އަޟްހާ އީދު ފާހަގަކުރުމަށް އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ‘އައްޑޫ އީދި ސަމާ’ ގެ ނަމުގައި ކޮންމެ އަހަރެއްގައިވެސް އަންނަނީ ހަރަކާތްތަކެއް ބާއްވަމުންނެވެ. އައްޑޫގެ ހުރިހާ އަވަށެއްގައި ކުރިއަށް ގެންދާ މި ހަރަކާތްތަކަށް ބޮޑު ތަރުހީބެއް ލިބެމުން އައި ނަމަވެސް ބައެއް އަވަށްތަކުގައި މި ހަރަކާތްތައް ކުރިއަށް ގެންދާ ގޮތުން ރައްޔިތުންގެ ފާޑު ކިޔުންތަކާ ހިތްހަމަނުޖެހުންތައްވެސް އިންތިހާއަށް ބޮޑެވެ.
މިއަހަރު ބޮޑު އީދުގެ ހަރަކާތްތައް:
އައްޑޫ ސިޓީ ކައުންސިލުން މި އަހަރު ބޮޑު އީދުގެ އިވެންޓްތައް ވަރަށް ކުރިން ޕްރޮމޯޓްކުރަން ފަށައިފިއެވެ. ކައުންސިލުން ކުރިއަށް ގެންދާ ހަރަކާތްތައް އިޝްތިހާރުކުރަން ފަށައިފިއެވެ. އައްޑޫގެ ހުރިހާ އަވަށެއްގައި އީދު މަޅިލުމާ އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރާނެ ވާހަކަ އެންގިއެވެ. އަޟްހާ އީދުގައި އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ އުޟްހިޔާ ކަތިލާނެކަމަށް އަންގާ ‘އިއުލާން’ ކުރިއެވެ. އީދުގެ ފުރަތަމަ ދުވަހުގެ ހަރަކާތްތައް ‘ވަރަށް ފުރިހަމަ’ އަށް އިޝްތިހާރުކުރިއެވެ. އެކަމަކު އެއީ ހަމައެކަނި އިޝްތިހާރެކެވެ. ކައުންސިލުގެ އެންމެ ފުރަތަމަ އިވެންޓްވެސް ވީ ބޮޑު ‘ފްލޮޕަކަށެވެ’. އައްޑޫގެ ބައެއް އިވަށްތަކުގައި އީދު މަޅިލުމަށް ބޮޑު ހަރަދުތަކެއް ކުރިކަމަށް އެ އަވަށްތަކުން ބުނެފައިވާއިރު ރައްޔިތުންނަށް ފެނުނީ 3 މިނިޓްވެސް ނުވާ ކުޑަކުޑަ ‘ހުޅުކޮޅެކެވެ’ އެހާ ހިސާބުންވެސް ގިނަ ބަޔަކު މި އީދުގެ ހަރަކާތްތައް ކުރިއަށް ދާނެ ގޮތުގެ ތަސައްވަރެއް ކޮށްލިއެވެ.
އީދު ދުވަހު އީދު ނަމާދުގެ އިންތިޒާމުތައްވެސް ދިޔައީ އެހާ ‘ދޯހަޅި’ ކޮށެވެ. އައްޑޫ ސިޓީގައި އީދުގެ ބޮޑު ޖަމާއަތް ބޭއްވި ގިނަ ރަށްރަށުގައި އެކަމަށް އެ ކަށީގެންވާ ތައްޔާރީއެއްވަފައެއް ނެތެވެ. އެންމެ އާބާދީ ބޮޑު ހިތަދޫ ސިޓީ ސްކެއާގައި އީދު ނަމާދު ކުރުމުގެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް އިއުލާންކުރި ނަމަވެސް އެ ތަނަށް ނަމާދަށް ދިޔަ ގިނަ މީހުން އެނބުރި ގެއަށް އަންނަން ޖެހުނީ އީދު ހެދުމުގައި އުގުޅުނު ހިރަފުސްތަކާއެކުގައެވެ.
