English Edition
Dhivehi Edition

ދިވެހިރާއްޖޭގެ ދައުލަތަށް ލިބޭ އާމްދަނީގެ 5 ޕަސެންޓް ކައުންސިލްތަކަށް ދޭން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ކުރުނބާ މޯލްޑިވްސް ގައި ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ބާއްވާ މަހާސިންތާ ގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ މާލީގޮތުން ކައުންސިލްތައް ބާރުވެރިކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން ދައުލަތަށް ލިބޭ އާމްދަނީގެ 5 ޕަސެންޓް ކައުންސިލްތަކަށް ދޭން ނިންމާފައިވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ބިމުގެ ކުލިން ވަކި ބައެއްވެސް ކައުންސިލް ތަކަށް ދޭން ނިންމާފައިވާ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ 2020 ގައި ހެދިގެންދާ ބަޖެޓުން ކައުންސިލްތަކުގައި ހުރި މާލީ މައްސަލަތައް ހައްލު ވެގެން ދާނެ ކަމަށެވެ. އަދި ކައުންސިލް ތަކަށް ލިބޭ ފައިސާ އަކީ އާންމުންގެ ފައިސާތަކަށް ވީއިރު އެ ފައިސާ ތަކަށް އަމާނާތްތެރި ވުމަށް މިނިސްޓަރ އެދިލެއްވި އެވެ.

ސަރުކާރުން އަންނަނީ މާލީގޮތުން ކައުންސިލްތައް ހަރުދަނާކުރުމަށް ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ބަޖެޓުގައި ބާކީ ހުރި ފައިސާތައް ކައުންސިލް ތަކާއި ހަވާލުކުމަށް ދަނީ ސަރުކާރުން ވަނީ ފަށާފައެވެ. އަދި އަތޮޅު ފިހާރަތަކުން ލިބޭ އާމްދަނީ ވެސް ކައުންސިލް ތަކާއި ހަވާލުކުރަން ސަރުކާރުން ވަނީ ފަށާފައެވެ.