English Edition
Dhivehi Edition

އައްޑޫ އީދި ސަމާ 1440 ނިންމުމުގެ ގޮތުން ހުޅުމީދޫގައި އީދި ޕެރޭޑެއް ބާއްވައިފިއެވެ.

އިއްޔެ ހަވީރު ހުޅުދޫ ސްކޫލް ކައިރިން ފެށި މި ޕެރޭޑްގައި ސްކޫލް ކުދިންނާއި ގިނަ އަދަދެއްގެ އާންމު ރައްޔަތުންވަނީ ބައިވެރިވެފައެވެ. މި ޕެރޭޑްގައި ހުޅުދޫ މީދޫ ޖަމްމިއްޔާ ޖަމާއަތްތަކާއި ސްކޫލްތަކުން ބައިވެރިވެފައިވެއެވެ. ސަގާފީ ހަރަކާތްތަކާއެކު ކުރިއަށް ދިޔަ މި ޕެރޭޑްގައި ތިމާވެއްޓާއި ގުޅޭ ގިނަ ހަރަކާތްތަކެއްވެސް ސްކޫލް ކުދިން ވަނީ ދައްކުވައިދީފައެވެ. މި ގޮތުން ޝަރީފީ ސްކޫލުން އުކާލާ އެއްޗެހިން ހަދާފައިވާ ހެދުންތައް ބޭނުންކޮށްފައިވާއިރު ޝަމްސުއްދީން ސްކޫލް އިންވަނީ ކަނޑުގެ ދިރުންތަކުގެ މުހިއްމުކަން އަންގައި ދިނުމުގެ ގޮތުން ތަމްސީލެއް ދައްކާލަފައެވެ.

މި ޕެރޭޑަށް ގިނަ ބައެއްގެ ބޮޑު ތަރްހީބެއް ލިބިފައިވާއިރު މި ޕެރޭޑް އިންތިޒާމްކުރި މުލިމަތި ޖަމްމިއްޔާއިން ބުނީ މި އިވެންޓް ކަމިޔާބު އިވެންޓެއްގެ ގޮތުގައި ނިމިގެން ދިޔައީ ހުޅުދޫ މީދޫގެ ޖަމްމިއްޔާތަކާއި ސްކޫލްތަކުން އަދި ސަރުކާރުގެ މުއައްސަސާތަކުން ދިން އެއްބާރުލުމާއެކުގައިކަން ފާހަނގަކޮށްފައެވެ.

އައްޑޫ އީދި ސަމާ ފާހަނގަކުރުމުގެ ގޮތުން ހުޅުމީދޫގައި ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ގޮތުން މުލިމަތި ޖަމްމިއްޔާއިން މޫދު ކުޅިވަރާއި އެކު އީދި ކުލަފެން ފޯރި ކުރިއަށް ގެންގޮސްފައިވާއިރު ހުޅުދޫ އަންހެނުންގެ ގުޅުމުން ވަނީ ބޮޑެތި މީހުންގެ ކުޅިވަރުތައް ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން މުލިމަތި ޖަމްމިއްޔާ އާއި ހުޅުމީދޫ ޕޮލިސް ގުޅިގެން އީޕީއެމްގެ އެހީތެރިކަމާއި އެކު އީދި މަޅި ކުރިއަށް ގެންގޮސްފައިވާއިރު ޗޭނު ޖަމްމިއްޔާ އިންވަނީ ސަގާފީ ދިރިއުޅުން ދައްކާލުމުގެ އިވެންޓެއް ބާއްވާފައެވެ. މީގެ އިތުރުން ޖަމްމިއްޔާތަކުން ގުޅިގެން ކުޑަކުދިންގެ ހަވީރެއް ބާއްވާފައިވާއިރު ޖަމްމިއްޔާތައް ގުޅިގެން އިސްރަށްވެހިންނާއި އެކު ބޮޑެތި މީހުންގެ ކުޅިވަރުތައް ވަނީ ބާއްވާފައެވެ.

 

1 ކޮމެންޓް
Mohamed yaamin
އޮގަސްޓް 18, 2019
Soon Good