ދެން އޮތީ މި އީދުގެ އެންމެ ‘މަޖާ’ ވާހަކައެވެ. އުޟްހިޔާ ކަތިލާނެކަމަށް ބުނެ ސިޓީ ކައުންސިލުން ކުރި އިޝްތިހާރާއެކު ކުޑަކުދިންވެސް އެ މަންޒަރު ބެލުމަށް ބޭނުންވިއެވެ. އެކަމަށް އެންމެންވެސް އިންތިޒާރުކުރިއެވެ. އެހެންނަމަވެސް އެންމެ ފަހު ވަގުތު އެކަން ކެންސަލްވީއެވެ. ކެންސަލްކުރި ސީދާ ސަބަބު ކައުންސިލުން ރަސްމީކޮށް އިއުލާންކޮށްފައި ނުވިނަމަވެސް، އުޟްހިޔާ ކަތިލުމަށް ބޭނުންވާ ބަކަރި ނުލިބުނުކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. ކައުންސިލުން އިންތިޒާމުކޮށްގެން ހިތަދޫގައި ބޭއްވި ބޮޑު މަސް ބޭނުމުގެ އިވެންޓްގައިވެސް ‘މާ ބޮޑު’ ހައްސަކަމެއް ނެތް ނަމަވެސް އެ ހަރަކާތް ބޭއްވި ސިޓީ ސްކެއާ ސަރަހައްދަށް ގިނަ ބަޔަކު އެއްވެ އެ އިވެންޓްގައި ބައިވެރިވިއެވެ. ދެން ފަހަރަކު ބޮޑު މަސް ބާނާ އިވެންޓް އެއަށްވުރެ ފުރިހަމަކޮށް އަދި ތަފާތުކޮށް ކުރިއަށް ގެންދިއުމަށް ގިނަބަޔަކު އެދުނު އިރު ‘ބޮޑު މަހުގެ ސައިޒަށްވެސް ފާޑުކިޔުންތައް އަމާޒުވިއެވެ.
ދެން އޮތީ ސިޓީ ކައުންސިލުން 28 ޖޫން އިން 30 ޖޫންއަށް ބޭއްވި ބައިބަލާ މުބާރާތުގެ ވާހަކައެވެ. ފޯރިއާއި އެކު ޓީމުތަކުން ބައިވެރިވެގެން ކުރިއަށް ދިޔަ ބައިބަލާ މުބާރާތުގައި އެންމެ ފުރަތަމަވެސް ޖެހުނީ ރެފްރީންގެ މައްސަލައެވެ. އެކަމަށް އެކަށީގެންވާ ރެފްރީން ނެތުމުން ދިމާވި މައްސަލަތައް ނިމިގެން ދިޔައީ ބައިބަލާ މުބާރާތުގެ ފޯރި ގަދަ ފައިނަލް ބަލަން ތިބި މީހުންނަށް ބޮޑު މާޔޫސް ކަމަކާއެކުގައެވެ. އެޗްޕީއެލް އާއި ސްކޫޕް ކަންމަތި ބައްދަލު ކުރި ފޯރި ގަދަ މެޗުގައި ރެފްރީއަށް ހެދުނު ‘މިސްޓޭކެއް’ގެ ސަބަބުން މެޗުގެ ކުޅުން ހުއްޓާލަންޖެހުނެވެ. އިންތިޒާމު ކޮމިޓީ އާއި ދެ ޓީމުގެ އޮފިޝަލުން ދެއްކި ވާހަކަ ކޮޅެއްގައި ނުޖެހުނެވެ. އެންމެ ފަހުން މެޗު އަލުން ފެށުމަށް ނިންމާ އެކަން އިއުލާންކުރުމާއެކު އެޗްޕީއެލް އިން މެޗު ދޫކޮށްލިއެވެ. ފޯރި ގަދަ ބައިބަލާގެ ފައިނަލް ނުފެނި ތަށްޓާ މެޑެލް ދީ ނިންމާލިއެވެ.
