English Edition
Dhivehi Edition
އައްޑޫގައި ބޭއްވި އެކްސްޕޯއެއްގައި ރައީސް ނަޝީދު ބިޒްނަސް ސެންޓަރގެ ބޭފުޅުންނާ ބައްދަލުކުރައްވަނީ: ފޮޓޯ ލުބްނާ އޭއޯ ނިއުސް

ދިވެހީން އުފައްދާފައިވާ ތަކެތި އެއްތާކުން ދައްކާލުމަށް ބާއްވަމުން އަންނަ އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒު 2019″ ފަންނު އެކްސްޕޯ 2019″ ގައި ބައިވެރިވުމަށް ހުޅުވާލި މުއްދަތު ކައިރިވަމުން އަންނައިރު އެ މައުރަޒަށް އައްޑޫން ތައްޔާރުވަމުން އަންނަ ކަމަށް އައްޑޫ ބިޒްނަސް ސެންޓަރ އިން ބުނެފިއެވެ.

މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު ، އައްޑޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީން ވަނީ އައްޑޫގެ އެކިއަވަށްތަކުގެ މީހުންނާ ބައްދަލުކޮށް މައުރަޒާ ބެހޭ މައުލޫމާތު ހިއްސާކޮށްފައެވެ. މީގެ އިތުރުން އައްޑޫގެ ޖަމިއްޔާ ޖަމާއަތްތަކުން ވެސް ދަނީ މި މައުރަޒުގައި ބައިވެރިވުމަށް ތައްޔާރުވާން ފަށާފައެވެ.

ނޮވެމްބަރ މަހުގެ 22 އިން 28 އަށް މާލޭގައި ބާއްވާ މި މައުރަޒުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ އިގްތިސާދުގައި ހިއްސާކުރާ ސިނާއަތްތަކަށް ބޭނުންވާ ދިވެހި އުފެއްދުންތައް މާކެޓަށްނެރެ އެފަދަ އުފެއްދުންތަކަށް އެކަށީގެންވާ މާކެޓެއް ހޯދައިދީ ދިވެހި އުފެއްދުންތައް ކުރިއެރުވުން ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާ އާއްމުންނަށް އެއްތަނަކުން ދިވެހި އުފެއްދުންތައް ފެނިގެންދާނެ މާހައުލެއް ގާއިމްކޮށްދިނުމުގެ އިތުރުން އުވެމުން އަންނަ ދިވެހި އުފެއްދުންތަކާ މާކެޓަށް އަލަށް ނެރޭ އުފެއްދުންތައް ކުރިއެރުވުމަށް ހިއްވަރުދީ ދިވެހި މަސައްކަތްތެރިން ކުރިއެރުވުމަށް އިތުރު ފުރުސަތުތައް ހޯދައިދިނުން ކަމަށްވެސް އެމިނިސްޓްރީ އިން ވަނީ ބުނެފައެވެ.

އަންނަ ނޮވެމްބަރު މަހުގެ ފަހުކޮޅުގައި ކުރިއަށްގެންދާ މައުރަޒުގައި 6 ދާއިރާއަކުން ބައިވެރިވެވޭނެއެވެ.

1- ވަކިވަކި ފަރުދުންގެ ދާއިރާ

2- ރަށު ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާ

3- ވިޔަފާރިތަކުގެ ދާއިރާ (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނުގައި ބަޔާންކުރާ ވިޔަފާރިތައް)

4- ތައުލީމުދޭ މަރުކަޒުތަކުގެ ދާއިރާ

5- ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާ

6- ކްލަބު ޖަމިއްޔާ ތަކުގެ ދާއިރާ

ފަންނު އެކްސްޕޯގައި 76 ގިންތި އަކުން ބައިވެރި ވެވޭއިރު ކޮންމެ ގިންތިއަކުން 1 ވަނަ 2ވަނަ އަދި 3 ވަނަ ހޮވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މައުރަޒުގައި ބައިވެރިކުރާ ތަކެތީގެ ތެރެއިން ކޮންމެ ގިންތި އަކުން ވެސް %85 މާކުސް ލިބޭ ތަކެތި، މުޅި މައުރަޒުގެ ރަންވަނަ އަށް ވާދަކުރެވެއެވެ. އަދި އޭގެ ތެރެއިން ފަނޑިޔާރުން ކަނޑައަޅުއްވާ އެންމެ ރަނގަޅު 5 އުފެއްދުމަކަށް ރަންވަނަ ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެންމެ މަތިން ލިބޭ 5 ފަރާތަކަށް ، އެސްއެމްއީ ބޭންކުން 1 މިލިއަން ރުފިޔާގެ ލުއި ލޯނުލިބޭނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި މައުރަޒުގައި ބައިވެރިވުމަށް އެދޭ ފޯމް މިނިސްޓްރީގެ ވެބްސައިޓުންނާއި މިނިސްޓްރީގެ ދަށުން ގާއިމުކޮށްފައިވާ ބިޒްނަސް ސެންޓަރުތަކުން ލިބެން ހުންނާނެއެވެ. އަދި އައްޑޫގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން މައުރަޒާ ބެހޭ މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކަށް ހިތަދޫގައި ގާއިމުކޮށްފައިވާ ބިޒްނަސް ސެންޓަރ އިން މައުލޫމާތު ފޯރުކޮށްދީ ބައިވެރިވުމަށް އެދޭ ފޯރމު ވެސް ދޫކުރާނެ ކަމަށް ބިޒްނަސް ސެންޓަރ އިން ބުނެއެވެ. މީގެ އިތުރުން އައްޑޫއިން މި މައުރަޒުގައި ބައިވެރިވުމަށް ހުށަހަޅާ ފަރާތްތަކުން ހިތަދޫގައި ހުންނަ ބިޒްނަސް ސެންޓަރ ގެ އޮފީހަށް ފޯމު ހުށަހެޅުމަށް ވެސް އެފަރާތުން ވަނީ ބުނެފައެވެ.