މީގެ އިތުރުން އައްޑޫ ސިޓީ ކައުންސިލުން އެކި އަވަށްތަކުގައި ބޭއްވި ހަރަކާތްތައްވެސް ދިޔައީ ‘ފެނަށެވެ’. މީދޫގައި އިދާ ގުޅިގެން ބޭއްވި ޑޮޖް ބޯޅަ މުބާރާތާ، ވާދެމުމާ،ކުޑަކުދިންގެ ހަވީރަުގެ އިތުރުން ޖަމިއްޔާއަކާ ގުޅިގެން ބޭއްވަން އުޅުނު މަސްރޭހަށްވެސް ކައުންސިލުން އެކަށީގެންވާ އެއްބާރުލުމެއް ނުލިބޭކަމަށް ބުނެ ގިނަ ފާޑުކިޔުންތަކައް އަމާޒުވިއެވެ. މީދޫގައި އީދު ކުޅިވަރަށް ތިރީސް ހާސް ރުފިޔާއަށް ވުރެ ބޮޑު ބަޖަޓެއް ކަނޑައަޅާފައިވާއިރު މުބާރާތްތަށް ކާމިޔާބު ކުރި ޓީމްތަކަށް އަގު ހުރި އިނާމްތަކެއް ލިބޭނެކަމަށް ބުނެ ‘އެޕޯލޯ’ ފޮއްޓެއް ދިނުން ވަރަށްވެސް ލަދުވެތިކަމަށް ކުޅިވަރުތަކުގައި ބައިވެރިވި މީހުން ވަނީ ބުނެފައެވެ.
މަރަދޫގައި އީދުގެ ފޯރި ތަފާތު:
އައްޑޫ ސިޓީ މަރަދޫއަކީ އެ ސިޓީގައި އެންމެ ކުލަގަދަކޮށް އީދު ފާހަގަކުރާ އަވަށެވެ. އެ އަވަށުގެ ހުރިހާ ރައްޔިތުން ގުޅިގެން ވަރަށް ކުރީއްސުރެ އީދަށް ތައްޔާރުވާން ފަށައެވެ. އެހެންކަމުން މިފަހަރުވެސް އެ ރަށުގައި އީދު ފޯރި ތަފާތެވެ. އެ ރަށުގައި ކުރިއަށް ގެންދިޔަ ކުޅިވަރުތައް ފޯރި ގަދަވެފައި ކާމިޔާބެވެ. އީދު ސައި އިން ފެށިގެން މަސް ރޭހާ ކުޑަކުދިންގެ ހަވީރަށް ބޮޑަށް ތަރުހީބެއް ލިބުނެވެ.
މިއަހަރު އައްޑޫ ސިޓީގައި އީދުގެ ފޯރި ގަދަކޮށްލީ އެމްއެންޑީއެފް އިން އެ ސިޓީގެ ތިން އަވަށުގައި ބޭއްވި ޕެރޭޑާ، އީދު މަޅި އިވެންޓުގައި ދުންމާރި ބޮޑުބެރު ގުރުޕުގެ އިވެންޓްގެ އިތުރުން ހިތަދޫގައި ބޭއްވި ދުންމާރި މިއުޒިކް ޝޯއެވެ. އީދާ ގުޅިގެން ކައުންސިލުން ބޭއްވި ހުރިހާ ‘ފްލޮޕް’ އިވެންޓެއް ކަވަރުކޮށް ދިން އިވެންޓަކީ ދުންމާރި މިއުޒިކް ޝޯކަން ޔަގީނެވެ. ސޮނީ ޓީވީ އިން ގެނެސްދޭ ރިއަލިޓީ ޝޯ “ސުޕަސްޓާ ސިންގާ 2” ކާމިޔާބުކުރި މުހައްމަދު ފައިޒް ގެ އިތުރުން މަރިޔަމް އަޝްފާ، މޯލްޑިވިއަން އައިޑަލްގެ ސީޒަން އެކަކުން ވިދާލި އަޒްލީފާ، އައިޑަލް ސީޒަން ތިނަކުން ވިދާލި ޝަމްވީލް (ބަރޯ) އަދި މެޒޯ މޯޑުގެ ހުށަހެޅުންތައް ފެނިގެން ދިޔަ މި ޝޯ ބެލުމަށް އެތައް ހާސް ބަޔަކު އެއްވިއެވެ. ޝޯ ބެލުމަށް ‘ވީއައިޕީންނަށް’ ހާއްސަކޮށްފައިވާ ބަޔާ، ޖަހާފައިވާ ގޮނޑިބަރީގެ ސަބަބުން ޝޯގެ ‘ލޮނު މަޑުވެގެން’ ދިޔަނަމަވެސް ޝަމްވީލް އާއި ފައިޒްގެ މޮޅު ހުނަރާއެކު އެކަންތައް މާބޮޑު ކަމަކަށް ނުވިއެވެ.
މިހާތަނަށް އައްޑޫގައި ބޭއްވި އެންމެ ފޯރި ގަދަ ޝޯގެ ތެރެއިން އަލިފާނުގެ ކުޅިވަރުތަކާ ހަވާއެރުން ކުރިއަށް ގެންގޮސްފައިވާއިރު މި ޝޯއަކީ ގިނަ ބަޔަކަށް ވަރަށް ކަމުދިޔަ ކާމިޔާބު ޝޯއެއްކަން ޔަގީނެވެ. މިހާތަނަށް އައްޑޫގައި އެންމެ ގިނަ އިރުވަންދެން ހަވާއެރުވި މި އިވެންޓްގައި ބައިވެރިވި ކޮންމެ މީހަކުވެސް އީދު ނިންމާލީ ކައުންސިލުގެ ޝޯއަށް ‘ތައުރީފު’ ކުރަމުންނެވެ.
ކޮންމެއަކަސް އައްޑޫ އީދި ސަމާގެ ނަމުގައި ކައުންސިލުން ކުރި އިޝްތިހާރާ އެއްވަރުގެ ހަރަކާތްތަކެއް ފެނިގެން ނުދިޔައެވެ. ރާއްޖޭގެ އެހެން ރަށްތަކުގައި އީދުގައި އެ ނަގާ ފޯރިއާއި ޖޯޝެއް ނެތެވެ. ގިނަ ހަރަކާތްތައް ދިޔައީ ‘ބަޔަކު ކަމެއް ކުރާތީ، ކުރާ އުސޫލުން’ ނެވެ. އެހެންނަމަވެސް ހަމަ ޔަގީނުންވެސް އައްޑޫ އަކީ މިއަށްވުރެ ރަނގަޅަށް މިކަން ކުރެވޭނެ ސިޓީއެކެވެ. އިޖްތިމާއީ ޖަމިއްޔާތައް ގިނަ އަައްޑޫ ސިޓީގައި މިއަހަރުވެސް އަމިއްލަ ޖަމިއްޔާތަކުން ފޯރިގަދަ އިވެންޓްތައް ބާއްވާފައިވާއިރު ކައުންސިލުންވެސް ޖަމިއްޔާ ޖަމާއަތްތަކާ އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް ބަދެހި ކުރަންޖެހެއެވެ. ގުޅިގެން އެކުގައި މަސައްކަތްކުރަން ޖެހެއެވެ. މިފަދަ ބޮޑެތި އިވެންޓްތައް އިންތިޒާމުކުރާ އިރު އެ ފަދަ މަސައްކަތްތައް ކުރާ ހުރިހާ އަވަށެއްގެ ހުރިހާ އެންމެންނާ ވާހަކަ ދެކެވި މަޝްވަރާ ކުރެވެން ޖެހެއެވެ. އެންމެންގެ ހިޔާލާއެކު ގުޅިގެން މަސައްކަތްކޮށްފި ނަމަ މިއީ އެއްވެސް ކަމެއް ނޫންކަން ޔަގީނެވެ. ހުރިހާ ކަމެއްގެ ‘ކްރެޑިޓް’ ނެގަން މަސައްކަތްކުރުމުގެ ބަދަލުގައި އެންމެން ބައިވެރިކޮށްގެން ކޮށްފި ނަމަ ކާމިޔާބުވާނެއެވެ.